ޚަބަރު

އޮގަސްޓް 15ގެ ކުރިން އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ


  • ކޮންގްރެސް ބޭއްވުމުގެ މަސައްކަތްކުރަމުންދަނީ ޚާއްސަ ކޮމިޓީއަކުން

  • ގަވާއިދު ބުނާ ގޮތުން އެމްޑީޕީގެ ކޮންގްރެސް ބޭއްވޭނީ ކޮންމެ 5 އަހަރަކުން އެއް އަހަރު

އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ކޮންގްރެސް ބޭއްވުމަށް ފާސްކުރީ ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޑީޕީގެ ތަރުޖަމާނު އަނަސް ޢަބްދުއްސައްތާރު ވިދާޅުވީ ޤައުމީ މަޖިލީހުގައި ކޮންގްރެސް ބޭއްވުމުގެ ތައްޔާރީތައްވުމަށް ޚާއްސަ ކޮމިޓީއެއް ނަގާފައިވާ ކަމަށެވެ. ކޮންގްރެސް ބޭއްވުމަށް ބޭނުންވާ ބަޖެޓާއި ޚަރަދުތަކާއި އިންތިޒާމުތަކާއި ބާއްވާނެ ދުވަސް ކަނޑައެޅުމުގެ ކަންކަން ހަމަޖައްސަވާނީ އެ ކޮމިޓީންކަމަށް އަނަސް ވިދާޅުވިއެވެ.

ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ކޮންގްރެސް ބޭއްވުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އަޤުލަބިއްޔަތުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެމްޑީޕީގެ ކޮންގްރެސް ބޭއްވޭނީ ކޮންމެ 5 އަހަރަކުން އެއް އަހަރުއެވެ. ނަމަވެސް ވަކި ޝަރުތުތަކެއްގެ މަތިން ކޮންގްރެސްގެ އާދަޔާ ޚިލާފު ބައްދަލުވުމެއް ކޮންމެ އަހަރަކުވެސް ބޭއްވިދާނެއެވެ. މިފަދަ ކޮންގްރެސްއެއް ޤައުމީ މަޖިލީހުން ފާސްކުރުމުން ބޭއްވޭނެއެވެ.

ކޮންގްރެސް ބޭއްވުމުގެ ޒިންމާތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމާއި އަސާސީ ގަވާއިދު އިސްލާޙުކުރުމާއި ޕާޓީ އުވާލުމެވެ.

މި ފަހަރު އެމްޑީޕީ ބާއްވަން ނިންމަވާފައިވަނީ އާދަޔާޚިލާފު ކޮންގްރެސްއެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ހަމަޖައްސަވާފައިވަނީ ޕާޓީގެ ކޮންގްރެސް ޖަލްސާއެއްގައެވެ. މިފަހަކަށް އައިސް އެމްޑީޕީގެ ބައެއް މެންބަރުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.