ފުލުހުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތަކީ ވަރަށް މާތް މަޤުޞަދެއް ޙާސިލްކުރުމަށް ދޭ ޚިދުމަތެއްކަމަށާއި، އެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެއްވަން ޖެހޭނީ ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކުގައިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ އައްޑޫ ސިޓީއާއި ސައުތު ޕޮލިހުގެ ސްޓާފް ނައިޓްގައި ވާހަކަދައްކަވަމުންނެވެ.
އައްޑޫ ސިޓީ ފުލުހުންނާއި އައްޑޫ ސިޓީގައި މަސައްކަތްކުރަމުން އަންނަ ސައުތު ޕޮލިސްގެ ސްޕެޝަލިސްޓް ޓީމުތަކުގެ ފުލުހުން 2024 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ‘’ތިން ބްލޫ ލައިން- އަ ސައުތު ސައިޑް ސެލެބްރޭޝަން'' ގެ ނަމުގައި ސްޓާފް އެޕްރިސިއޭޝަން ނައިޓެއް ވަނީ ބާއްވާފައެވެ.
އީކުއޭޓަރ ވިލެޖުގެ ބްލޫ ލެގޫންގައި ބޭއްވި މި ހަފުލާ ޝަރަފުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.
މި ހަފުލާގައި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ޝަމީމްއާއި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދުއާއި، އައްޑޫ ސިޓީ ޕޮލިސް ކޮމާންޑަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު މަސްޢޫދުއާއި އެހެނިހެން މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ މަސައްކަތްތަކަކީ ވަރަށް މާތް މަސައްކަތެއްކަމާއި، ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކު މަސައްކަތްކުރުމަށް ހުރިހާ ފުލުހުންގެ ފަރާތުން އެދިލެއްވިއެވެ. އަދި ފުލުހުންގެ މަސައްކަތުގެ އަގުވަޒަންކުރުމަކީ ގިނަ ފަހަރަށް ނުކުރެވި ދޫކޮށްލެވޭ ކަމެއް ކަމަށާ ނަމަވެސް މިފަދަ ހަފުލާއަކުން، ސައުތު ޕޮލިސްގެ ހުރިހާ ފުލުހުންނާ ބައްދަލުވެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިލެއްވިކަން ފާހަގަކުރެއްވިއެވެ.
އަދި ސައުތު ޕޮލިސްގެ މުވައްޒަފުންނަކީ ވަރަށް ނަމޫނާ މަސައްކަތްތަކެއް ކުރަމުން އަންނަ މުވައްޒަފުންކަން ފާހަގަކުރައްވައި މުވައްޒަފުންނަށްޝުކުރު އަދާކުރެއްވިއެވެ.
މި ހަފުލާގައި، ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ޝަމީމް ދެއްކެވި ވާހަކަފުޅުގައި ސައުތު ޕޮލިސްގެ ތަރައްގީއަށް ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި ރީޖަންގެ ތެރޭގައި ހަމަޖެހިފައިވާ އެކިއެކި ނިޒާމުތަކުގެ ސަބަބުން މަސައްކަތަށް ލިބިފައިވާ ފަސޭހަކަމާއި ކުރިއެރުންތައް ހިއްސާކުރެއްވިއެވެ. އަދި ސައުތު ޕޮލިސްގެ ތަރައްގީއާއި ކުރިއެރުމަށް އެކި ދައުރުތަކުގައި މަސައްކަތްކޮށްދެއްވީ ފުލުހުންނަށް ޝުކުރު އަދާކުރެއްވިއެވެ.
މި ހަފުލާގައި، އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންނާއި ސައުތު ޕޮލިސްގެ އެކި ޔުނިޓުތަކުގައި އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތްކޮށްފައިވާ ފުލުހުންނަށާއި އެންމެ ރަނގަޅަށް މަސައްކަތްކޮށްފައިވާ އާއްމު މުވައްޒަފުން އަދި ޓެކްނިކަލް މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވެއެވެ. އަދި ޑިޕާޓްމަންޓުތަކާއި ޔުނިޓުތަކުން ކޮށްފައިވާ މަސައްކަތުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވެއެވެ.