އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން 90 ދުވަހުގެ ތެރޭގައި 90 ވިޔަފާރީގެ އެއްބަސްވުން ޤާއިމު ކުރުމަށް ވަނީ އަމާޒު ހިފާފައެވެ. ނަމަވެސް ޓްރަމްޕް އިސްވެ ހުރެ ފައްޓަވާފައިވާ ‘ވިޔަފާރީގެ ހަނގުރާމަ’އަށް އަވަސް ޙައްލެއް ގެނެވޭނެކަމާމެދު ވަނީ ޝައްކު އުފެދިފައެވެ.
ވިލާތުގެ އިއްތިޙާދުގެ ވިޔަފާރިއާބެހޭ އިސްވެރިޔާ މާރޮސް ސެފްކޯވިކް އޭޕްރިލް މަހުގެ 14ވަނަ ދުވަހު ވިޔަފާރިއާގުޅޭ ކުއްލި މަޝްވަރާތައް ކުރުމަށް އެމެރިކާއަށް ދަތުރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭނާ ހިމެނިވަޑައިގަންނަވަނީ އޭޕްރިލް މަހުގެ 2ވަނަ ދުވަހު ޓްރަމްޕް އިޢުލާނު ކުރައްވާފައިވާ ބޮޑެތި ޓެރިފްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެ ޤައުމަށް ވަޑައިގަންނަވާ ފުރަތަމަ ބޭރުގެ އިސްވެރިންގެ ތެރޭގައެވެ. ވިލާތުގެ އިއްތިޙާދާއި އެމެރިކާއާ ދެމެދު ފާއިތުވި އަހަރުގެ ތެރޭގައި އެއް ޓްރިލިޔަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ވަނީ ކޮށްފައެވެ. އެހެންކަމުން އެ އިއްތިޙާދަކީ އެމެރިކާގެ އެންމެ ބޮޑު އެއް ވިޔަފާރި ބައިވެރިޔާއެވެ.
ނަމަވެސް އެމެރިކާއަށް ސެފްކޯވިކް ވަޑައިގަންނަވާއިރު ވިޔަފާރިއާ ގުޅޭ މަޝްވަރާތައް ވިލަރެސްކުރުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ އެމެރިކާގެ މާލީ ވަޒީރު، ސްކޮޓް ބެސެންޓް ހުންނަވާނީ އާޖެންޓީނާގައެވެ. އޭނާ އާޖެންޓީނާއަށް ވަޑައިގަންނަވަނީ އެ ޤައުމުގެ އިޤްތިޞާދީ އިސްލާހުތަކަށް ތާއީދުކޮށް ހިތްވަރު ދެއްވުމަށެވެ. ނަމަވެސް އާޖެންޓީނާއާއި އެމެރިކާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުމަކީ އެމެރިކާއާއި ވިލާތުގެ އިއްތިޙާދާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުމަށް ވުރެ މުހިންމުކަން ކުޑަ ގުޅުމެކެވެ. އާޖެންޓީނާއާއި އެމެރިކާއާ ދެމެދު ކުރާ ވިޔަފާރި އަގު ކުރެވެނީ އަހަރަކު 16.3 ބިލިޔަން އެމެރިކާ ޑޮލަރުގެ ގޮތުގައެެވެ. އެހެންކަމުން ސެފްކޯވިކް އެމެރިކާއަށް ވަޑައިގަންނަވާއިރު ބެސެންޓް ޤައުމުގައި މަޑުނުކުރައްވާތީ ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ.
