ޚަބަރު

ރަންތާލިޔާއިން ދެވަނަ ހޯދި ޝަމްހާ، މިހާރު ތައްޔާރުވަނީ ޔޫރަޕުގެ ދެ ރޭހަކަށް


ތުރުކީވިލާތުގެ އަންތާލިޔާގައި އޭޕްރީލް މަހު ބޭއްވި އެ ސަރަހައްދުގެ އެންމެ ބޮޑު މެރަތަން ކަމަށްވާ ރަންތާލިޔާގެ އަންހެނުންގެ ރޭހުން ދެވަނަ ހޯދި ޝަމްހާ އަޙްމަދު، އެ މެރެތަންއަށް ތައްޔާރުވާން ފެށީ 2022 އިން ފެށިގެންނެވެ.

ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޝަމްހާ ބުނީ އޭނާ ރަންތާލިޔާ މެރަތަންއަށް ޓްރޭނިން ހަދަން ފެށީ 2022 ން ފެށިގެން ކަމަށާއި، މެރަތަން ފެށުމުގެ 6 މަސްކުރިން ރަޖިސްޓްރޭޝަން ފުރިހަމަ ކުރިކަމަށެވެ. އެހެންނަމަވެސް އެފަދަ ބޮޑު ރޭހަކުން މަތީ ވަނައެއް ލިބިގެން ރޭސް ނިންމޭނެ ކަމަށް ރޭހުގައި ދުވަމުން ދިޔައިރުވެސް ހިތަކަށް ނާރާ ކަމަށް ޝަމްހާ ބުންޏެވެ.

ދިގު ދުވުންތަކަށް ޖަރުމަނުވިލާތުގައި ތަމްރީނު ހަދަމުން އަންނަ ޝަމްހާ ބުނީ ފިނިމޫސުމާއި، ރޯދަމަހާއި ދިމާވުމުގެ ސަބަބުން ރަންތާލީޔާއަށް ތައްޔާރުވުމަށް ތަންކޮޅެއް އުނދަގޫވި ކަމަށެވެ.

"ތަންކޮޅެއް އުންދަގޫވި ވިންޓާރ އާއި ރޯދަމަހުގައި ޓްރޭނިން ހަދަން. ގާތްގަނޑަކަށް 60 ޕަސެންޓް ރޯދަމަހުގައި ހެދުނީ. އެއީ ގިނަ ދިގު ދުވުންތަކާއި ސްޕްރިންޓް ސްޕީޑް ހަދަން ފުދޭވަރަކަށް އުނދަގޫ. އެކަމަކުވެސް ކޯޗު ދިން އަލްޓަނެވިޓް ޓްރޭނިން ހަދައިގެން އެ ބޭނުންވި ޓާގެޓަށް ދެވުނު" ކަމަށް މަޝްހޫރު އެތްލެޓިކްސް ކޯޗު ނަސްރުގެ އިރުޝާދުގެ ދަށުން ތަމްރީނު ހަދަމުންދާ ޝަމްހާ ބުންޏެވެ.

"ރަންތާލިއާ މެރަތަންގައި ވަނައެއް ލިބޭނެއެކޭ ހިތަކަށް ނާރާ، ޓާންއެއް ނެގިތަނާ އެޓާން އިން ކޯޗާއި ދިމާވި. ބުނި ތިއޮތީ ދެވަނައިގައޭ. ތަންކޮޅެއް ދުރުން ތިންވަނައިގައި އޮތް ކުއްޖާ ފެނުން. ދެން އެހާ ފަސޭހަ ރޫޓެއް ނޫން އެ ރޫޓަކީ. ތަންކޮޅެއް ހިލީ. އެކަމަކުވެސް ވަރަށް ހިތްވަރު ކޮށްގެން އެ ޕޭސްގައި ދުވެގެން 2 ވަނައަށް ނިންމާލެވުނީ، ވަރަށް އުފާވި އިންޓަނޭޝަނަލް މެރަތަންއެއްގައި ދެވަނަ ލިބުނީމަ." ޝަމްހާ ބުންޏެވެ.

ޝަމްހާ ބުނީ އޭނާގެ ކޯޗުގެ ޓްރޭނިންތަކާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި، އެހެންނަމަވެސް އެއީ އެހާ ފަސޭހަކަމެއް ނޫންކަމަށެވެ.

