ކުޅިވަރު

ގައުމީ ވޮލީ ލީގު: ޖީޖީ އަތުން ފަހަތުން އަރައި ސިޓީ މޮޅުވެއްޖެ


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ އަންހެން ޑިވިޝަނުގައި މިއަދު ހަވީރު ޖީޖީ ސްޕޯޓްސް އެކެޑަމީއާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުން އަރައި ސިޓީ ފްރެންޑްސް ކުލަބު މޮޅުވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗުން ސިޓީ މޮޅުވީ ތިން ސެޓު އެއް ސެޓުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ޖީޖީން ވަނީ ފުރަތަމަ ސެޓު 25-19 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ޖެހިގެން އައި ތިން ސެޓުގައި ސިޓީ ފްރެންޑްސްއިން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ސެޓުތައް ގެންދިޔައީ 25-20، 25-17 އަދި 25-18 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިޓީ ފްރެންޑްސްގެ ބިދޭސީ ކުޅުންތެރިޔާ ޖުލާލަކް ނަޗަލޮއެންއެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ގަދަ ހަ ޓީމު ވާދަކުރަމުން އަންނައިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ލީގުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ. އަދި ލީގަށްފަހު އޮންނަ ގައުމީ މުބާރާތުން ފުރުސަތު ލިބިގެންދާނީ ލީގުގެ ގަދަ ހަތަރު ޓީމަށެވެ.