މުޙައްމަދު ސަލާހު ހިފަހައްޓަން ލިވަޕޫލުން ބޭނުންކޮށްފައިވާ ހަތިޔާރަކީ "ފައިސާ އާއި ހިތްވަރު" ކަމަށް އެ ޓީމުގެ ކޯޗު އާނާ ސްލޮޓް ބުނެފިއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލުން ވެސްޓް ހޭމް ޔުނައިޓެޑާ ވާދަކުރަން ދެ ދުވަހަށްވެފައި ވަނިކޮށް ސަލާހު ވަނީ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ދެ އަހަރަށް ދަންމާލާފައެވެ. ލިވަޕޫލާއެކު ސަލާހުގެ މުސްތަގުބަލާމެދު ގިނަބައެއްގެ ހިތުގައި ސުވާލު އުފައްދަމުންދިޔަ ދަނޑިވަޅެއްގައި އޭނާ މިވަނީ ސަޕޯޓަރުންނަށް ހަމަޖެހުމެއް ގެނެސްދީފައެވެ. ލިވަޕޫލުން މީގެ ކުރިން ކުޅުންތެރިންގެ އެއްބަސްވުން އައުކުރުމަށް އަމަލުކުރަމުންދާ އުސޫލު މުގުރާލުމަށްފަހު، ޓީމުން ވަނީ މުސާރައިގެ ބޮޑު ކުރިއެރުމަކާއެކު ސަލާހުގެ އެއްބަސްވުމުގެ މުއްދަތު އިތުރު ދެއަހަރަށް ދަންމާލާފައެވެ.
ކުރިއަށް އޮތް ވެސްޓް ހޭމް މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ސްލޮޓް ބުނެފަވަނީ ސަލާޙްގެ އެއްބަސްވުން އައު ކުރާނެކަން އޭނާއަށް މާކުރިންވެސް އެނގޭކަމަށާ ސަލާހުގެ ނިންމުން ހާމަވުމާއެކު ސަޕޯޓަރުންނަށް ހިތްހަމަޖެހުން ލިބިގެންހިނގައްޖެކަމަށެވެ.
"ސަޕޯޓަރުންނަށް މިއީ އުފާވެރި ސަޕްރައިޒެއް. ކަންކަން އެނބުރެމުންދަނީ ރަނގަޅު މިސްރާބަށްކަން އަހަންނަށް ޔަގީންވިތާ ދުވަސްކޮޅެއްވެއްޖެ" ސަލާހު އެއްބަސްވުން އައުކޮށްފައިވާތީ އެކަމާ ގުޅިގެން ސްލޮޓް ބުނެފައިވެއެވެ.
ސަލާހުގެ ނިންމުމާމެދު އޭނާ ވަރަށް އުފާވެއްޖެކަން ހާމަކުރަމުން ސްލޮޓް ބުނީ ސަލާހަކީ ޓީމަށް ކިހާ މުހިންމު ކުޅުންތެރިއެއްކަން އޭނާވަނީ ފާއިތުވެ ދިޔަ ދުވަސްތަކުގައި ސާބިތުކޮށްދީފައިކަމަށެވެ. ސަލާހުގެ ސަބަބުން ސަޕޯޓަރުންވެސް ހެއްވާލައިފިކަމަށް ބުނަމުން ސްލޮޓް ބުނީ އާދިއްތަ ދުވަހު ވެސްޓް ހޭމާ ބައްދަލުކުރާ މެޗުންވެސް މިކަން ހާމަވެގެންދާނެކަމަށެވެ.
ލިވަޕޫލުގެ ސްޕޯރޓިންގ ޑިރެކްޓަރ ރިޗަރޑް ހިއުސްއަށް ތައުރީފުކުރަމުން ސްލޮޓް ބުނީ ސަލާހުގެ އެއްބަސްވުން އައު ކުރުމުގެ މޭސްތިރިއަކީ އެއީ ކަމަށެވެ. ހިލޭ ޓްރާންސްފަރގެ ދަށުން އޭނާއަށް ބޭނުން ކުލަބަކަށް ބަދަލުވުމުގެ ފުރުސަތު އޮތްކަމަށާއި، އަދި ހުރިހާ ކުލަބުތަކުންވެސް ތިބީ އޭނާއަށް ފާރަލައިގެން ބަލަބަލާކަމަށް ސްލޮޓް ބުންޏެވެ. އެހެންނަމަވެސް ސަލާހު ލިވަރުޕޫލާއެކު އިތުރު ދެއަހަރަށް މަޑުކުރަން ނިންމުމަކީ ޓީމަށް ލިބުނު އިތުރު ގަދަފަދަކަމެއްކަމަށް ސްލޮޓްވަނީ ސިފަކޮށްފައެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން ސްލޮޓް ސަމާސާ ރާގަކަށް ބުނެފަވަނީ ސަލާހު ލިވަޕޫލުގައި ހިފެހެއްޓުމަށް ކުލަބުން ބޭނުންކޮށްފައިވާ ހަތިޔާރަކީ "ފައިސާ އާއި ހިތްވަރު" ކަމަށެވެ. ސަލާހުގެ އެއްބަސްވުން އައު ކޮށްފަވަނީ އޭނާގެ އޭޖެންޓާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު ދެފަރާތުންވެސް ރުހިގެންކަމަށް ސްލޮޓް ފާހަގަކުރިއެވެ.
"ސަލާހުގެ ނިންމުމާއެކު ސީޒަން މާބޮޑަށްވެސް ދެން ރަނގަޅުވާނެ. އަދި ހިނގާ ބަލަމާ އަންނަ ސީޒަނަށް. ތަފާތެއް ފެންނާނެ" ސްލޮޓް ބުނެފައިވެއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލް އޮތީ 73 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. އެޓީމު އަދި ކުޅެންޖެހޭ ހަތް މެޗު ކުރިއަށް އޮތްއިރު މާދަމާ ލިވަޕޫލުން ނިކުންނާނީ އެމީހުންގެ އަމިއްލަ ދަނޑުގައި ވެސްޓް ހޭމާ ދެކޮޅަށެވެ. މިމެޗު ކުޅޭނީ ރާއްޖެ ގަޑިން އިރުއޮއްސި ހައެއްޖަހާއިރުއެވެ.