ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ދަސްވެނިވާ ކޮންމެ ދަރިވަރަކީވެސް އިސްލާމީ ރިސާލަތު އެހެންމީހުންނަށް ފޯރުކޮށްދިނުމުގައި ނަމޫނާ ދައްކާ، އަދި ރިވެތި އަޚުލާގުން ޒީނަތްތެރިވެފައިވާ މީހަކަށް ވާންޖެހޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ޞަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ޞަޢީދު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސީޓީގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ މިޤައުމުގެ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމުގައި ނުހަނު މުހިއްމު މަސައްކަތްތަކެއްކުރާ އިލްމީ ބިނާއެއްކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ޞަޢީދު ވިދާޅުވީ އަދުގެ ސަރުކާރުން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީ ޔުނިވަރސިޓީގެ ކުރިއެރުމަށް ޚާއްސަ އައްމިއްޔަތުކަމެއް ދެއްވާކަމަށެވެ. އެގޮތުން އައިޔޫއެމްގެ ކަންކަން ފަހިކޮށް ޔުނިވަރސިޓީގެ މުސްތަޤުބަލައްޓަކައި އަދި ދިމާވާ ކަންކަން ހައްލުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ.
އިސްލާމީ ޔުނިވަރސީޓީގެ ރިސާލަތަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ދިފާޢުކޮށް އިސްލާމީ މަކާރިމުލް އަޚްލާގު ޜާއްޖޭގައި ދަމަހައްޓައި، އިސްލާމީ އަޤީދާ ހިމާޔަތްކޮށް، އެއަޤީދާ އެހެން މީހުންނަށް އުނގަންނައިދުނުމުގެ މަސްޢޫލިއްޔަތު ކަމަށްވާއިރު، އެޔުނިވަރސިޓީ ހިމާޔަތްކޮށް ދެމެހެއްޓުމަކީ މުހިއްމުކަމެއްކަން ވަޒީރު ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.
ދަސްވެނިވެ އަމަލީ މައިދާނަށް ނިކުންނައިރު، ލިބިފައިވާ އިލްމަކީ ނުހަނު ބޮޑު އަމާނާތެއްކަން ދަންނަންޖެހޭކަމަށާއި، އެ އިލްމު ފެތުރުމަށް އިސްލާމީ ޔުނިވަރސިޓީން ދަސްވެނިވާ ކޮންމެ ދަރިވަރަކުވެސް ނަމޫނާ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
"އިސްލާމް ދީނުގެ ސައްޚަ އަޤީދާއާއި ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމްގެ މަތިވެރި ސުންނަތާއި، ސީރަތު އެހެން މީހުންނަށް ފޯރުކޯށްދޭ، ރިވެތި އަޚުލާގުން ޒީނަތްތެރިވެފައިވާ ބަޔަކަށް މި ޔުނިވަރސިޓީގެ ދަސްވެނިން ވާންޖެހެނީ" ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
ވަޒީރު ޑރ. ޝަހީމްގެ ވާހަކަފުޅުގައި ބަވަނަވެފައިވާ މުޖުތަމަޢުތަކުގައި މީހުންގެ އަޚުލާގާއި ސުލޫކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދައްކާ ވާހަކަތަކާއި ފާޅުކުރާ ޝުއޫރުތަކުން މީހުންގެ އަޚުލާގިއްޔާތު ގޮސްފައިވާ ހިސާބު ހާމަވާކަމަށެވެ.
އެހެންކަމުން އިސްލާމީ ޔުނިވަރސިޓީ ފަދަ، އިލްމީ ބިނާތަކުން ދަސްވެނިވެފައިވާ ދަރިވަރުން އަޚުލާގު ރަނގަޅުބަޔެއްގެ ގޮތުގައި އެހެން މީހުންނަށް ނަމޫނާ ދައްކައިފިނަމަ މުޖުތަމައަށް އޭގެ ފައިދާ ކުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
"މީހުންގެ ހައްޤުތަކަށް އިޙްތިރާމްކުރުމާއި މީހުންގެ އަމިއްލަ ކަންތައްތަކަށް އިޙުތިރާމްކުރުމާއި މީހުންގެ އަބުރަށް ހުރުމަތްތެރިކޮށް ހިތުމާއި މީހުންގެ ފުރާނައަށް ރައްކާޓެރިވުމާއި، މީހުންގެ މުދާ ހިމާޔްތކުރުމަކީ އިސްލާމް ދީން އަޅުގަނޑުމެންގެ މައްޗަށް ކަނޑައަޅުއްވާފައިވާ ކަންކަން. އެހެން ކަމުން މިމަތިވެރި އުޞޫލު ބިން މަތީގައި ޤާއިމްކުރުމަށް އައިޔޫއެމްގެ ހުރިހާ ދަރިވަރުން މަސައްކަތް ކުރަންޖެހޭނެ" ވަޒީރު ޝަހީމް ވިދާޅުވިިއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާތަކާއި ސެންޓަރުތަކުން އަންނަނީ ސެޓްފިކެޓް ލެވެލްއިން ފެށިގެން ޕީ.އެޗް.ޑީ އާއި ހަމައަށް ތަފާތު ޕްރޮގްރާމެއް ހިންގަމުންނެވެ. އަދި މި ޕްރޮގްރާމްތަކުގައި ތައުލީމު ހާސިލުކޮށް މިފަހަރު، ޖުމަލް 980 ދަރިވަރަކު ދަސްވެނިވާނެއެވެ.