ޒަކާތު ފަންޑުގެ ސްކޮލަރޝިޕް މިހަފްތާތެރޭގައި އިޢުލާންކުރެވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު އޭގެ ހެޔޮ ނަތީޖާ ފެންނަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޒަކާތު ފަންޑުގެ ސްކޮލަރޝިޕް އަންނަ ހަފްތާތެރޭގައި އިޢުލާންކުރާއިރު އިސްލާމީ ޢިލްމުގެ މުހިންމު ތަފާތު ދާއިރާތަކުން މާސްޓަރސްއާއި ޕީއެޗްޑީގެ ގިނަ ފުރުޞަތު ހުޅުވައިލެވޭނެކަމަށެވެ. މީގެއިތުރުން މިޞްރާއި ސަޢުދީ ފަދަ ޤައުމުތަކުގައި އަމިއްލަ ޚަރަދުގައި އިސްލާމީ ޢިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ މާލީ އެހީވެސް ސްކޮލަރޝިޕާއެކު އިޢުލާންކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި މެޑިސިންގެ ދާއިރާއިން ސުޕަރ ސްޕެޝަލިސްޓުން ނެތް މުހިންމު ބައެއް ދާއިރާތަކަށް ވެސް އެހީ ދެވޭނެކަމަށާއި ޒަކާތު ފަންޑުގެ ފީ ސަބީލިﷲ ބައިން މި ފުރުޞަތުތަކަށް އެހީދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު ޝަހީމް ވިދާޅުވީ ދިވެހި ރައްޔިތުންގެ ދީލަތި ކަމާއެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެން ދިޔަ ނަޞްރެއްކަމަށެވެ. މީގެއިތުރުން ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމާއި ޙާފިޒުން އުފެއްދުމުގެ މަޝްރޫޢުތަކަށްވެސް ޚަރަދު ކުރެވޭނެކަމަށް ވިދާޅުވިއެވެ.
ޒަކާތު ފަންޑުންދަނީ ފަޤީރުންނާއި މިސްކީނުންގެ ބައިން ފަޤީރުންގެ ބޭސް ފަރުވާއާއި ކިޑްނީ ޓްރާންސް ޕްލާންޓްކުރުމާއި ބޯން މެރޯ ހެދުމާއި ފުއްޕާމެއާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ވެސް ދަނީ ހޭދަކުރަމުންނެވެ.
ވަޒީރު ޝަހީމު ވިދާޅުވީ މިއީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާކަމަށެވެ.
2024 ވަނަ އަހަރު ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ޢަދަދަކަށް މުދަލު ޒަކާތަށް ފައިސާ ލިބުނު އަހަރެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި 34 މިލިއަންވަނީ ލިބިފައެވެ.
މިއަހަރަކީ ފިޠުރު ޒަކާތުގެ ގޮތުގައިވެސް އެންމެ ގިނަ ފައިސާ ލިބުނު އަހަރެވެ. އަދި ހަމަހަމަ ގޮތެއްގައި ރާއްޖޭގެ ފަޤީރުންގެ މެދުގައި ފިޠުރު ޒަކާތް ފުރަތަމަ ފަހަރަށް ބެހިގެން ދިޔައީ ވެސް މިއަހަރުއެވެ.