ޚަބަރު

އީރާނަށް ޙަމަލާ ދިނުމަށް ޔަހޫދީން އުޅުމުން ޓްރަމްޕް ހުރަސް އަޅުއްވާފައިވާ ކަމަށް ރިޕޯޓުކޮށްފި


ޒަޔަނިސްޓު ޔަހޫދީން އީރާނަށް ނުރައްކާތެރި ޙަމަލާތަކެއް ދިނުމަށް ރާވަމުން ދަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ކަމަށް ހުރަސް އަޅުއްވާފައިވާ ކަމުގައި އެމެރިކާގެ ނޫހެއް ކަމުގައި ނިއު ޔޯކް ޓައިމްސުން ރިޕޯޓު ކޮށްފިއެވެ. އެ ނޫހުން ބުނީ، އީރާނުގެ ނުއިކްލިޔަރ ޕުރޮގުރާމު ހިންގާ މަރުކަޒުތަކަށް ޙަމަލާ ދިނުމަށް ޔަހޫދީން ރާވާފައިވާ ރޭވުމަށް ޓްރަމްޕް ހުރަސް އަޅުއްވާފައި ވަނީ އީރާނާ އެކު މަޝްވަރާކޮށް، އެއްބަސްވުމެއް އެކުލަވައިލުން އިސްކުރައްވާތީ ކަމުގައެވެ.

އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެއްބަސްވުމެއް އެކުލަވައިލުމަށް ޓްރަމްޕް ވަނީ ހުށަހަޅުއްވާފައެވެ. އަދި، އެ ކަމާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި ސީދާ މަޝްވަރާތަކެއް ބޭއްވުމަށް އޭނާ ވަނީ ދަޢުވަތު އަރުވާފައެވެ. އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުވައި، އެ ޕުރޮގުރާމު ކޮންޓްރޯލް ކުރުމަކީ ޓްރަމްޕްގެ އަމާޒެކެވެ. އީރާނަކީ ޔަހޫދީންނަށް އޮތް ނުރައްކަލެއްގެ ގޮތުގައި ޓްރަމްޕް ސިފަ ކުރައްވައެވެ. އަދި، އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަކީ ޒަޔަނިސްޓު އިސްރާއީލުގެ ދެމިއޮތުމަށް އޮތް ނުރައްކަލެއް ކަމުގައި އޭނާ ޤަބޫލު ކުރައްވައެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރަކީ ޓްރަމްޕެވެ.

އޭނާގެ ދަޢުވަތު ޤަބޫލުކޮށް، އީރާނުން ވަނީ އެމެރިކާއާ އެކު މަޝްވަރާތަކުގައި ބައިވެރިވެފައެވެ. އޮމާނުން މެދުވެރިއެއްގެ ގޮތުގައި ބައިވެރިވި މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ އޭޕްރިލް 12ވަނަ ދުވަހުއެވެ. އެމެރިކާއާއި އީރާނުން ވެސް ބުނެފައި ވަނީ އެ ބައްދަލުވުމުގައި ވަރަށް ބިނާކުރަނިވި އަދި ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ކަމުގައެވެ.

އެމެރިކާ ސަރުކާރުގެ މަޞްދަރުތަކާ ޙަވާލާދީ ނިއު ޔޯކް ޓައިމްސުން ބުނީ، މޭ މަހުގެ ތެރޭގައި އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދިނުމަށް ޒަޔަނިސްޓު އިސްރާއީލުން މަސައްކަތް ކޮށްފައިވާ ކަމުގައެވެ. އަދި، އެ ކަމުގައި އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެތީ، ޔަހޫދީން އެ މަޢުލޫމާތު ޓްރަމްޕާ ހިއްސާ ކޮށްފައިވާ ކަމުގައެވެ.

އީރާނަށް ޔަހޫދީން ޙަމަލާތަކެއްދީފި ނަމަ، އީރާނުން އެ ކަމުގެ ބަދަލު ހިފާނެއެވެ. އަދި، ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް އެއަށްވުރެ ބާރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދޭނެއެވެ. އެ ފަދަ ޙަމަލާތަކުން ދިފާޢުވުމަށް ޔަހޫދީންނަށް އެމެރިކާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެއެވެ. މީގެ ކުރިން އީރާނުން ޒަޔަނިސްޓު އިސްރާއީލަށް ދީފައިވާ ޙަމަލާތައް ދިފާޢު ކުރުމުގައި ވެސް އެމެރިކާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ނިއު ޔޯކް ޓައިމްސުން ބުނީ، އެތަކެއް ދުވަހަކު ޔަހޫދީންގެ ރޭވުމާ މެދު ވިސްނެވުމަށް ފަހު، ޓްރަމްޕް ނިންމަވާފައި ވަނީ މިއީ އީރާނަށް ޙަމަލާ ދިނުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމުގައެވެ. އަދި، މަޝްވަރާ ކޮށްގެން ހައްލެއް ހޯދުމަށް އޭނާ މަސައްކަތް ފަށްޓަވާފައިވާ ކަމުގައެވެ.

އީރާނާއި އެމެރިކާއާ ދެމެދު ފަށާފައިވާ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުމެއް އޭޕްރިލް 19ވަނަ ދުވަހު ބޭއްވުމަށް ވަނީ ތާވަލު ކޮށްފައެވެ. އެމެރިކާގެ މަޞްދަރުތަކުން ބުނީ، އެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އިޓަލީވިލާތުގެ ވެރިރަށް ރޯމްގައި ކަމުގައެވެ.

މި މަޝްވަރާތަކުގައި ޓްރަމްޕް ބޭނުންވާ ކަންކަމަށް އީރާނުން އިންކާރުކޮށްފި ނަމަ، އަދި މަޝްވަރާތައް ފޭލުވެއްޖެ ނަމަ، އީރާނަށް ޙަމަލާ ދޭނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ. އަދި، އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ޙަމަލާ ދިނުމުގައި ޔަހޫދީންގެ ފުރިހަމަ ބައިވެރިވުން އޮންނާނެ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. ޔަހޫދީ ފައުޖުން މީގެ ކުރިން ވެސް އީރާނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތަކެއް ދީފައިވެއެވެ.