ބްރެޒިލްގެ ސަންޓޯސްއަށް ކުޅެމުން އަންނަ ނޭމާ ޖޫނިއަރއަށް އަނެއްކާވެސް އަނިޔާވެ ރޮމުން ދަނޑުން ފޭބި މެޗަށްފަހު، އޭނާއަށް ދެން އަލުން ކުޅެން ނުކުމެވޭނީ ހަ ހަފުތާ ފަހުން ކަމަށް އެ ކުލަބުން ބުނެފިއެވެ.
އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑްކަޕުގައި ބްރެޒލްގެ ގައުމީ ޓީމަށް ކުޅެން އުއްމީދުކުރަމުން އަންނަ ކުޅުންތެރިޔާ އަށް ވަނީ ފިޓްނަސްގެ ގިނަ މައްސަކަތަކަކާ ކުރިމަތިވެފަ އެވެ. ބުދަ ދުވަހު އެތްކެޓިކޯ މިނެއިރޯ އަތުން އޭނާގެ ސަންޓޯސް 2-0އިން މޮޅުވި މެޗުގެ 34 ވަނަ މިނިޓްގައި އޭނާ ބާލަން ޖެހުނީ ފަލަމަސްގަނޑަށް އަނިޔާވެގެންނެވެ. މިއީ ހަ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސަންޓޯސް އަށް މިދިޔަ ޖެނުއަރީ މަހު ކުޅެން ފެށި ފޯވަޑަށް އެކުލަބުގައި އަނިޔާވި ދެ ވަނަ ފަހަރެވެ.
އެ ޓީމުފެ ކޯޗު ސެޒާ ސަމްޕާއިއޯ ބުނީ އުއްމީދު ކުރީ ނޭމާ އަށް ހަފުތާއެއްގެ ތެރޭގައި އަލުން ކުޅެން އާދެވޭނެ ކަމަށް ކަމަށެވެ.
"ވަރަށް ދެރަކޮށް މި ދިމާވީ އަނެއްކާ ވެސް. އަހަރެން އުއްމީދު ކުރީ އޭނާ އަށް އަލުން ވަރަށް އަވަހަށް ކުޅެވޭނެ ކަމަށް. އެކަމަކު ޑޮކްޓަރުން ބުނީ ހަތަރެއް ނޫނީ ހަ ހަފުތާ ނަގާނެ ކަމަށް އެއްކޮށް ފިޓްވާން. އެއީ ވަރަށް ގިނަ ދުވަސް. މީގެ ސަބަބުން އަހަރެންގެ ޕްލޭންތައް ވަރަށް ބޮޑަށް ބަދަލު ކުރަންޖެހޭނެ" ކޯޗު ބުންޏެވެ.
އޭނާ ބުނީ ނޭމާ ބާލަން ޖެހުމުން މުޅި މެޗުގައި އޭނާގެ ރޭވުން ވަރަށް ބޮޑަށް ބަދަލު ކުރަން ޖެހުނު ކަމަށެވެ.
އުމުރުން 33 އަހަރުގެ ފޯވަޑަށް އެންމެ ފަހުން ބޮޑު އަނިޔާއެއްވީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެނިކޮށްވެ. ވޯލްޑްކަޕް ކޮލިފައިންގައި އުރުގުއޭއާ ދެކޮޅަށް ކުޅެނިކޮށް އޭނާ ކަކޫ ހަލާކުވުމުން ގާތްގަނޑަކަށް ދޮޅު އަހަރު ދުވަހު ނުކުޅެ ހުންނަން ޖެހުނެވެ. އަލުން އެނބުރި ފޯމަކަށް އެޅެން ސަންޓޯސް އަށް ބަދަލުވި ނަމަވެސް އެންމެ ފަހުން އެކުލަވާލި ބްރެޒިލް ޓީމުން ވެސް ފަހު ވަގުތު އޭނާ ބާކީ ކުރީ ހާނިއްކަވުމުންނެވެ.