ޚަބަރު

މަޑުލު މުޙައްމަދު ވަޙީދުގެ ޖަނާޒާ ބާއްވައިފި


ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުޙައްމަދު ވަޙީދުގެ ޖަނާޒާ ބާއްވައިފިއެވެ.

ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދު އަވަހާރަވި މަޑުލު ވަހީދުގެ މޫނު ދެއްކުމާއި ކަށުނަމާދު ކުރިން އޮތީ އިސްލާމީ މަރުކަޒުގައެވެ.

މިއަދު 11:00 އިން ފެށިގެން މޫނުދެއްކުން އިސްލާމީ މަރުކަޒުގައި ބާއްވާފައިވާއިރު، އަސުރު ނަމާދަށްފަހު މައްޔިތާގެ މައްޗަށް އިމާމުވެ، ކަށު ނަމާދު ކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ޞައީދުއެވެ. މަޑުލު މުޙައްމަދު ވަޙީދު ވަޅުލާފައިވަނީ އާސަހަރާގައެވެ.

މަރުޙޫމް މުޙައްމަދު ވަހީދުގެ ޖަނާޒާގެ ކަންކަމުގައި ސަރުކާރުގެ ބައެއް އިސްފަރާތްތަކާއި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.

ދިވެހި ބަހާއި އަދަބިއްޔާތާއި، ތާރީޚާއި ސަޤާފަތާއި ނޫސްވެރިކަމުގެ ދާއިރާއިން ގައުމަށް ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވިއިރުވެސް ހުންނެވީ، ދިވެހި ބަހުގެ އެކެޑަމީގެ މުޝީރުކަމުގެ މަޤާމުގައެވެ.

މަޑުލު ވަހީދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އިތުރުން ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރުގެ އިތުރުން ސިޔާސީ ފަރާތްތަކުންވެސް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.

މަޑުލު މުޙައްމަދު ވަޙީދު ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 17 ޑިސެންބަރު 1966 ގައެވެ. ފުރަތަމަ އަދާކުރެއްވީ ވުޒާރަތުއްތިޖާރާ (ށ)ގެ އިނގިރޭސި ކާތިބުކަމެވެ. ސަރުކާރުގެ ޚިދުމަތުގައި ވަޙީދު 35 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވެއެވެ. ފުރުއްވާފައިވާ އެހެން ބައެއް މަޤާމުތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ ބޭރު ޚަބަރުލިޔާ ރިޕޯޓަރުކަމާއި، އެ ޑިޕާޓްމަންޓްގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަޤާމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަޤާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމު ހިމެނެއެވެ. މީގެއިތުރުން، ނުރަސްމީ ތަޢުލީމުދޭ ބައިގެ މުދައްރިސް ކަމުގެ މަޤާމާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރުކަމުގެ މަޤާމާއި، ޚާއްޞަ މުޝީރުކަމުގެ މަޤާމު ހިމެނެއެވެ.

މަޑުލު މުޙައްމަދު ވަޙީދަށް ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 1985 ވަނަ އަހަރު ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި ކުރު ވާހަކަ ލިޔުމުގެ ރޮނގުން 1997 ވަނަ އަހަރު ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2019 ވަނަ އަހަރު ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ގަލަންވެސް ލިބިވަޑައިގެންފައިވެއެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ ކުޑަކުދިންގެ އަހަރުގެ ގޮތުގައި ފުރަތަމަ ފާހަގަކުރެވުނު އަހަރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުއްވައިލެއްވި ފޮތް ލިޔުމުގެ މުބާރާތުން ވަނީ އެއްވަނަ ހޯއްދަވާފައެވެ.