ސެފްކޯވިކް އެމެރިކާއަށް ވަޑައިގަންނަވާއިރު ބެސެންޓް ޤައުމުގައި ނުހުންނެވުމަކީ 90 ދުވަހުގެ ތެރޭގައި 90 ވިޔަފާރި އެއްބަސްވުން ޤާއިމު ކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތް އެންމެ އެދެވޭ ގޮތަށް ކުރިއަށް ނުދާނެކަމުގެ ފާލެއްގެ ގޮތުގައި ވިޔަފާރިއާގުޅޭ ތަޖުރިބާކާރުން ޤަބޫލު ކުރެއެވެ. އެހާ ގިނަ ޢަދަދެއްގެ އެއްބަސްވުން އެއްފަހަރާ ޤާއިމު ކުރެވިދާނެތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އެމެރިކާގެ ވިޔަފާރިއާގުޅޭ މަޝްވަރާތައް ވިލަރެސް ކުރުމުގައި ކުރިން ޙަރަކާތްތެރިވެވަޑައިގެންނެވި ވެންޑީ ކަޓްލަރ ވިދާޅުވީ ރަނގަޅު އަދި އާރުލާ ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމު ކުރުމަށް ގިނަ މަޝްވަރާތައް ކުރަންޖެހޭ ކަމަށާއި އެ ކަމަށް ގިނަ ވަގުތު ހޭދަވާ ކަމަށެވެ. އެހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެހާ ގިނަ ޤަައުމުތަކާއެކު ވިޔަފާރީގެ ރަނގަޅު އެއްބަސްވުންތަކެއް ޤާއިމު ކުރެވިދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ވިޔަފާރިއާގުޅޭ މުޝީރު ޕީޓަރ ނަވަރޯ ވިދާޅުވީ ބެސެންޓާއި އެމެރިކާގެ ވިޔަފާރިއާބެހޭ މަންދޫބު ޖެމީސަން ގްރީއަށާއި ކޮމާސް ސެކެޓްރީ ހޮވަރޑް ލަޓްނިކަށް ކާމިޔާބުކަމާއެކު އެ މަސައްކަތް ފުރިހަމަ ކުރެއްވިދާނެ ކަމަށެވެ. އެއީ 90 ދުވަހުގެ ތެރޭގައި ނުކުރެވޭ ވަރު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އާޚިރުގައި ހުރިހައި ނިންމެވުމެއްް ނިންމަވާނީ ޓްރަމްޕް ކަމަށާއި އެއްވެސް ކަމެއް ޓްރަމްޕް އެ ކަމެއް ގާތުން ނުބައްލަވައި ނުނިމޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އޭޕްރިލް މަހުގެ 2ވަނަ ދުވަހު ޤައުމުތަކުގެ މައްޗަށް ތަންފީޒު ކުރެއްވި ޓެރިފްތައް 90 ދުވަހުގެ މުއްދަތަށް ޓްރަމްޕް މަޑުޖެއްސެވީ އެ ޓެރިފްތަކުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ބޮޑު ލޮޅުމެއް އައިސް އިޤްތިޞާދުތައް ބަލިކަށިވެ ތަކެތީގެ އަގު އުފުލިދާނެކަމުގެ ކަންބޮޑުވުންތައް ޤައުމުތަކުން ފާޅު ކުރަން ފެށުމުންނެވެ. އޭނާ ވިދާޅުވީ 90 ދުވަހުގެ މުއްދަތުގެ ތެރޭގައި އެމެރިކާއާއެކު ވިޔަފާރީގެ ގުުޅުންތައް ޤާއިމު ކުރުމަށް ބޭނުންވާ ޤައުމުތަކަށް އެ ފުރުޞަތު އޮންނާނެ ކަމަށެވެ.
އޭގެ އިތުރުން މާލީ ބާޒާރުތަކުގެ އިތުބާރު އަލުން ހޯދުމަކީ ވެސް 90 ދުވަހުގެ ތެރޭގައި ހާޞިލް ކުރުމަށް އެެމެރިކާއިން އެދޭ މުހިންމު އަމާޒެކެވެ. އެމެރިކާއިން ތަޢާރަފް ކުރި ޓެރިފްތަކުގެ ސަބަބުން އިޤްތިޞާދުތައް އިނދަޖެހި ތަކެތީގެ އަގު އުފުލިދާނެ ކަމުގެ ބިރަށް މި ހަފުތާގެ ތެރޭގައި ގިނަ ޢަދަދެއްގެ އިންވެސްޓަރުން ވަނީ އެމެރިކާގެ ޓްރެޜަރީ ބޮންޑުތައް ވިއްކާލައިފައެވެ. އޭގެ ސަަބަބުން އިންޓްރެސްޓް ރޭޓު މައްޗަށް ގޮސް ޑޮލަރުގެ އަގު ވަނީ ދަށަށް ގޮސްފައެވެ. އުނދަގޫ ޙާލަތްތަކުގައި އިންވެސްޓަރުން އިތުބާރު ކުރާ ރަނުގެ އަގު ވަނީ ރެކޯޑު ޢަދަދަކަށް މައްޗަށް ގޮސްފައެވެ.
ކަޓްލަރ ވިދާޅުވީ މި ހަލަބޮލިކަމުގެ ސަބަބުން ޓްރަމްޕް ޓީމަށް އަވަސް ކާމިޔާބީތަކެއް ހޯދުމަށް އޮންނަ ޕްރެޝަރު އިތުރުވާނެ ކަމަށެވެ. އަވަސް ގޮތަކަށް އެކި ޤަައުމުތަކާއެކު އެއްބަސްވުމްތައް ޤާއިމުކޮށް، މާލީ ބާޒާރުގައިއާއި ވިޔަފާރި ބައިވެރިންގެ މެދުގައި އެމެރިކާއާމެދު އޮންނަ އިތުބާރު އިތުރުކޮށް، މި ވަގުތު ކުރިމަތިވެފައިވާ ހަލަބޮލިކަމުން އަރައިގަނެ ސަލާމަތުގެ އައްސޭރިއަކަށް ފޯރާނެކަމުގެ ޔަޤީންކަން ދިނުމުގެ ޒިންމާ އޮތީ އެ މީހުންނަށް ކަމަށް ވެސް ކަޓްލަރ ފާހަގަ ކުރެއްވިއެވެ.
