ކުޅިވަރު

ސަލާހުގެ އަތުކުރީ ގަޑީގެ އަގަކީ ކޮބާ؟


މިސުރުގެ ފޯވާޑް މުޣައްމަދު ސަލާހު ވަނީ ލިވަޕޫލާއެކު އައު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި ރަސްމިއްޔާތުގައި އެންމެ އަޅައިގަތް އެއް ކަމަކީ އޭނާގެ ވާތު އަތުކުރީގައިވާ ގަޑި އެވެ. މިއީ ރިޗަޑް މިލް ބްރޭންޑްގެ 17-02 ގެ ލަގްޒަރީ ނޫ ކުލައިގެ ގަޑިއެކެވެ.

އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި މި ގަޑީގެ އަގަކީ 725000 ޕައުންޑެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 14 މިލިއަން ހަ ލައްކަ އެއްހާސް އެއް ސަތޭކަ ފަސްދޮޅަސް ހަ ރުފިޔާ އެވެ.
އިނގިރޭސި މީޑިއާތަކުން ބުނާ ގޮތުގައި މި ބްރޭންޑްގެ އެންމެ ފަހުގެ ގަޑިތަކުގެ ޑިޒައިންގައި ނެރުނީ ނޫ ކުލަ އާއި ހުދު ކުލައިގެ ގަޑި އެވެ. މި ގަޑި ތައްޔާރުކޮށްފައިވަނީ 90 ޕަސެންޓް ޓައިޓޭނިއަމް އާއި ހަ ޕަސެންޓް އަލްމިނިއަމް އާއި ހަތަރު ޕަސއނތް ވަނަޑިއަމް ބޭނުންކޮށްގެންނެވެ. އަދި ގަޑީގެ ވަށައިގެން ކަހަލަ ގޮތަކަށް 18 ކަރެޓްގެ ރަން ފަށަލައެއް ލާފައިވެ އެވެ. އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި ދަ ޓައިމް ޕީސް ކުންފުނިން ތައްޔާރުކޮށްފައިވަނީ ރިޗަޑްމިލީ 17-02ގެ ކޮންމެ ކުލައަކުން 30 ގަޑި އެވެ.

އުމުރުން 32 އަހަރުގެ ސަލާހަކީ ލިވަޕޫލްގެ ތާރީހުގައި އެންމެ އަލިގަދަ އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 2017 ވަނަ އަހަރު ރޯމާއިން 36.5 މިލިއަން ޕައުންޑަށް ލިވަޕޫލަށް ބަދަލުވުމަށްފަހު މިހާތަނަށް ކުޅުނު 394 މެޗުގައި 243 ގޯލު ޖަހައިދީފަ އެވެ. މިއާއެކު އޭނާ ވެފައިވަނީ ލިވަޕޫލްގެ ތާރީހުގައި އެކުލަބަށް ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާ އަށެވެ.

ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނީ ސަލާހް ކުލަބުގައި މަޑުކުރުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވަމުންދިޔަ ކުޅުންތެރިޔާގެ އެއްބަސްވުން އައު ކުރަން ވާހަކަ ދެކެވެމުންދިޔައިރު މިކަން ރަނގަޅަށް ނިމޭނެ ކަމަށް އޭނާ ވަރަށް ބޮޑަށް އުއްމީދު ކުރި ކަމަށެވެ.

އިތުރު ދެ އަހަރު ލިވަޕޫލްގައި މަޑުކުރަން ސޮއިކުރުމަށްފަހު ސަލާހް ވެސް ބުނީ މިއީ އޭނާ ވެސް އެންމެ ބޭނުންވި ގޮތް ކަމަށެވެ. އަދި ފާއިތުވެދިޔަ އަށް އަހަރަކީ އޭނާގެ ކެރިއަރުގައި ހޭދަވި އެންމެ އުފާވެރި އަދި އެންމެ ކާމިޔާބު ދުވަސްތައް ކަމަށެވެ. މިހެންވެ އެންމެ ރަނގަޅު ގޮތަކީ ލިވަޕޫލްގައި މަޑުކުރުން ކަމަށް އަބަދުވެސް ހިތުގެ އަޑިން ގަބޫލުކުރި ކަމަށެވެ.