އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ގެންނެވި އެ އިޞްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 83 މެންބަރުންގެ އިއްތިފާޤުންނެވެ.
އިސްރާޢީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް މޯލްޑިވްސް އިމިގްރޭޝަންގެ ޤާނޫނަށް މަޖިލީހުން ގެންނެވި އިޞްލާހުގައި ވަނީ 7 އޮކްޓޫބަރު 2023އިން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު
ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓުމަކަށް އަންނަންދެން، އިސްރާއީލްގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުމަކީ މަނާކަމެއްކަމަށެވެ. ނަމަވެސް ޑުއެލް ޕާސްޕޯޓު އޮންނަ ފަރާތްތަކަށް ރާއްޖެ އެތެރެވެވޭނެއެވެ. އެގޮތަށް ފާސްކުރީ މޯލްޑިވްސް އިމިގްރޭޝަންގެ ލަފައާއި ގުޅިގެންނެވެ.
ކޮމިޓިން ގެންނެވި އިޞްލާހަށް ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ، މޯލްޑިވްސް އިމިގްރޭޝަނުން ދެއްވި ލަފައަކީ ދެޤައުމަކަށް ނިސްބަތްވާ ރައްޔިތުން ނުވަތަ ޑުއަލް ސިޓިޒަންޝިޕްގެ މީހުން ނުވަތަ އިސްރާޢީލުގެ ރައްޔިތެއް އެހެން ޤައުމެއްގެ ޕާސްޕޯޓުގައި އެތެރެވުން ބެލޭނެގޮތެއް ނޯންނަކަމަށެވެ. އެހެންކަމުން މިއީ އިމިގްރޭޝަންގެ ލަފައަށް ރިޔާއަތްކޮށް ގެނައި އިޞްލާހެއްކަމަށް ނާޒިމް ވިދާޅުވިއެވެ.
"ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލައަކީ އެމީހުންނަށް ދާއިމީ ހައްލެއް އަންނަންޖެހޭ މައްސަލައެއް. އެންމެ ކުޑަމިނުން 1967 ވަނަ އަހަރުގެ ސަރަހައްދީ ރޮނގުތަކާ ހިސާބަށް މިނިވަން ދައުލަތުގެ ވެރިރަށުގެގޮތުގައި އީސްޓު ޖެރުސަލަމް[އިރުމަތީ ގުދުސް] ހަމަޖައްސައި ހިންގުމުގެ ފުރިހަމަ ހައްގާއި މިނިވަންކަން ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެންދެކަށް އެއީ ފަލަސްޠީނުގެ ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް ލިބުނީކަމަށް އަޅުގަނޑުމެންނަކަށް ނުބެލޭނެ. އެހެންވީމަ މި ބިލުގެ މަޤްޞަދަކީ އެކަން ހާސިލްވަންދެކަށް ފަލަސްތީނަކީ މިނިވަން ދައުލަތެއްގޮތަށް ޤާއިމްވަންދެކަށް މިގޮތަށް މިކަންކަން ހަމަޖެއްސުން. އަޅުގަނޑު ގަބޫލުކުރަނީ މިއޮތީ ރަނގަޅު ހައްލ؛ަކާހަމައަށް އަޅުގަނޑުމެންނަށް އާދެވިފައިކަމަށް." ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވިއެވެ.
އިޞްލާހަށް ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވީ، ހަނގުރާމަ ހިނގަމުންދާހާ ހިނދަކު އިސްރާޢީލުގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުމުގެ ފުރުޞަތު ސަރުކާރުން ނުދެއްވާނެކަމަށެވެ.
"އަޅުގަނޑު ދިރާސާކޮށްލިން. މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޤަރާރުތައް ހުށައަޅާފައިހުރިއިރު ހުރީ ކުރަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓަލަންދެން މިކަންކުރަން ފެނެޔޭ ނޫނީ މި މަޖިލީހުން ބަހެއް ބުނާށޭ. ސާފުފަހުން ބުނެފައެއްނެތް ޕާސްޕޯޓް މަނާކުރާކަށް. އޭރުގެ ސަރުކާރަކުންވެސް މަނައެއް ނުކުރޭ." އިބްރާހީމް ފަލާޙް ވިދާޅުވިއެވެ.
އިމިގްރޭޝަންގެ ޤާނޫނަށް ގެނައި މި އިޞްލާހަށް މަޖިލީހުގެ ގިނަ މެންބަރުން ވަނީ ތާޢީދުކޮށްފައެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފެށިފަހުން މިހާތަނަށް އެ ޢުދުވާނުގައި 62،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 114,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. މި ހަމަލާތަކުގައިި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.