ޚަބަރު

23 އަހަރުން ދަށުގެ ގައުމީ ވޮލީ ޓީމު އެކުލަވާލުމުގެ މަސައްކަތް ފަށައިފި


23 އަހަރުން ދަށުގެ ގައުމީ ވޮލީބޯޅަ ޓީމު އެކުލަވާލުމަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީގެ ކޯޗާއެކު ބާއްވާ ޓްރައިއައުޓުތައް ފަށައިފިއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ފެށި މި ޕްރޮގްރާމުގައި އިރުޝާދު ދެއްވާ ކޯޗަކީ އީރާނުގެ އަލީ ޕޯރްއެވެ. އޭނާގެ އިރުޝާދުގެ ދަށުން 23 އަހަރުން ދަށުގެ ގައުމީ ފިރިހެން ޓީމު އެކުލަވާލުމަށް ވީއޭއެމްއިން ނިންމާފައިވަނީ ކުރިއަށް އޮތް ދެ މުބާރާތުން ރާއްޖެއަށް މެޑެލް ހޯދުމުގެ އަޒުމުގައެވެ.

އެގޮތުން "ރޯޑް ޓު އައިއޯއައިޖީ ފައިނަލް" މިނަމުގައި ޓާގެޓެއް ކަނޑައަޅާ ކުރިޔަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރާއްޖެއަށް މެޑަލެއް ހޯދުން ހިމެނެއެވެ.

ޒުވާނުންގެ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ ސަރުކާރުން ވޮލީއަށް ދޭ އެހީތެރިކަމާއި, މުބާރާތް ކުރިއަށް ގެންދިއުމަށް ހިތްވަރު ދެއްވައި، ހޭދަތަކެއްވެސް ވުޒާރާއިން ކުރައްވަމުންދާ ކަމަށެވެ.

"އިރާދުކުރެއްވިއްޔާ ވޮލީ ބޯޅާ އާއިލާއަށް އުފާވެރިކަން ގެނެސްދިނުމަށްޓަކައި އަޅުގަނޑުމެންނަށް ހަމަ ފަރުވާތެރިކަމާއެކު މި މަސައްކަތް ރަނގަޅު ކުރާނެކަމުގެ ޔަގީންކަން މިއަދު ވޮލީބޯޅަ އާއިލާއަށް އަޅުގަނޑު ދެން. އެދޭ އެދުމަކީ ހުރިހާ ފަރާތްތަކުންވެސް އަޅުގަނޑުމެންނަށް އެއްބާރުލުންދީ ވޮލީން ކާމިޔާބެއް ހޯދޭތޯ މަސައްކަތް ކޮށްދިނުން" ކަމަށް ލަފީފް ވިދާޅުވިއެވެ.

މި ޕްރޮގްގާމަށް ކޯޗު ހަމަޖައްސައިދީފައިވަނީ އެފްއައިވީބީގެ ފަރާތުން ކަމަށާއި، އެހެންކަމުން ފަރުވާތރތިކަމާއެކު މި މަސައްކަތް ކުރިޔަށް ގެންދާނެ ކަމުގެ ޔަގީންކަން ވޮލީބޯލަ އާއިލާއަށް ދެއްވާ ކަމަށް ވީއޭއެމްގެ ރައީސް ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމުގައި މިނިސްޓްރީ އޮފް ސްޕޯޓްސްއިން ވަރަށް ބޮޑަށް ދޭ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރެއްވިއެވެ.