ޚަބަރު

ހުޅުމާލެ ހޮސްޕިޓަލަށް 21 އަހަރު: ޚިދުމަތް އިތުރަށް ފުޅާކުރުމަށް ރޭވިފައިވާ ކަންކަން ފަށަން ތައްޔާރުވެފައި


  • މާލެ ސަރަހައްދުގެ ސިއްޙީ ޚިދުމަތައް އެންމެ ބޭނުންވާ ހައްލު ލިބެނީ ހުޅުމާލެ ހޮސްޕިޓަލް ކުރިއެރުވިގެން

  • ޚިދުމަތް ފުޅާކުރުމަށް މިހާރުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން

ހުޅުމާލެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ ގިނަ ކަންތައްތަކެއް ކުރިއަށްހުރިކަން ސަރުކާރުން ފާހަގަކުރެއެވެ. އިތުރުވަމުންދާ ހުޅުމާލޭގެ އާބާދީއަށް އެންމެ އެކަށީގެންވާ މިންވަރަށް ޚިދުމަތް ފޯރުކޮށްދެވޭ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރުމަށް މިހާރުވެސް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ 21ވަނަ އަހަރީ ދުވަސް ކުލަ ގަދަކޮށް ފާހަގަކުރުމަށް ރޭ ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލަށް 21 އަހަރު ވީއިރު އެ ހޮސްޕިޓަލުން ގިނަ ޚިދުމަތްތަކެއް ފޯރުކޯށްދީ، ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ. އަދި ރާއްޖޭގެ ސިއްޙީ ނިޒާމުގައި ހުޅުމާލެ ހޮސްޕިޓަލަކީ މުހިންމު ހިއްސާދާރެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޚާއްސަކޮށް ހުޅުމާލެ އުފެދި ތަރައްޤީވަމުން އައުމުގައި ހުޅުމާލެ ހޮސްޕިޓަލުން މުހިންމު ދައުރެއް އަދާކޮށ، ތަފާތު ޚިދުމަތްތަކެއް ކޮށްދީފައިކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ ސިއްޙީ ނިޒާމު ފުޅާވެގެން އަންނައިރު ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްޤީވެގެން ނޫނީ މާލެ ސަރަހައްދުގައިދޭ ޞިއްޙީ ޚިދުމަތްތަކަށް އެންމެ ބޭނުންވާ ކުރިއެރުމާއި ހައްލުތައް ނުލިބޭނެކަމަށެވެ.

"ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތް ފުޅާނުވެ އިތުރަށް ތަރައްޤީނުވެ މާލެ ސަރަހައްދުގެ ސިއްޙީ ޚިދުމަތައް އެންމެ ބޭނުންވާ ހައްލެއް ނުލިބޭނެ. ވީމާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަންގެ ޞިއްޙީ ސިޔާސަތުގައި މި ހޮސްޕިޓަލްގެ ޚިދުމަތްތައް މިހާރުވެސް ދަނީ ވަރަށް ގިނަ ގޮތްތޮތުން ފުޅާވަމުން" ވަޒީރު ވިދާޅުވިއެވެ.

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލްގެ އިމަރޖެންސީރޫމް އިތުރަށް ފުޅާކުރުމާއި ޑައިލަސިސްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ ހުޅުމާލޭ ހޮސްޕިޓަލްގެ ތަރައްޤީއަށް ކުރިއަށް ރޭވިފައިވާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ. އެގޮތުން ހޮސްޕިޓަލްގެ ވޯޑަށް އެނދު އިތުރުކޮށް މެންޓަލް ހެލްތް އޯޕީޑީއާއި، އިމްޕޭޝަންޓް ޚިދުމަތް ފުޅާކޮށް އައުޓް ޕޭޝަންޓުންގެ އެކި ދާއިރާގެ އޯޕީޑީ ރޫމްތައް އިތުރުކުރުމާއި އިމްޕޭޝަންޓުގެ ދާއިރާ ފުޅާކުރުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ސެންޓަރަލް މެޑިކަލް ގޭސް މެނިފޯސިސްޓަމް ޤާއިމްކުރުމާއި ގައިނީ ވޯޑް ފުޅާކޮށް، ޑެލިވަރީ ސުއިޓްސް ޤާއިމްކުރުން ހިމެނެވެ. ވަޒީރު ނާޒިމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫއެއް ހިނގުމަކީ މި ސަރުކާރުން ކުރަން ނިންމާފައިވާ މުހިންމު މަސެއްކަތެއްކަމަށެވެ.

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވަނީ މަސައްކަތުގެ މާހައުލުގައި މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިވުމަށް އިލްތިމާސްކުރައްވާފައެވެ.

އިތުރު ޚިދުމަތްތަކެއް ޤާއިމްކޮށް ޓަރޝަރީ ފެންވަރުގައި ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.