ކުޅިވަރު

ބާސެލޯނާއަކީ ކަޓުވާލެވޭހާ ބަލި ޓީމެއް ނޫން: ފްލިކް


ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑާ ދެކޮޅަށް ކުޅޭ މެޗުގައި ބާސެލޯނާ ކަޓުވާލެވޭހާ ބަލިނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފިއެވެ.

މި ދެ ޓީމު ބާސެލޯނާގެ ދަނޑުގައި މިދިޔަ ހަފުތާގައި ކުޅުނު މެޗު 4-0އިން ކާމިޔާބު ކުރީ ބާސެލޯނާ އެވެ. މިހެންވެ ޑޯޓްމުންޑްގެ އަމިއްލަ ދަނޑުގައި އެ މީހުންނަށް މިރޭ ބާސެލޯނާ ކަޓުވާލެވޭނީ ފަސް ލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު ފްލިކް ބުނީ އޭނާގެ ޓީމު މިވަރުގެ ބޮޑު ލީޑެއްގައި އޮއްވައި ކަޓުވާލެވޭހާ ބަލިނުވާނެ ކަމަށެވެ.

"ފުޓްބޯޅައިގައި އެއްވެސް ކަމެއް ނުވާނެއޭ ބުނާކަށް ނުވާނެ. އެކަމަކު އަހަރެންގެ ޓީމު ތިފަދަ ނަތީޖާ އަކުން ބަލިކުރެވޭހާ ނިކަމެއްޗެއް ނުވާނެ. މި މެޗަށް ނުކުންނައިރު އަހަރުމެންގެ އެންމެ ބޮޑު އިތުބާރަކީ ކުރީ މެޗުގައި ޖެހި ހަތަރު ލަނޑު،" ފްލިކް ބުންޏެވެ.

ޖަރުމަނުގެ ބަޔާން މިއުނިކާ އެ ގައުމުގެ ގައުމީ ޓީމަށް ވެސް ކުރިން ކޯޗުކޮށްދިން ފްލިކް ބުނީ މިރޭގެ މެޗު ނުނިމެނީސް ބާސެލޯނާ ސެމީ ފައިނަލަށް ނުދާނެކަން ކުޅުންތެރިންނަށް ވިސްނައިދީފައިވާނެ ކަމަށެވެ.

"އަހަރުމެން އަދި މި އޮތީ ސެމީ ފައިނަލަކު ނޫން. އެކަމަކު މި މެޗުން މޮޅުވެގެން ސެމީ އަށް ދެވޭނީ. އަހަރުމެންގެ ދަނޑުގައި ކުޅުނީ މި މެޗުގެ ފުރަތަމަ ހާފު ކަމަށް މި ބަލަނީ. އެހެންވީމާ އަހަރުމެން މިރޭ ފަރުވާ ކުޑަކޮށްލައިގެން ނުވާނެ،" ކޯޗު ބުންޏެވެ.

މި މެޗަށް ނުކުންނައިރު އެންމެ އިތުބާރާއެކު ހުރީ ބާސެލޯނާގެ ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ އެވެ. އޭނާ ޑޯޓްމުންޑް ދޫކޮށްލި ފަހުން ބަޔާން މިއުނިކާގައި ބާސެލޯނާގައި ވަނީ ޑޯޓްމުންޑާ ދެކޮޅަށް 28 މެޗު ކުޅެފަ އެވެ. މި މެޗުތަކުގައި ވަނީ 29 ގޯލު ޖަހާފަ އެވެ. މިދިޔަ ހަފުތާގައި ކުޅުނު މެޗުގައި ވެސް އޭނާ ދެ ގޯލު ޖެހި އެވެ.