ސޫރިޔާއާ ދެކޮޅަށް ދުނިޔޭގެ ގިނަ ޤައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރުމުގައި، ތުރުކީވިލާތުގެ ޚާރިޖީ ގުޅުންތަކުގެ ތެރެއިން މަސައްކަތްކޮށްދޭނެ ކަމުގެ ޔަޤީންކަން، ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ދެއްވައިފިއެވެ.
އުރްދުޣާން މި ޔަޤީންކަން ދެއްވާފައިވަނީ، ތުރުކީވިލާތުގައި ބޭއްވި އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަވާސާގައި، ސޫރިޔާގެ ވަގުތީ ރައީސް އަޙްމަދު އަލް-ޝަރާޢު އާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމަށްފަހު ނެރުނު ބަޔާނެއްގައި ބުނީ، ސޫރިޔާގެ ވިޔަފާރި އާއި އިޤްތިޞާދު އާރާސްތުކުރުމުގެ މުހިންމުކަން އުރުދުޣާން ފާހަގަކުރެއްވި ކަމަށާއި، އަދި އެ މަސައްކަތުގައި ތުރުކީވިލާތުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ދެއްވި ކަމަށެވެ.
ސޫރިޔާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް ގިނަ ޤައުމުތަކުން އެޅީ، 2011ވަނަ އަހަރު އެ ޤައުމުގައި ފެށި ދާޚިލީ ހަނގުރާމައާ ގުޅިގެންނެވެ.
ސޫރިޔާގެ އަހުލީހަނގުރާމަ ފެށުނީ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަމުގައެވެ. ނަމަވެސް، ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހު ބަޣާވާތަކުން އަސަދުގެ ސަރުކާރަށް ވަނީ ނިމުމެއް ގެނެސްފައެވެ.
އަސަދުގެ ސަރުކާރު ވައްޓައިލާފައި ވަނީ ނިރުބަވެެރި ޖަމާޢަތެއް ކަމުގައިވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)އިންނެވެ. ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަމުން ދަނީ އެޗްޓީއެސުން އެކުލަވައިލާފައިވާ ވަގުތީ ސަރުކާރަކުންނެވެ.
ސޫރިޔާގެ ވަގުތީ ރައީސް ޝަރާޢުއަކީ އެޗްޓީއެސްގެ ވެރިޔާއެވެ.
ބައިނަލްއަޤުވާމީ މުޖުތަމަޢުން ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވައިލުމަށް ޝަރާޢުގެ ސަރުކާރުން ދަނީ ބާރު އަޅަމުންނެވެ.