ދ. އަތޮޅުގެ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ އެއަތޮޅު އުއްދޫ ތަރައްޤީކޮށް މިއަދުން ފެށިގެން ފީއަކާ ދަތުރު ދެވޭގޮތަށް އެރަށް ހުޅުވާލައިފިއެވެ.
ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބޭހޭ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން ފެށިގެން ހަފުތާ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައި ދ. އަތޮޅުގެ ރައްޔިތުންނަށް ކުއްޔަކާ ނުލައި އުއްދޫއަށް ޕިކްްނިކް ދެވޭނެގޮތަށް ހަމަޖެހިފައިވާކަމަށެވެ.
އެގޮތުން އެވުޒާރާއިން ވިދާޅުވީ އުއްދޫއަށް ޕިކްނިކް ދިއުމަށް އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9108899 ނުވަަތަ 7777848 ނަންބަރަށް ގުޅައިގެން ކުރިއަށްގެންދެވޭނެކަމަށެވެ.
އުއްދޫ އެއަތޮޅު ރައްޔިތުންނަށް ދަތުރުދާ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ ފެބްރުއަރީ މަހު އެއަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އުއްދޫއަކީ މީގެ ކުރިން އަމިއްލަ ފަރާތަކުން ވިޔަފާރި އުސޫލުން ބޭނުންކުރަމުންދިޔަ ރަށެކެވެ. އެހެންނަމަވެސް އެރަށުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެރަށް މިހާރަށް ސަރުކާރަށް ލިބި، މިހާރު ހަވާލުކޮށްފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއާއެވެ.
ދ. އުއްދޫއަށް ދަތުރުދާ ފަރާތްތަކަށް ގިނަ ޚިދުމަތްތަކެއް އެ ރަށުން ހަމަޖެހޭނެ ގޮތް ހައްދަވައި ދެއްވުމަށްޓަކައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވަނީ މަސައްކަތްތަކެއްކޮށްފައެވެ.
އަތޮޅުތެރޭގެ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުން ބާރުވެރިކުރުވާ، ރަށްރަށަށް އާމްދަނީ ވަންނާނެ މަގުތައް ފަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިވޭތުވެދިޔަ އަހަރު ތެރޭގައި މީހުން ދިރިނޫޅޭ ބައެއް ފަޅު ރަށްރަށް މީހުން ދިރިއުޅޭ ބައެއް ރަށްރަށުގެ އިޚްތިޞާސްގެ ތެރޭގައި ހިމަނުއްވައިދެއްވާފައެވެ.