އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް މަޝްރޫޢު ކުރިއަށް ގެންދިއުމަށް އަދުގެ ސަރުކާރުން އިސްކަންދެއްވުމުންވެސް ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ވަޤުފު މަޝްރޫތަކަށް އަހައްމިއްޔަތުކަން ދެއްވާ މިންވަރު ފެނިގެންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް ޢިމާރާތްކުރުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފެށުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ފެނިގެން މިދަނީ ރައީސްގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ވަޤުފު މަޝްރޫތަކަށް ދެއްވާ އަހައްމިއްޔަތުކަން ކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ފައިސާ ނުލިބި އެތަށް އަހަރަކަށް ފެށުން ލަސްވެފައި އޮތް މި މަޝްރޫޢަށް ރައީސްގެ ވެރިކަމުގައި އަހައްމިއްޔަތުކަން ދެއްވައި ބީއެމްްއެލް އިސްލާމިކް އިން ފައިސާ ހަމަޖެހިގެން ދިޔަކަމީ އުފާވެރިކަމެއްކަމަށެވެ. އަދި އެކަމަށްޓަކައި ވަޒީރު ވަނީ އައިޔޫއެމްއަށާއި ބީއެމްއެލް އިސްލާމިކަށް ވެސް ތަހުނިޔާ ދަންނަވާފައެވެ.
އައިޔޫއެމްގެ ސަނާބިލް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވުމުގެ މުނާސަބަތުގައި ރައީސް @MMuizzu ޑރ. މުއިއްޒަށް މަރުޙަބާ ދަންނަވަން. ރައީސްގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ވަޤުފު މަޝްރޫތަކަށް ދެއްވާ އަހައްމިއްޔަތުކަން ފެނިގެން މިދަނީ. pic.twitter.com/VJOibKXNXZ
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 12, 2025
އައިޔޫއެމް މާލީ ގޮތުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ މި މަޝްރޫޢޫގެ ކުރިއަށްގެންދިއުމަށް ހުޅުމާލެއިން ބިމެއް ރެޖިސްޓްރީ ކުރީ 2019ވަނަ އަހަރުގެ ޖުލައި މަހުއެވެ. އަދި މަޝްރޫޢުއަށް ކޮންޓްރެކްޓަރު ހަމަޖައްސާ އެކަމުގެ އެއްބަސްވުން ޤާއިމުކުރީ މިދިޔަ އަހަރުގެ އޮގަސްޓް 22ވަނަ ދުވަހުއެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަޤްފް އިމާރާތް٫ސަނާބިލްއަކީ ރާއްޖޭގައި އިސްލާމީ ފައިނޭންސްގެ ތެރެއިން ތަޢުލީމީ މުވައްސަސާއަކަށް ސުކޫކު އިޝޫކޮށްގެން ބިނާކުރާ ފުރަތަމަ ބިނާއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި 7 ފަންގިފިލާއަށް އިމާރާތްކުރާ ވަޤްފް އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެކަމަށްޓަކާ ހުޅުމާލޭގައި ބޭއްވި ޚާއްސަ ރަސްމިއާޔަތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
"މިކްސްޑް-ޔޫޒް ކޮމްޕްލެކްސް" އެއް ގޮތަށް ބިނާކުރާ މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިންގ ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަން ޕާކިންގ ޖާގަތައް ހިމެނެއެވެ.
މި މަޝްރޫޢަކީ އިސްލާމިކް ފައިނޭންސްގެ ޞުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ޢިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގޭ އެންމެ ފުރަތަމަ މަޝްރޫޢެވެ. މި މަޝްރޫޢު ހިންގުމަށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓްގައި 1 މަސްދުވަހުގެ މުއްދަތަށް އައި.ޔޫ.އެމްގެ ޞުކޫކު (ޞުކޫކު އިސްތިސްނާޢު) ސަބްކްރިޕްޝަންއަށް ހުޅުވާލީ 11 އޮގަސްޓް 2024 ގައެވެ. އަދި މުއްދަތު ހަމަވިއިރު ސަބްސްކްރައިބްކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބީ.އެމް.އެލް އިސްލާމިކް އިންނެވެ.
މި ޢިމާރާތް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސްދުވަހުންނެވެ.