ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ލިޔޯންއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތުގައި ހެރީ މެގުއާ ކާމިޔާބުކޮށްދިން ލަނޑުން މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް މެންޗެސްޓާ ޔުނައިޓެޑުން ހޯދައިފިއެވެ.
މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު ރޭ ކުޅުނު ދެވަނަ ލެގުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ދެ ޓީމު އެއްވަރުވުމުން އިތުރު ވަގުތުގައި ޖެހި ގޯލުތަކުން މެންޗެސްޓަރ ޔުނައިޓެޑް ވަނީ 5-4 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފަ އެވެ.
މެންޗެސްޓަރގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުގެ 10 ވަނަ މިނިޓުގައި މެނުއެލް އުގާޓޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ޑިއެގޯ ޑަލޮޓް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
ނަމަވެސް ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކާފައިވާ ލިއޯން އިން ވަނީ މެޗުގެ 71 ވަނަ މިނިޓުގައި ޓޮލީސޯ ޖެހި ލަނޑާއެކު ޔުނައިޓެޑްގެ ގޯލު ހުޅުވާލާފަ އެވެ. އަދި އޭގެ ހަ މިނިޓު ފަހުން ޓަގްލިއަފީކޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓުގައި ދެވަނާ ރީނދޫ ކާޑަކާއެކު ލިއޯންގެ ޓޮލީސޯ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ އޭނާ ދަނޑުން ފޮނުވާލާފަ އެވެ. އެހެންކަމުން މެޗުގެ ބާކީ ބައި ލިއޯން އިން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 4-4 ގެ އެގްރިގޭޓް ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވުމުން އިތުރު ވަގުތުގެ ކުޅުމުގެ ފުރަތަމަ ފަނަރަ މިނިޓުގެ ތެރޭގައި ލިއޯން އިން ވަނީ ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފަ އެވެ. މި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޗާރކީ އާއި ލަކަޒެޓް އެވެ.
ނަމަވެސް އިތުރު ވަގުތުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި މެންޗެސްޓަރ ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭޒް ވަނީ ލަނޑެއް ޖަހާފަ އެވެ.
އަދި އިތުރު ވަގުތުގެ ފަހު މިނިޓުގައި ކޮބީ މައިނޫ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރުކޮށްފަ އެވެ.
މި މެޗުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވި ލަނޑު އޭގެ ސިކުންތުކޮޅެއް ފަހުން އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޑިފެންޑަރ ހެރީ މެގުއާ އެވެ. މި ދެ ލަނޑު ޖަހަން މަގު ތަނަވަސްކޮށްދިފައިވަނީ ކަސެމީރޯ އެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑް އާއި ދެކޮޅަށް ނިކުންނާނީ ސްޕެއިންގެ އެތްލެޓިކް ބިލްބާއޯ އެވެ.