އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުރިން ސްޕެއިންގެ ރަފައެލް ނަޑާލްއަށް ޚާއްސަ ކަންތައްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް މި މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.
ފްރެންޗް އޯޕަން 14 ފަހަރު މަތިން ކާމިޔާބުކޮށް މި މުބާރާތް މިހާތަނަށް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ސްޕެއިންގެ ރަފައެލް ނަޑާލް ވަނީ މިދިޔަ އަހަރު ޓެނިސް ކުޅުން ހުއްޓާލާފަ އެވެ.
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ނަޑާލް އެންމެ ފަހުން ކުޅެފައިވަނީ މިދިޔަ އަހަރު އެވެ. އެ މެޗުން އެލެކްޒެންޑަރ ޒްވެރޭވް އަތުން ނަޑާލް ބަލިވިއިރު އެއީ އޭނާގެ ފަހު މެޗުކަން އޭރު ހާމަކޮށްފައެއް ނުވެއެވެ. އޭގެ ފަހުން ނަޑާލް ވަނީ ޓެނިސް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ. ނަޑާލްގެ އެންމެ ފަހުގެ މުބާރާތެއްގައި ގޮތުގައި ބައިވެރިވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު އޮތް ޑޭވިސް ކަޕް ޓެނިސް މުބާރާތެވެ.
ކްލޭ ކޯޓުގެ ކިންގްގެ ގޮތުގައި އޭރު ބެލެވިފައިވާ ނަޑާލް ވަނީ ޖުމްލަ 22 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފަ އެވެ.
ފްރެންޗް އޯޕަން ޓެނިސް މުބާރާތް އިންތިޒާމް ކުރާ ރޮލޭންޑް ގެރޮސްގެ ޑިރެކްޓަރ އެމެލީ މައުރެސްމޯ ބުނެފައިވަނީ މި މުބާރާތުގައި ތާރީޚީ ނަތީޖާތަކެއް ހޯދާފައިވާ ނަޑާލް އަކީ މި މުބާރާތުގެ ތާރީޚުގައި މުހިންމު ކުޅުންތެރިއެއް ކަމަށެވެ.
"ނަޑާލް ވަނީ އަހަރުމެންނަށް ވަރަށް އުފާވެރި ގިނަ ވަގުތުތަކެއް މި މުބާރާތުގެ ތެރޭގައި އަހަރުމެންނަށް ގެނެސްދީފައި. އޭނާ މި ފަހަރުގެ މުބާރާތުގައި ކުޅުންތެރިއެއްގެ ގޮތުގައި ނުފެނުނު ނަމަވެސް މި މުބާރާތުގެ ތެރޭގައި އޭނާ އަހަރުމެންނަށް ފެނިގެންދާނެ." މައުރެސްމޯ ބުންޏެވެ.
ރޮލެންޑް ގެރޮސް އިން އިތުރަށް ބުނެފައިވަނީ ނަޑާލްގެ އިތުރުން މި އަހަރުގެ މުބާރާތަށްފަހު ކުޅުން ހުއްޓާލާނެކަން އިއުލާން ކޮށްފައިވާ ރިޗަޑް ގެސްކުއެޓް އާއި އަންހެން ޗެމްޕިއަން މެރީ ޕިއާސް އަށްވެސް ހާއްސަ ކަންތައްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
އަންނަ މެއި މަހުގެ 25 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިސާގެ އިނާމު މި އަހަރު ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން މި އަހަރުގެ މުބާރާތުގެ ޖުމްލަ އަގު 64.11 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މުބާރާތުގެ އަގާއި އަޅާ ބަލާއިރު 5.21 އިން ސައްތަ އިތުރު އަދަދެކެވެ.
ރޮލެންޑް ގެރޮސް އިން މި މުބާރާތުގެ ފައިސާގެ އިނާމު ބޮޑު ކޮށްފައިވަނީ ކުޅުންތެރިންގެ މެދުގައި ވާދަވެރިކަން ބޮޑުކޮށް އަދި ދުނިޔޭގެ އެންމެ މަޝްހޫރު މޮޅު ކުޅުންތެރިންގެ ސަމާލުކަން ހުއްޓުވުމުގެ ގޮތުންނެވެ.