ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ފަގީރުންނަށް ވެމްކޯއިން ވަޒީފާ ހޯދައިދެނީ


  • މަސައްކަތްކުރުން އެކަށީގެންވާ ތަންތަންކަން ޔަޤީންކުރާނެ

  • ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ޤާބިލުކަން ހުރިކަން ކަށަވަރުކުރާނެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ފަޤީރު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކަށް އާމްދަނީ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި 'ހާލު ކިހިނެއް؟' ޕްރޮގްރާމްގެ ތެރެއިން ދެނެގަނެވޭ ފަޤީރު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވީ މި ފަހުމުނާމާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާއަށް އައްޔަނުކޮށް މަސައްކަތް ހަވާލުކުރާއިރު މަސައްކަތްކުރަން ކަނޑައަޅާ ތަނަކީ އެ ފަރާތްތައް މަސައްކަތްކުރުން އެކަށީގެންވާ ތަންތަންކަން ޔަޤީންކުރާނެކަމަށެވެ. އަދި ހާލު ކިހިނެއް ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާ ހަމަޖައްސާއިރު، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރާއި ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ޤާބިލުކަން ހުރިކަން ކަށަވަރުކުރާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ޢާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުމާއި، ބަރޯސާވުން ކުޑަކޮށް، އަބުރުވެރިކަމާއެކު ދިރިއުޅޭ އުފާވެރި ޢާއިލާތަކެއް ބިނާކުރުމަށް ގުޅިގެން ކުރެވޭ މި މަސައްކަތުގެ ތެރެއިން ޢާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރެވި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ މަސައްކަތުން އުޅެވޭނެ މަގު ފަހިވެގެންދާނެއެވެ. އަދި މިއީ ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް ވަރަށް ބޮޑަށް ބާރުލިބިގެންދާނެ ކަމެއްކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.