ދަރިވަރުންނަށް ލިބޭ ހުސްވަގުތުތައް ދުނިޔެއާއި އާޚިރަތަށް ފައިދާހުރި ޢިލްމީ ޙަރަކާތްތަކުގައި ހޭދަކުރުމަށް ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "ތަރައްޤީގެ އަސާސަކީ، ތަޢުލީމާއި ތަރުބިޔަތު"އެވެ.
ހުކުރު ޚުޠުބާގައިވަނީ އިސްލާމްދީނާއި ދުނިޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ ގަދައަޅައި މަސައްކަތްކުރުމަށް ކިޔަވާ ކުދިންނަށް ގޮވާލައްވާފައެވެ. އަދި އެކަން ކުރެވޭނީ މައިންބަފައިންނަށާއި މުދައްރިސުންނަށް ޙައްޤުވާ ޤަދަރާއި އިޙްތިރާމުއަދާކޮށްގެންކަންވެސް ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ. ދުނިޔެއާއި އާޚިރަތަށް ފައިދާހުރި ޢިލްމީ ޙަރަކާތްތަކުގައި ދަރިވަރުންގެ ހުސްވަގުތު ހޭދަކުރުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ.
"ދުނިޔެއާއި އާޚިރަތަށް ފައިދާ ހުރި، ޢިލްމީ ޙަރަކާތްތަކުން، ތިޔަކުދީންގެ ހުސްވަގުތު ފަޅުފިލުވައިލާށެވެ! ކުތުބުޚާނާތަކުގެ ފޮތްތަކާއި، ލެބޯޓަރީގެ ސާމާނުތަކާއި، ތަޢުލީމީ ވަސީލަތްތަކުގެ ބޭނުން، ހެޔޮ ގޮތުގައި ހިފައިގެން" ޚުޠުބާގައި ވިދާޅުވިއެވެ.
މިއަދުގެ ޚުޠުބާގައި މުދައްރިސުންގެ މާތްކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައިވެއެވެ. އެ ގޮތުން އެ މީހުންކުރާ ބުރަ މަސައްކަތްތަކުގެ މާތްކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
"ތިޔަ ކުދީންގެ މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅެއް. އެ ބޭކަލުން ފޮނުއްވުނީ މީސްތަކުންނަށް ހެޔޮ ކަންތަކަށް އަމުރުކުރައްވައި، ނުބައި ކަންތަކާ ދުރުހެލިވުމަށް އިރުޝާދު ދެއްވާ ބޭކަލުންގެ ގޮތުގައި. ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރާއި، ނަރަކައިގެ ބިރުވެރިކަމުގެ އިންޛާރު ދެއްވާ ބޭކަލުންގެ ގޮތުގައި" ޚުޠުބާގައި ވިދާޅުވިއެވެ.
މީގެ އިތުރުން ޚުޠުބާގައި ވަނީ މައިންބަފައިންނާއި ދައުލަތުން ތަޢުލީމާއި ތަރުބިޔަތަށްޓަކައި ތަނަވަސްކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފުމުގެ ބޭނުންތެރިކަމާއި މައިންބަފައިންނަށް ހިތްހަމަޖެހުމާއި، ޤައުމަށް ކުރިއެރުން ހޯދައިދިނުމަށާއި އިސްލާމްދީނާއި ވަޠަނަށްޓަކައި ޤުރްބާންވާން ކެރޭ ބަޔަކަށް ވުމަށްޓަކައި ހަށިތަކާއި ނަފުސުތައް ހާނުވައި ތައްޔާރުކުރުމަށްވެސް ކިޔަވާ ކުދިންނަށް ގޮވާލައްވާފައެވެ.
"އިސްލާމްދީނާއި، ދިވެހި ޤައުމު ދެކެ ލޯބިވާ ދަރީންނަށް ވާށެވެ! އަހަރެމެންގެ ދަރީން ތަރުބިޔަތުކޮށް، ދިވެހި ރާއްޖޭގެ ތަޢުލީމީ މަންހަޖުގައި ބަޔާންކުރާ ފަދައިން، އިސްލާމް ދީނަށާއި ޤައުމަށް ވަފާތެރި، ފައިދާހުރި ބަޔަކަށް އެ ކުދީން ހެދުމުގައި، ތިޔަ ލޮބުވެތި އެދުރުންގެ ދައުރު ވަރަށް ބޮޑު." ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވިދާޅުވީ ދަރިވަރުންގެ ހިތްތަކުގައި، އިސްލާމީ ޢަޤީދާ ހަރުދަނާކޮށް، އިސްލާމީ އުޞޫލުތައް ބިނާކުރުމުގެ ދައުރު މަދަރުސާތަކުން ފުރިހަމައަށް އަދާކޮށްފިނަމަ، މުޅި އުންމަތުގެ މުސްތަޤްބަލު އުޖާލާވެ އަމާންވާނެ ކަމަށެވެ. އަދި މި މަސައްކަތް ކުރެވޭނީ މަދަރުސާތަކާއި މުދައްރިސުންނާއި ބެލެނިވެރީން ގުޅިގެންކަންވެސް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.