ޚަބަރު

"އައު އީޖާދުތަކާއި ވިސްނުންތަކުގެ ތެރެއިން ރާއްޖޭގެ ދެމެހެއްޓެނިވިކަމާއި ކުރިއެރުމަށް މަސައްކަތްކުރަންޖެހޭ"


އައު އީޖާދުތަކާއި ވިސްނުންތަކުގެ ތެރެއިން ރާއްޖޭގެ ދެމެހެއްޓެނިވިކަމާއި ކުރިއެރުމަށް މަސައްކަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދުނިޔޭގެ އުފެއްދުންތެރިކަމާއި އީޖާދުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ދުނިޔޭގެ އުފެއްދުންތެރިކަމާޢި އީޖާދުގެ ދުވަހަކީ، އިންސާނީ ތަރައްޤީގައި އުފެއްދުންތެރިކަމާއި އިޖާދުގެ ދައުރަށް މީހުން ހޭލުންތެރިކުރުމަށް އ.ދ އިން ފާހަގަކުރާ ދުވެހެކެވެ. މި ދުވަހާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މީސްމީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، އުފެއްދުންތެރިކަމާއި އީޖާދީ ވިސްނުމަށް އިސްކަން ދޭ ރާއްޖޭއަކަށް ބިނާކުރުމަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ. އެމަނިކުފާނު ވަނީ އެފަދަ ރާއްޖެއެއްގައި ކޮންމެ ކުއްޖަކަށްވެސް ދެކޭ ހުވަފެންތައް ހާސިލްވެ، ކޮންމެ ފަންނުވެރިއެއް ކުރިއަރާނެ ކަމަށެވެ. އަދި ކޮންމެ އުފެއްދުންތެރިއެއް ޤައުމުގެ މުސްތަޤުބަލު ބައްޓަން ކުރުމުގައި ހިއްސާދާރަކަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ދިވެހި ޤައުމު ބިނާކުރުމުގައި ދެމެހެއްޓެނިވިކަމާއި ކުރިއެރުން ހޯދުމަށް، އީޖާދީ ވިސްނުމާއި، އުފެއްދުންތެރިކަން އިސްކުރުމަށް އެދިވަޑައިގެންފައެވެ.

ރައްޖޭގެ އުފެއްދުންތެރިކަމުގެ ޖީލެއް ބިނާކޮށް، އެފަރާތްތަކަށް އާމްދަނީ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމަށް މަގުޗާޓެއް އެކުލަވާލައި މިދިޔަ އަހަރު ސަރުކާރުން ވަނީ އިފްތިތާޙްކޮށްފައެވެ. މިއާއެކު ރާއްޖޭގެ އުފެއްދުންތެރިކަމުގެ މާހައުލެއް ޤާއިމްކޮށް ބޭރުގެ މާކެޓުތަކަށް އެފަރާތްތަކަށް އާމްދަނީ ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.

އެގޮތުން ޕޭޕަލް ފަދަ ޚިދުމަތްތައް ތަޢާރަފްކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ. މިހާރު ރާއްޖެ އައިސް އުޅޭ ޓިކްޓޮކުގެ ވަފުދުންވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ އިސް ފަރާތްތަކާވެސް ބައްދަލުކުރައްވާފައެވެ. އެވުޒާރާއިން ވިދާޅުވީ، ޓިކްޓޮކްގެ ވަފްދާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ޑިޖިޓަލް މޮނިޓައިޒޭޝަން ނުވަތަ ޓިކްޓޮކުގައި ހިއްސާ ކުރާ އުފެއްދުންތަކަށް އާމްދަނީ ލިބޭނެ ގޮތް ހޯދުމަށް، އައު މަގުތައް ހުޅުވުމަށް ޓިކްޓޮކާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ.

ރާއްޖޭގައި ކްރިއޭޓަރ އިކޮނޮމީއެއް ޤާއިމް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ސަރުކާރުން ދަނީ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އާމްދާނީ ލިބޭނެ ގޮތްތަކާއި ގުޅޭގޮތުން އެކި މަންސަތަކުގައި މަޝްވަރާކުރަމުންނެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުވެސް ވަނީ ރާއްޖޭގައި އޮންލައިންކޮށް އެކި އުފައްދާ އުފެއްދުންތެރިން ތިބިކަމަށާއި މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކަކީ، އެގޮތަށް އާމްދަނީ ހޯދޭނެއް ވަސީލަތެއް ކަމަށް ވިދާޅުވެއެވެ.