ޚަބަރު

"ރޯޑް ޓު އައިއޯއައިޖީ ފައިނަލް" ގެ ނަމުގައި ބޭރުގެ ކޯޗަކާއެކު ވީއޭއެމްއިން ޚާއްސަ މަސައްކަތެއް!


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކުރިޔަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން މެޑެލް ހޯދުމުގެ އަމާޒުގައި "ރޯޑް ޓު އައިއޯއައިޖީ ފައިނަލް" މި ނަމުގައި އީރާނުގެ ކާމިޔާބު ކޯޗު އަލީ ޕޯރްއާއެކު 23 އަހަރުން ދަށުގެ ގައުމީ ޓީމުތައް އެކުލަވާލުމުގެ ޚާއްސަ ޕްރޮގުރާމެއް ފަށައިފިއެވެ.

ޒުވާނުންގެ މަރުކަޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ މިއަދު ފެށި ޕްރޮގްރާމުގައި ބައިވެރިވާ ކުޅުންތެރިން ފަރުވާތެރިކަމާއެކު އީރާންގެ ކޯޗު އަލީ ޕޯރް އާއިއެކު ގާތްގަޑަކަށް 8 މަސް ދުވަހު ފަރިތަކުރުމުން ސީނިއާ ގައުމީ ޓީމަށް އެރޭވަރު ވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރާއްޖޭގެ 23 އަހަރުން ދަށުގެ ފިރިހެން ގައުމީ ޓީމު އެކުލަވާލުމަށް ގެނެސްފައިވަނީ ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީގެ މަޝްހޫރު އަދި މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދައިދީފައިވާ މޮޅު ކޯޗެކެވެ.

އޭނާގެ އިރުޝާދުގެ ދަށުން 23 އަހަރުން ދަށުގެ ޓީމެއް އެކުލަވާލުމަށް ފެށި ޓްރައިއައުޓްސް މިއަދުން ފެށިގެން 19 އޭޕްރީލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކޮންމެ ދުވަހަކުވެސް މެންދުރު 1:45 ކުން ފެށިގެން ކުރިޔަށް ދާނެއެވެ.

މީގެ ކުރިން ބަނގްލަދޭޝްގެ ގައުމީ ޓީމަށްވެސް ކޯޗު ކޮށްދިން އަލީ ޕޯރް އާއި ގުޅޭ ގޮތުން ވީއޭއެމްގެ ރައީސް ވިދާޅުވީ އަލީ ޕޯރް އަކީ އޭނާ ވަރަށް ގިނަ ދުވަހު ދަންނަ ކޯޗެއް ކަމަށާއި، އޭނާގެ މަސައްކަތް ވަރަށް ގާތުން ފެނިފައިވާއިރު އޭނާއަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން އަތުން ބަނގްލަދޭޝް މޮޅެއް ނުވާނެ ކުރިއަކުން. އެހެންނަމަވެސް މި ކޯޗުގޮސް ބަނގްލަދޭޝްގައި ހުރެގެން މި ކުރި މަސައްކަތުން ދިވެހިރާއްޖެވެސް ވަނީ ބަލިކޮށްފަ. އޭގެ އިތުރަށް ސްރީލަންކާވެސް އެތައް ފަހަރަކު ބަލިކޮށްފައިވަނީ" ކަމަށް ލަތީފް ވިދާޅުވިއެވެ.

އެހެންކަމުން ބަނގްލަދޭޝްއަށް ވަރަށް ބޮޑު ކުރިއެރުމެއް މި ކޯޗު ގެނެސްދިން އިރު ރާއްޖެއަށްވެސް ގެނެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ލަތީފް ވިދާޅުވިއެވެ. އަލީ ޕޯރްގެ ތަޖުރިބާއާއި ކޯޗުގެ އެހެނިހެން މަސައްކަތްތަކަށް ބަލާއިރު މަސައްކަތުގެ ރޭޓް ވަރަށް ރަނގަޅުކަށްވެސް ލަތީފް ފާހަގަ ކުރެއްވިއެވެ.

ކާވާގެ ރައީސް ލަތީފް އާއި އެކު ވަރަށް ގިނަ ފަހަރަށް ބައްދަލުވުންތައް ބާއްވާފައިވާނެ ކަމަށާއި، ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވާ ތަރައްޤީކުރުމާއި ގުޅޭ މަޝްވަރާތައް އެ ބައްދަލުވުންތަކުގެ ކޮށްފައިވާ ކަމަށް އެފްއައިވީބީގެ ކޯޗު އަލީ ޕޯރް ބުންޏެވެ.

ރާއްޖޭގެ ވޮލީބޯޅައަކީ ވަރަށް މަޝްހޫރު ކުޅިވަރެއް ކަމަށް ފާހަގަ ކުރެވޭ ކަމަށާއި، ވަރަށް ޅަ ކުޅުންތެރިންވެސް ތިބި ކަމަށް، ޓެކްނިކަލް ކަންކަން ކުޅުންތެރިންނަށް ދަސްކޮށްދީ ދުވަހުން ދުވަހަށް ކުރިއެރުން ގެނެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ވީއޭއެމުން އަމާޒު ހިފާއިވާ ބައިނަލްއަގްވާމީ މެޑަލްތައް ރާއްޖެއަށް ހޮދައިދިނުމުގެ އަމާޒު ހާސިލްވާނެ ކަމަށް އޭނާ ބުންޏެވެ.

އަލީ ޕޯރްއަކީ ވޮލީބޯޅައިގެ ބައިނަލްއަގްވާމީ ކާމިޔާބީތައް ހޯދާފައިވާ ދުވަސްވީ ތަޖްރިބާކާރެކެވެ. އަލީ ޕޯރްގެ އިރުޝާދުގެ ދަށުން 23 އަހަރުން ދަށުގެ ގައުމީ ޓީމުތައް އެކުލަވާލުމުގެ ގޮތުން މިއަދު ވަނީ ޒުވާނުންގެ މަރުކަޒުގައި ޓްރައިއައުޓްސް ތަކެއް ފަށާފައެވެ. އެގޮތުން 12 ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށާއި 23 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ގައުމީ ސްކޮޑް ކަނޑައަޅާނެއެވެ.

ރާއްޖޭގައި ވޮލީބޯޅަ ކުރިއަރުވާ ގައުމީ ޓީމުތަކުގެ ފެންވަރު މަތިކުރުމަށް ކުރިޔަށް އޮތްތަނުގައި ބޮޑެތި ހޭދަތަކެއް ކުރުމަށް ވީއޭއެމް އިން ވަނީ ނިންމާފައެވެ. އޭގެތެރޭގައި ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމް ފެށުން ހިމެނެއެވެ.