ޚަބަރު

ދިވެހިން އެއްބައެއްގެ ގޮތުގައި ދެމިތިބުމަށް މާދަރީ ބަސް މުހިންމު: ވަޒީރު އާދަމް ނަސީރު


  • މާދަރީ ބަހަކީ އެބައެއްގެ ދެމިތިބުމާ ގުޅިފައި އޮތް އެއްޗެއް

  • މިނިވަންކަން ހޯދަން ވަކާލާތު ކުރާ ޤައުމުތަކުންވެސް މާދަރީ ބަސް އާލާކުރުމަށް އިސްކަންދޭ

ދިވެހިން އެއްބައެއްގެ ގޮތުގައި ދެމިތިބުމަށް މާދަރީ ބަސް މުހިއްމު ދައުރެއް އާދާކުރާކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހި ބަހުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ ޤައުމަކީ އެއްބަހަކުން ވާހަކަދައްކާ އެއް ސަގާފަތެއް ހިއްސާކުރާ އިންސާނީ ޖަމާއަތެއް ކަމަށެވެ. އިންސާނީ ހުރިހާ ގުޅުމެއްގެ މައިގަނޑު އަސްލަކީ އެ ބައެއްގެ ބަސް ކަމަށާއި ޤައުމުގެ މުސްތަގުބަލު ކަނޑައެޅުމުގެ ވިސްނުން އުފެދެނީވެސް އެއް ބަހަކުން ވާހަކަދައްކައި އެއްބައެއްގެ އިހުސާސް ކުރެވޭތީ ކަމަށް ވިދާޅުވިއެވެ.

މާދަރީ ބަހަކީ އެބައެއްގެ ދެމިތިބުމާ ގުޅިފައި އޮތް އެއްޗެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ދުނިޔޭގެ އެކި ޤައުމުތަކުން މިނިވަން ވުމުގެ މަސައްކަތް ކުރަމުންދާއިރު އެ ޤައުމުތަކުންވެސް އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަމަކީ މާދަރީ ބަސް އިއާދަކުރުން ކަމަށެވެ.

"މާދަރީބަހުން އެކަކު އަނެކަކާ ވާހަކަދައްކާ އެއް ބަހަކުން ވާހަކަދައްކާ ޖަމާއަތެއް އެމީހުންގެ އަސްލުން އުފެދިފައި އޮންނަ ޖަމާއަތަކުންނޭ އަސްލާމެދުގައި ވިސްނާ، ގޮތް ކަނޑައަޅާނީ. އެ ގުޅުންތައް ބަދަހިވާނީ. މިއީ ޢިލްމީ ގޮތުން ސާބިތުކަންތައްތައް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މާދަރީ ބަސް ކުރިއެރުވުމަށް ގޭތެރެއިން ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށާއި މަސައްކަތުގެ މާހައުލަކީވެސް މާދަރީބަހަށް އިސްކަންދޭ މާހައުލަކަށް ހަދަންޖެހޭ ކަމަށެވެ. އަދި އުނގަންނައިދިނުމުގެ ދާއިރާ ބަދަލު ކުރަންޖެހޭ ކަމަށާއި ޖަމާއަތުގެ ފެންވަރުގައި ފާހަގަކުރާ ކަންކަމުގައި މާދަރީ ބަހުގެ ކަންކަން ހިމެނުމަކީ މުހިންމު ކަމެއް ކަމަށްވެސް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ވިދާޅުވިއެވެ.

ދިވެހިން އެއްބައެއްގެ ގޮތުގައި ދެމި ތިބުމަށާއި ގުޅުންތައް ރަނގަޅުކުރުމަށް އަދި ދިވެހިން އެކަކު އަނެކަކުގެ މައްޗަށް އޮންނަ ކުލުނު އިތުރު ކުރުމަށާއި ޤައުމެއްގެ ގޮތުގައި ކަންކަމުގައި އެއްބަސްވާން ބޭނުންވަނީވެސް މާދަރީ ބަސް ކަމަށްވެސް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވިއެވެ.