އާއްމުކޮށް ދިވެހިން ގޮސްއުޅޭ ބައެއް ޤައުމުތަކުގައި އައިޑީކާޑު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ސަރުކާރުން އަންނަނީ އަތޮޅު ތެރޭގައި ތިބެގެން އައިޑީކާޑާއި ޕާސްޕޯޓް ޚިދުމަތްވެސް ފޯރުކޮށްދެމުންނެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއަހަރުގެ ރާއްޖޭގެ ހުރިހާ ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނައިރު، ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް މިޚިދުމަތް ފެށުމަށް ޑީއެންއާރުން ތައްޔާރުވަމުން އަންނަކަމަށެވެ.
އެގޮތުން މެލޭޝިއާ އާއި ސްރީލަންކާ، އިންޑިއާ އާއި އިނގިރޭސިވިލާތުގައި މިޚިދުމަތް ފެށުމަށް ޑީއެންއާރުން ތައްޔާރުވަމުން އަންނަކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ދާޚިލީ ވުޒާރާއިން ވަނީ މި މަހު އިތުރު ހަތަރު ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް ފަށާނެ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ށ. ފުނަދޫ، ށ. މިލަންދޫ، ނ. ވެލިދޫ އަދި މ. މުލީގައިވެސް މި ޚިދުމަތް ފެށުމަށް ވަނީ ނިންމާފައެވެ.
އަސާސީ މިފަދަ މުހިންމު ޚިދުމަތެއް ހޯދުމަށް މާލެއަށް ބަރޯސާވެފައި ތިބެން ޖެހުމަކީ އޭގެ އުނދަގޫ ރައްޔިތުންނަށް ކުރިމަތިވަމުންދާކަމެކެވެ. އެހެންކަމުން މިކަން ބަދަލުކޮށް ރައްޔިތުންނަށް މިކަމުގައި ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ރަސްމީކޮށް މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ފެށުމުގެ ކުރިން އައިޑީކާޑު ހެއްދުމުގެ ޚިދުމަތް ދެމުން ދިޔައީ މާލެއިން ޕްރިންޓްކޮށް ރަށްރަށަށް ފޮނުވައިގެންނެވެ. އެހެންނަމަވެސް މިއީ ވަގުތު ނަގާ އަދި އެކަމުގެ ތަކުލީފު ބޮޑުކަމެކެވެ.
އެހެންކަމުން ރައްޔިތުންނާ ގާތުން މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވާ ނިމިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިވީ މުއްދަތުގެ ތެރޭގައި އެކި ރަށްރަށުގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިހާރުވަނީ ޤާއިމުކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އައިޑީކާޑު ޕްރިންޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ.
ޑީއެންއާރުން މިހާރު ވެސް ވަނީ އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް 15 ރަށެއްގައި ފަށާފައެވެ. އެރަށްރަށުގައި މިޚިދުމަތް ދެމުން އަންނަނީ ކައުންސިލްތަކާ ގުޅިގެންނެވެ.