ނިމިގެންދިޔަ ވީއޭއެމް ކަޕް 2025 ގެ ތަށި ކުލަބު ވެމްކޯއަށް ހޯދުނީ ކުރި ބުރަ މަސައްކަތުން ކަމަށް އެ ޓީމުގެ ކޯޗު އަޙްމަދު އަދީލް ބުނެފިއެވެ. ވެމްކޯއިން ވަނީ ފައިނަލް މެޗުގައި ސީދާ ތިން ސެޓުން ޕޮލިސް ކުލަބު ބަލިކޮށް، ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލާފައެވެ.
ފައިނަލް މެޗަށް ފަހު ވާހަކަދައްކަމުން އަދީލް ބުނީ ސެމީ ފައިނަލުގައި ޕޮލިސް ކުލަބު އަތުން ބަލިވީ ހެނދުނު ކުދިކުދި ގޯސްތަކުގެ ސަބަބުން ކަމަށެވެ. އެކަމަކު ފައިނަލް މެޗުގައި ތަފާތު ފެނިގެންދިޔައީ އެކަންކަން ރަނގަޅުކޮށްގެން މެޗަށް ނުކުތުމުން ކަމަށް އަދީލް ބުޏްނެވެ.
ކާމިޔާބު ލިބުނީ ރޭވިގޮތަށް ކުޅުންތެރިން ކުރި މަސައްކަތުންކަން ފާހަގަކޮށް އަދީލް ބުނީ މިފަހަރު މުބާރާތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ޓީމުތައް ވަރުގަދަވުން ކަމަށެވެ. އަދި މި ސީޒަންގެ ކުރިއަށް ހުރި މުބާރާތްތަކުގައިވެސް ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކާމިޔާބު ހޯދަން މަސައްކަތް ކުރާނެ ކަމަށް އަދީލް ބުންޏެވެ.
ކުރިއަށް އޮތް ގައުމީ ވޮލީބޯޅަ ލީގަށް އިޝާރާތްކުރަމުން އަދީލް ބުނީ ލީގުގައި ކޮންމެ މެޗަކުންވެސް މޮޅުވުން މުހިންމު ކަމަށާއި، ލީގުގައި ކޮންމެ މެޗަކަށްވެސް ނުކުންނާނީ ފައިނަލެއް ކަމަށް ދެކިގެން ކަމަށެވެ.
"އެންމެ ފުރަތަމަ ވެސް މިއޮތީ ވަރުގަދަޓީމެއް ހުރާ ޓީމު، އެމެޗަށް ވެސް އަޅުގަނޑުމެން ނުކުންނީ މެންޓަލީވެސް ވަރަށް ބޮޑަށް ތައްޔާރުވެގެން، ތިން މެޗު މިޖެހުނީ ވަރަށް ޕްރެޝަރ ތިން މެޗު އެއްވެސް ރެސްޓެއް ނެތި ރިކަވަރީއެއް ނެތި." އަދީލް ބުންޏެވެ.
އަދީލް ބުނީ އަމާޒަކީ އެންމެން ގުޅިގެން ލީގުވެސް ކާމިޔާބުކުރުން ކަމަށެވެ. އަބަދުވެސް ވެމްކޯ ޓީމަށް ޕްރެޝަރު އޮންނަ ކަމަށާއި، އެ ޓީމުގެ ކުޅުންތެރިންނަކީ ޕްރެޝަރަށް ހޭނެން ދަސްވެފައި ތިބި ކުޅުންތެރިން ކަމަށް އޭނާ ވަނީ ބުނެފައެވެ.