ޚަބަރު

ފާއިތުވި 5 ދުވަސްތެރޭ 4 ސަރަޙައްދެއްގައި 4 ކަނދުފަތި އަޅައިފި


  • ކ. ނ. ށ. އަދި ހދ އަތޮޅުގައި ކަނދުފަތިވަނީ އަޅާފައި

  • ށ. ނަލަންދޫ ކައިރީގައި އަޅާފައިވަނީ ވަދު ކަނދުފަތި

  • ކ. ނ. އަދި ހދ އަތޮޅުގައި އަޅާފައިވަނީ ދޮށީ ކަނދުފަތި

ފާއިތުވީ 5 ދުވަސްތެރޭ ރާއްޖޭގެ 4 ސަރަހައްދެއްގައި 4 ކަނދުފަތި އަޅައިފިއެވެ. މި ކަނދުފަތިތަކުގެތެރޭގައި ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުހިމެނެއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން މިމަހުގެ 9 ވަނަ ދުވަހު ކ. ގާފަރުގެ އިރުން 13.5 މޭލު ބޭރުގަ ދޮށީ ކަނދުފަތި އަޅައިފައެވެ. އަދި މިމަހުގެ 10 ވަނަ ދުވަހު ވަނީ ނ. މާފަރުގެ އިރުން 9.5 މޭލު ބޭރުގައިވެސް ވަނީ ދޮށީ ކަނދުފައްޗެއް އަޅާފައެވެ.
މީގެ އިތުރުން މިމަހުގެ 12 ވަނަ ދުވަހު ށ. ނަލަންދޫ ކައިރީވަނީ ވަދު ކަނދުފަތި އަޅާފައިވާއިރު، މިމަހުގެ 13 ވަނަ ދުވަހު ވަނީ ހދ އަތޮޅު ކުޅުދުއްފުށީ އިރު ދެކުނުން 15.5 މޭލު ބޭރުގައި ދޮށީ ކަނދުފަތި އަޅާފައެވެ.

ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ މަސައްކަތަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެއް ދިމާލަކަށް މަސްޖަމާވާ ގޮތަށް ކަނޑަށް ފައްތާފައި އޮންނަ ބޮއެކެވެ.

ކަނދުފަތި އެޅުމުގެ އިތުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތުކުރެއްވުމުގެ މަސައްކަތްވެސް އެ ވުޒާރާއިން ދަނީ ކުރިއަށްގެންދަވަމުންނެވެ.

ކަނދުފަތިތަކަކީ އޮއެވާލުގައި މަސް އަޅާ އުސޫލުން މަސައްކަތްކުރާ އެއްޗެކެވެ. އަދި ކަނދުފަތީގައި އަޅާ ހިޔަނީގެ ސަބަބުން، މަސް ކަނދުފަތީގެ ގާތަށް މަސް ޖަމާވެއެވެ. މިހެންވުމުގެ ސަބަބުން ކަނދުފަތީގެ ކައިރީގައި މަސްވެރިކަން ވަރަށް ބޮޑަށް ތިޔާގިވެގެންދެއެވެ.

ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ.

ވަދު ކަނދުފަތިތަކާއެކު ރާއްޖޭގައި މަސްވެރިކަންކުރުމަށް އަންނަ ފަތުރުވެރިންނަށް މުޅިން އައު ފުރުޞަތުތަކެއް ހުޅުވި މިމަސައްކަތުގައި ޙަރަކާތްތެރިވާ ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ އައު ދޮރެއް ހުޅުވިގެންދާނެކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ކުދި އުޅަނދުފަހަރުގައި މަސްވެރިކަންކުރާ ފަރާތްތަކަށް ރަށާއި ކައިރިން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއިއެކު މަސްވެރިކަންކުރުމުގެ ފުރުޞަތު ފަހިވެ އޭގެ ސަބަބުން ކާނާގެ ޔަޤީންކަން އިތުރު ވެގެންދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަދު މަސްވެރިކަމަށް ޚާއްސަ ކަނދުފަތި ފަރުމާކޮށްފައިވަނީ ދޮށީގެ މަސްވެރިކަމަށް ޚާއްސަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަ އަދި ހޯދަން ފަސޭހަވާ ގޮތަށް "ރީނދޫ" ކުލައިގައެވެ. މިކަނދުފަތިތައް ޤާއިމްކުރަނީ ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައެވެ.

ރާއްޖޭގައި މިވަގުތު ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެކެވެ. އެއީ ހުޅުމާލޭގަ ހުންނަ ތަނެވެ. މިކަމަށް އޮތް ޑިމާންޑްގެ ބޮޑުކަމުންނާއެކު، މި ސަރުކާރުން އަންނަނީ އުތުރުން ށ. ފުނަދޫގައި އަދި ދެކުނުން އައްޑޫގައި ކަނދުފަތި ގާއިމުކުރާ ސެންޓަރުތައް އެޅުމަށް މަސައްކަތް ކުރަމުންނެވެ.