ޖެނެރޭޝަން ބޭން، ނުވަތަ ވަކި ޢުމުރުފުރާއަކުން ފެށިގެން އުފަންވެފައިވާ މީހުން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުގެ ބިލު މިމަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވައި ފާސްކޮށް، ނޮވެމްބަރު މަހުންފެށިގެން ޢަމަލުކުރަން ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާއެކު ނަމުގައި ކުރިއަށްގެންދަވާ ސިލްސިލާ ޕޮޑުކާސްޓުގެ 4ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ 2007ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް އެއްކޮށް މަނާ ކުރުމަށެވެ. "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ޖުމްލަ އާބާދީގެ 30 އިންސައްތައަކީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިން ކަމަށެވެ. އެހެންކަމުން އެ އާބާދީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ނުބައި އާދައިން ދުރުކުރެވިއްޖެނަމަ، ދުޅަހެޔޮކަން އިތުރުކޮށް، ރާއްޖޭގެ މުސްތަޤުބަލު ސަލާމަތްކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުމުން ޒުވާނުންނާއި އަދުގެ ކުޑަކުދިން ދުރުކުރެވުމުން، ކުރިއަށް އޮތްތަނުގައި ޤައުމަށް ޚިދުމަތްކުރާ ހަރުދަނާ ޖީލެއް ބިނާކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"18 އަހަރުފުރުމާއެކީގައި ހަމަ ވަރަށް ގިނަ ޒުވާނުން ދުންފަތުގެ އިސްތިޢުމާލުކުރަން އެބަފަށާ. އެ ކުދިން މިކަމުން ދުރުކުރެވިއްޖެއްޔާ ދުންފަތުގެ އިސްތިޢުމާލުކުރުމުން މުޅި މުޖުތަމަޢު ދުރުކުރުމަށް ބޮޑު ބާރަކަށް އެވަނީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިުއްޔާ ވިދާޅުވީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމުގެ ބިލު މިމަހު ރައްޔިތުންގެ މަޖިލީހަށް ހުށައެޅޭނެ ކަމަށެވެ. އޭރުން މިމަހު ބިލު ފާސްވެއްޖެނަމަ، އެ ޤާނޫނަށް ޢަމަލުކުރަން 6 މަސްދުވަހުގެ މުއްދަތެއް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށެވެ.
"މިހާރު 6 މަސް ދުވަސް ލިބުނީމަ، މިކަން ކުރަން ފަށާފައި ތިބި ކުދިންނަށްވެސް ފުރުޞަތެއް އެ ލިބެނީ މިކަމުން ދުރުވާން. ދިރާސާތަކުން ދައްކާގޮތުގައި ސިޒޭޝަންގެ ތެރެއިން 3 މަސް ދުވަހުގެ ތެރޭގައި މި އާދައިން އެބަ ދުރުވެވޭ. އެހެންވީމަ އެކަށީގެންވާ މުއްދަތެއްކަމަށް އަޅުގަނޑު މި ބަލަނީ މިއީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ދުންފަތުގެ އިސްތިޢުމާލުކުރުމުން ލިބޭ ބައެއް ގެއްލުންތައް ޙިއްސާކުރެއްވިއެވެ. އެ ގޮތުން ބަލިތަކުގައި މަރުވާ މީހުންގެ ތެރެއިން 80 އިންސައްތަ މީހުންނަކީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ޖެހޭ ބަލިތައް ޖެހިގެން މަރުވާ މީހުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުންފަތް މަނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށް ގިނަބަޔަކު އަންނަނީ ތަޢުރީފްކުރަމުންނެވެ. ޚައްޞަކޮށް ބެލެނިވެން ބަލައިގަންނަ ސިޔާސަތެއްކަން ވަނީ ހާމަވެފައެވެ.