ޓްރަމްޕް ތަޢާރަފް ކުރެއްވި ޓެރިފްތަކުގެ ދަށުން ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު ކަމުގައިވާ ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 104 އިންސައްތައިގެ ޓެރިފެއް ނެގުމަށް ވަނީ ނިންމަވާފައެވެ. އެހެން ޤައުމުތަކުން އެތެރެކުރާ މުދަލުން ޓެރިފް ނެގުން މަޑުަޖައްސައިލި ނަމަވެސް ޗައިނާއަށް އެ ފުރުޞަތު ދީފައެއް ނުވެއެވެ. އޭގެ ރައްދުގައި ޗައިނާއިން ވެސް ވަނީ އެ ޤައުމަށް އެމެރިކާއިން އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީގެ ޢަދަދު 34 އިންސައްތައިން 84 އިންސައްތައަށް އިތުރު ކޮށްފައެވެ. އޭގެ އިތުރުން ޗައިނާއިން ވަނީ އެމެރިކާގެ 18 ވިޔަފާރިއަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާފައެވެ. މީގެ ކުރިން ވެސް ޓެރިފްތައް އިޢުލާނު ކުރުމާއެކު ޗައިނާއިން ވަނީ އެމެރިކާގެ 60އެއްހާ ވިޔަފާރިއާ ދެކޮޅަށް ފިޔަވަޅު އަޅައިފައެވެ. އެއާއެކު ދުނިޔޭގެ އިޤްތިޞާދަށް ކުރާނެ އަސަރުތަކާމެދު އޮތް ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.
ޓްރަމްޕާއި މާލީ ބާޒާރުތައް ވެސް ހިތްހަމަޖެހޭ ވިޔަފާރީގެ އެއްބަސްވުންތަކެއް ހާޞިލް ކުރުމަކީ ފަސޭހަ ކަމަށް ނުވާނެ ކަމަށާއި އެއީ ވަރަށް ބޮޑު މަސައްކަތެއް ކަމަށް ކަޓްލަރ ވިދާޅުވިއެވެ. އެހެންކަމުން 90 ދުވަހުގެ ތެރޭގައި އެމެރިކާގެ ސަރުކާރުން އެ ޤައުމަށް މުހިންމު ވިޔަފާރި ބައިވެރިންނާއެކު އެއްބަސްވުންތައް ޤާއިމު ކުރުމަށް އަވަސްވެ ގަންނާނެކަމަށް ބެލެވޭ ކަމަށާއި އެ މުއްދަތުގައި އެއްބަސްވުންތައް ޤާއިމު ނުކުރެވޭ ޤައުމުތަކަށް ޓެރިފް މަޑުޖައްސާލާފައިވާ މުއްދަތު އިތުރު ކޮށްދޭނެ ކަމަށް ބެލެވޭ ކަމަށް ކަޓްލަރ ވިދާޅުވިއެވެ.
ޓްރަމްޕް އެމެރިކާގެ ރައީސްގެ މަޤާމުގައި ހުންނެވި ފުރަތަމަ ދައުރުގައި އެމެރިކާއިން ޤާއިމު ކޮށްފައިވާ އެންމެ ކުދި ވިިޔަފާރީގެ އެއްބަސްވުންތައް ޤާއިމު ކުރުމަށް ވެސް ގިނަ ވަގުތުތަކެއް ނަގާފައިވެއެވެ. އެ ގޮތުން އެމެރިކާއާއި ދެކުނު ކޮރެޔާއާ ދެމެދު ޤާއިމު ކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ވަކި ބާބެއް އިސްލާހު ކުރުމަށް ވެސް އަށް މަސް ދުވަސް ނަގާފައިވެއެވެ. އެެމެރިކާއާއި މެކްސިކޯއާއި ކެނެޑާއާ ދެމެދު ފުޅާ ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމު ކުރުމަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވެފައިވެއެވެ.