"ބައެއް ފަހަރު ވަރަށް ބުރަ. އެކަނި އަމުދުން ދުވަން. ހާއްސަކޮށް ސްޕީޑް ހަދާ ދުވަސް ދުވަހު. ރަނގަޅަށް ޓޭނިން ހަދައިފިއްޔާ ކާމިޔާބު ވާނެއޭ ކޯޗު ވަރަށް ކޮންފިޑެންސާއެކު ބުނާނެ. 2022 ވަނަ އަހަރުން ފެށިގެން ދުވި ހުރިހާ ދުވުމެއްގައި ވަނައެއް އެބަ ލިބޭ. އެހެންވީމަ ވަރަށް ހިތްހަމަޖެހޭ ޓްރޭނިންއާ ދޭތެރޭ" ޝަމްހާ ބުންޏެވެ.

ޝަމްހާ ބުނީ މިހާރު އޭނާ ތައްޔާރުވަމުން އަންނަނީ މިއަހަރު ޔޫރަޕްގައި ބާއްވާ ދެ ރޭހަކަށް ކަމަށާއި އެ ދެ ރޭހުގައި ރަނގަޅު ޓައިމިންއެއް ހެދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

"ތަންކޮޅެއް ކުރިން ރެޖިސްޓަރ ކުރަންޖެހޭ، މިކަހަލަ ރަންތައް ވަރަށް އަވަހަށް ފުލްވޭ. ޔޫރަޕްގައި އެ ދެ ރޭސްވެސް އޮންނާނީ. ތަންކޮޅެއް ރަނގަޅު ޓައިމިން އެއް ހެދޭތޯ މި މަސައްކަތް ކުރަނީ" ޝަމްހާ ބުންޏެވެ.

ޝަމްހާގެ ކޯޗު ނަސްރުﷲ އަހުމަދު ބުނީ ޝަމްހާގެ ޓްރޭނިންތަކަށް ސްޕޮންސަރެއް ހަމަޖެހިއްޖެނަމަ އޭނާއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ފާހަގަކޮށްލެވޭވަރުގެ މޮޅު ދުވުންތެރިއަކަށް ހެދިދާނެ ކަމަށެވެ.

ނަސްރު ބުނީ ދިވެހި އަންހެން ދުވުންތެރިޔަކަށް މިހާތަނަށް 3 ގަޑިއިރު ފަހަނައަޅާ ދެވިފައި ނުވާކަމަށާއި އެއާ އެންމެ ގާތުގައި އޮތީ ޝަމްހާ ކަމަށެވެ. މި ސަރަހައްދުގެ އަންހެނުންގެ މެރެތަންގެ ރެކޯޑަކީ ދެގަޑިއިރާއި 45 މިނިޓެވެ.

ޝަމްހާއަކީ 2022 ވަނަ އަހަރު ނޯވޭގައި އޮތް މެރަތަންއެއްގައި ވާދަކޮށް ހާފް މެރަތަން ކެޓަގަރީން ރާއްޖޭގެ ގައުމީ ރިކޯޑުތަކެއްވެސް މުގުރާލާފައިވާ ދުވުންތެރިއެކެވެ. އަދި ހަމަ އެއަހަރު ބާލިންގައި އޮތް ރޭހެއްގައި އޭނާ އޭރުގެ ރާއްޖޭގެ މެރަތަން ރިކޯޑުވެސް މުގުރާލިއެވެ.

ރާއްޖޭގެ ކުރީގެ އެއްވަނަ އަންހެން ދުވުންތެރިޔާ ޝަމްހާ ވަނީ އޭނާ ދިރިއުޅޭ ގައުމު ޖަރުމަނުވިލާތުގެ މުންޗެންގްލެޙްބަޙްގައި 2023 ވަނަ އަހަރު ބޭއްވި 100 ކިލޯމީޓަރުގެ ރޭހެއްގެ ތިން ވަނަ ހޯދާފައެވެ. ޝަމްހާއަކީ ކުރިން ސްޕްރިންޓް ރޭސްތަކުން ރާއްޖޭގެ އެއްވަނަ އެތުލީޓެވެ.

އޭނާ ދިގު ދުވުން ތަކަށް ހާއްސަވީ 2014 ވަނަ އަހަރުން ފެށިގެންނެވެ. އެކި އެކި ގައުމުތަކުގައި އޮންނަ ދުވުންތަކުން ރާއްޖެއަށް ފަހުރުވެރި ވަނަތައް ގެނެސްދޭ ޝަމްހާގެ އަމާޒަކީ މިއަހަރު އޭނާ ތައްޔާރުވަމުން އަންނަ ޔޫރަޕުގެ ދެ ރޭހުންވެސް ފާހަގަކޮށްލެވޭ ވަރުގެ ރަނގަޅު ޓައިމިންއެއް ހެދުމެވެ.