ބާސެލޯނާގެ އެންމެ މުހިންމު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއަށް އަނިޔާވެ، މުހިންމު މެޗުތަކެއް ގެއްލިދާނެކަމުގެ ބިރުހީވެއްޖެއެވެ. އޭނާއަށް އަނިޔާވީ ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހާފުގައެވެ. އެއާއެކު އޭނާ ވަނީ ދަނޑުން ބާލާފައެވެ.
މި އަނިޔާގެ ސަބަބުން މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ކުޅޭ ސްޕެނިޝް ކަޕުގެ ފައިނަލް މެޗާއި، އަންނަ ހަފުތާގައި ކުޅޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގެ މެޗުގައިވެސް ލެވަންޑޯސްކީއަށް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.
ބާސެލޯނާއިން ބުނީ ޕޮލަންޑްގެ ފޯވާޑް ކުޅުމާ ދުރުގައި ހުންނަން ޖެހޭނީ ކިހާ ދުވަހަކު ކަމެއް ބުނަން ނޭނގޭ ކަމަށެވެ.
ލެވަންޑޯސްކީ އަކީ ކޯޗު ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި ބާސެލޯނާގައި އެންމެ މުހިންމު އެއް ދައުރެއް އަދާކުރާ ކުޅުންތެރިޔާއެވެ. އުމުރުން މިހާރު 36 އަހަރުގެ ފޯވާޑް ވަނީ މި ސީޒަނުގައި މިހާތަނަށް 40 ލަނޑު ޖަހާފައެވެ.
ލެވަންޑޯސްކީއަށް އަނިޔާވިއިރު ބާސެލޯނާގެ ޑިފެންޑަރު އަލެހެންދްރޯ ބަލްޑޭއަށްވެސް ވަނީ އަނިޔާވެފައެވެ. އެންމެ ފަހުން އެ ޓީމު ކުޅުނު ދެ މެޗުގައިވެސް ނުކުޅެހުރި ބަލްޑޭއަށް ޗެމްޕިއަންސް ލީގުގައިވެސް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ވަނީ ސީޒަނުގެ އެންމެ މުހިންމު ދުވަސްތަކަށް އެޅުނުއިރު ސްޕެނިޝް ލީގުން މެޗުތައް ތާވަލުކޮށްފައިވާ ގޮތުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އޭނާ ބުނީ 15 ދުވަސް ތެރޭގައި މުހިންމު ފަސް މެޗު ކުޅެން ޖެހިފައިވާއިރު، ކުޅުންތެރިން އަރާމުކުރަން ވަގުތު ނެތް ކަމަށެވެ.