ސްޕެއިންގެ ރެއާލް މެޑްރިޑުން ބަޔަކު ހީވެސް ނުކުރާ ފަދަ ނަތީޖާއެއް ނެރެފާނެ ކަމަށް އެ ޓީމުގެ ކުރީގެ ޑިފެންޑަރު ބްރެޒިލްގެ ރޮބާޓޯ ކާލޯސް ބުނެފިއެވެ.
ރެއާލްގައި 10 އަހަރު ކުޅެ، ފަސް ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ކުޅުންތެރިޔާ މިހެން ބުނީ މި މުބާރާތުން ސެމީ ފައިނަލަށް ނުދެވި ރެއާލް ކަޓާފާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ރެއާލްއަށް ދެވެން އޮތީ އެންމެ ގޮތަކަށެވެ. އެއީ އަމިއްލަ ދަނޑުގައި މިރޭ ކުޅޭ ކުއާޓާ ފައިނަލްގެ ފަހު މެޗުގައި އިނގިރޭސިވިލާތުގެ އާސެނަލް ހަތަރު ލަނޑުގެ ތަފާތަކުން ބަލިކޮށްގެންނެވެ. ސަބަބަކީ މި ދެ ޓީމު މިދިޔަ ހަފުތާގައި އާސެނަލް އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން ބަލިވެފައިވާތީ އެވެ.
ކާލޯސް ބުނީ ރެއާލް ނެރެފާނެ ރަނގަޅު ނަތީޖާއަކަށް އޭނާ ހުރީ ވަރަށް އުއްމީދާއެކުގައި ކަމަށެވެ.
އަހަރުމެންނެއް ނޫން ކުޅެނީ. އެކަމަކު އަހަރުމެން އެންމެނަށް ވެސް އޮތީ އުއްމީދު ކުރުން. ރެއާލް މެޑްރިޑަކީ ތަފާތު ބޮޑު ނަތީޖާތައް އަނބުރާލުމުގެ ގާބިލްކަން ލިބިފައިވާ ޓީމެއް. ތާރީހުން ވެސް އެކަން ސާބިތުވާން އެބައޮތް،" ކާލޮސް ބުންޏެވެ.
މިހެންވެ އޭނާ ބުނީ ރެއާލްއަށް މި މެޗުން މޮޅުވެގެން ސެމީ ފައިނަލަށް ނުދެވޭނެ ކަމަށް ހީކުރުމަކީ ކުށް ހީއަކަށްވެދާނެ ކަމަށެވެ.
މީގެ ކުރިން ދުވަހަކުވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިވާ އާސެނަލްއިން އަމިއްލަ ދަނޑުގައި ރެއާލް ބަލިކުރީ މިޑްފީލްޑަރު ޑެކްލަން ރައިސް ޖަހައިދިން ދެ ލަނޑާއެކު އެވެ. މެޗުގެ ފުރަތަމަ ދެ ގޯލު އޭނާ ޖެހީ މޮޅު ދެ ހިލޭ ޖެހުމުންނެވެ. ހިލޭ ޖެހުމުގައި އެފަދަ ދެވަނަ އެއްނެތް ކުޅުންތެރިއެއްގެ ގޮތުގައި ދުނިޔެ އަށް މަޝްހޫރުވި ކާލޯސް ބުނީ އެމިރޭޓްސް ސްޓޭޑިއަމުގައި އޭނާ އިންދައި ޖެހި އެ ހިލޭ ޖެހުމަކީ މޮޅު ދެ ޖެހުން ކަމަށެވެ.
"އޭނާ ވަރަށް މޮޅު. ވަރަށް ފުރިހަމަ ދެ ހިލޭ ޖެހުން އެއީ. މޮޅު ދެ ގޯލު އެއީ. އެކަމަކު އަހަރުމެންގެ ޕޮޒިޝަނިން އެއަށްވުރެ ރަނގަޅު ކުރެވުނުނަމަ އެހާ ފަސޭހަނުވާނެ އެ ދެ ގޯލު ޖަހާކަށް،" ކާލޮސް ބުންޏެވެ.
މިރޭގެ މެޗު ފަށާނީ މާލޭ ގަޑިން 12 ޖަހާއިރު އެވެ.