ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ މިދަތުރުފުޅަކީ ތުރުކީވިލާތުގެ އަންތާލިޔާގައި އޮތް ހަތަރުވަނަ އަންތާލިޔާ ޑިޕްލޮމެސީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަފުރުފުޅެކެވެ. މި ފޯރަމްގެ ހަވާސާގެ ތެެރެއިން އެންގޯލާ، އަޒަރްބައިޖާން، ގެމްބިއާ، އަދި ހަންގޭރީގެ ޚާރިޖީ ވަޒީރުންނާ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ބައްދަލުކުރެއްވިއެެވެ. މީގެއިތުރުން، ތުރުކީވިލާތުގެ މިނިސްޓަރ އޮފް ޓްރޭޑް އޮމެރް ބޮލާޓް އަދި ތުރުކީގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް މެހްމެތް ނޫރީ އެރްސޯއިއާވެސް ޚާރިޖީ ވަޒީރު އަންތާލިޔާގައި ބައްދަލުކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގައި އަންްތާލިޔާ ޑިޕްލޮމެސީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތުރުކީވިލާތުގެ ވެރިރަށް އަންކާރާ އަދި އިސްތާންބުލްގައިވެސް ރަސްމީ ހަރަަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިގޮތުން، އެޤައުމުގައި ގާއިމުކުރި ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް އިފްތިތާހުުކޮށްދެއްވިއެވެ. މިއީ ތުރުކީވިލާތާއި ދިވެހިރާއްޖެއާ ދެމެދުގައިވާ ގުޅުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރުގެ ދަތުރުފުޅުގައި އިޤްތިޞާދީ އަދި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންނިވެވިއެވެ. އަދި، ދެ ވަޒީރުން ތުރުކީވިލާތުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާއި ބައްދަލުކުރައްވައި، ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތައް ހިއްސާ ކުރެއްވިއެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ އަރިހުގައި ޚާރިޖީ ވުޒާރަގެ ސެކްރެޓަރީ ޑރ. ހަލާ ޙަމީދު އަދި ސީނިއަރ އަންޑަރ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބް ބައިވެރިވެވަޑައިގެންނެވިއެވެ.