ނަމަވެސް ވައިޓް ހައުސްގެ މުޝީރު ގްރީ ވިދާޅުވީ ސީދާ ރައީސަށް ޤައުމުތަކާއެކު އެއްބަސްވުމަކާ ހިސާބަށް އާދެވޭނެ ހިސާބަށް އާދެވިދާނެ ކަމަށެވެ. އެ ޙާލަތުގައި މަޝްވަރާ ކުރައްވާނީ ރައީސް ކަމަށާއި ހުށަހަޅާފައިވާ ހުށަހެޅުމަކީ ރަނގަޅު ހުށަހެޅުމަކަށް ވާނަމަ އެ ހުށަހެޅުން ޤަބޫލު ކުރެއްވުމާމެދު ރައީސް ވިސްނަވާނެ ކަމަށެވެ. ނަމަވެސް އެ ހުށަހެޅުންތަކަކީ ރަނގަޅު ހުށަހެޅުންތަކެއް ކަމަށް ފެނުވަޑައިނުގަންނަވާނަމަ ޓެރިފް އިޢާދަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
90 ދުވަހުގެ ތެރޭގައި 90 އެއްބަސްވުން ޤާއިމު ކުރުމުގެ އިތުރުން ޓްރަމްޕްގެ ސަރުކާރަށް އިތުރު ގޮންޖެހުންތައް ވެސް ވަނީ ކުރިމަތިވެފައެވެ. އެ ގޮތުން ސަރުކާރުގެ މުހިންމު ގިނަ މަޤާމުތަކަށް އަދި ވެސް ބޭފުޅުން ޢައްޔަނު ކޮށްފައި ނުވާއިރު މަޤާމުތައް ފުރުއްވަމުންދާ ބޭފުޅުން ވެސް ވަނީ މުހިންމު އެހެން މަސައްކަތްތަކުގައި މަސްޢޫލުވެވަޑައިގެންފައެވެ. އެ ގޮތުން މާލީ ކަންތައްތަކާ ގުޅޭ ގިނަ ޢަދަދެއްގެ އިސްވެރިން ދަނީ ޔުކްރެއިނާއެކު މައުދަން ދިނުމާގުޅޭ އެއްބަސްވުމެއް ޤާއިމު ކުރުމަށް މަޝްވަރާ ކުރަމުންނެވެ. ގްރީ ވިދާޅުވީ އޭނާގެ 200 މުވައްޒަފުންގެ ޓީމުން ޤައުމުތަކާއެކު އެކި ހުށަހެޅުންތައް ބަދަލުކުރުމުގައި 24 ގަޑިއިރު އަވަދިވެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމެރިކާގެ މާލީ ވުޒާރާގެ މުހިންމު މަޤާމެއްގައި ދެން ހުންނެވީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ރުހުން ދީފައިވާ އެންމެ ބޭފުޅެކެވެ. އެއީ މާލީ ވަޒީރުގެ ނައިބު މައިކަލް ފައުލްކެންޑަރއެވެ. ބައިނަލްއަޤްވާމީ ކަންކަމާގުޅޭ އަންޑަރސެކެޓްރީގެ މަޤާމަށް ވެސް ޓްރަމްޕް މިހާތަނަށް ނަމެއް ހުށަހަޅުއްވާފައެއް ނުވެއެވެ. ވިޔަފާރިއާގުޅޭ މަންދޫބުގެ ދަށުން މަސައްކަތް ކުރައްވާނެ ނައިބުން ވެސް ނެތް އިރު އޭނާ ވެސް މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ބަރޯސާވެވަޑައިގަންނަވަނީ އިދާރާގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންގެ މައްޗަށެވެ. ދެން ކުރިމަރިވެފައިވާ އަނެއް މައްްސަލައަކީ ޓްރަމްޕްގެ ވިޔަފާރިއާގުޅޭ މަންދޫބުންގެ މެދުގައި ކަންކަމާގުޅޭ ގޮތުން ޚިޔާލު ތަފާތުވުމެވެ. އެއާއެކު މައްސަލަތަކުގައި އެމެރިކާއިން ދެކެނީ ކޮން ގޮތަކަށްތޯއާމެދު ވަނީ ސުވާލު އުފެދިފައެވެ.
މިދިޔަ ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެރިކާގެ ރައީސްގެ މަޤާމަށް ދެވަނަ ދައުރަކަށް ޓްރަމްޕް ޙަވާލުވެވަޑައިގެންނެވިފަހުން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ހިމެނޭހެން ބައެއް ގައުމުތަކުން ވަނީ އެމެރިކާގެ އައު ސަރުކާރާއެކު ވިޔަފާރިއާ ގުޅޭ މަޝްވަރާތައް ކޮށްފައެވެ. ނަމަވެސް މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ހާޞިލް ކުރެވިފައެއް ނުވެއެވެ.