ޚަބަރު

ވާދޫގެ ރެދަން ގޮނޑުދޮށުގެ ހިތްގައިމު މަންޒަރު އަސޫސް ލެޕްޓޮޕްގެ ބޭރަށް


  • ހަތަރު ޤައުމެއްގެ ގުދުރަތީ މަންޒަރުތަކަށް ލެޕްޓޮޕް ވަނީ ޑިޒައިންކޮށްފައި

ރާއްޖޭގެ ރީތިކަމުގެ ވާހަކަ ދައްކާނަމަ ކޮންމެ މީހަކުވެސް ދައްކާނީ ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތަކުގެ ވާހަކައެވެ. އެއީ ރާއްޖެއަށް ފަތުރުވެރިން އަންނަ އެންމެ ބޮޑު އެއް ސަބަބުވެސްމެއެވެ. ރާއްޖޭގައި މިގޮތަށް ފާހަގަކޮށްލެވޭ އެއް ގޮނޑުދޮށަކީ ރ. ވާދޫގެ ގޮނޑުދޮށެވެ.

ރ. ވާދޫ ގޮނޑުދޮށް، ބަލާބެމަށް ރާއްޖޭގެ އެހެން ރަށްތަކުގެ ގޮނޑުދޮށާ ތަފާތެއް ނެތެވެ. ނަމަވެސް އެ ރަށުގެ ގޮނޑުދޮށް މަޝްހޫރުވެގެންދިޔައީ ސޯޝަލް މީޑިއާގައި ވައިރަލްވެގެންދިޔަ ފޮޓޯތަކަކުންނެވެ. އެފޮޓޯތަކުން ފެނިގެންދިޔައީ ރޭގަނޑުގެ ވަގުތު ގޮނޑުދޮށް ދިއްލިފައިވާ މަންޒަރެވެ. އެ ފޮޓޯތަކަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބި، ވާދޫގެ ގޮނޑުދޮށް ބަލާލަން ޒިޔާރަތްކުރާ މީހުންގެ އަދަދުވެސް އިތުރުވެގެންދިޔައެވެ.

ވާދޫ ގޮނޑުދޮށް ދިއްލިފައި އޮތީ ރާއްޖޭގައި އެކި ދުވަސްވަރު ގޮނޑުދޮށްތަކުގައި ފެންނަ ރެދަނުންނެވެ. އެންމެފަހުން އެ މަންޒަރު އަސްލެއްގެ ގޮތުގައި ބަލައިގެން ބައިނަލްއަގުވާމީ ޓެކް ކުންފުންޏެއް ކަމަށްވާ އަސޫސްއިން މިވަނީ ލެޕްޓޮޕެއް ޑިޒައިންކޮށް ދައްކާލާފައެވެ. އެ ކުންފުނިން "ވާދޫ އައިލެންޑް، މޯލްޑިވްސް - ލުމިނަސް ބްލޫ"ގެ ނަމުން ނަން ދީފައިވާ މި ލެޕްޓޮޕް ދައްކާލީ އިޓަލީގެ ވެރިރަށް މިލާންގައި ކުރިއަށްދިޔަ "ޑިޒައިން ޔޫ ކޭން ފީލް" އެގްޒިބިޝަންގައި މި މަހުގެ 7ވަނަ ދުވަހުއެވެ.

އަސޫސް އިން ދައްކާލާފަައިވާ މި ލެޕްޓޮޕްގެ ބޭރު އެކުންފުނިން ސިފަކޮށްފައިވަނީ ވާދޫގެ މޫދުން ފެންނަ ހިތްގައިމު ނޫކުލައިގެ ދިއްލުން ދައްކުވައިދޭ މަންޒަރެއްގެ ގޮތުގައެވެ.

ވާދޫގެ ގޮނޑުދޮށުން ފެންނަ ރެދަނަށް ޚާއްސަކޮށް ނެރެފައިވާ މި ލެޕްޓޮޕަކީ ގުދުރަތީ އެކި މަންޒަރުތަކަށް ހާއްސަކޮށްގެން އެ ކުންފުނިން ނެރޭ ޒެންބުކްގެ ހާއްސަ އެޑިޝަނެއްގެ ބައެކެވެ. "އަސޫސް ޒެންބުކް ސެރަލޫމިނަމް ޓީއެމް" ސިގްނޭޗަރ އެޑިޝަންގައި ރާއްޖޭގެ އިތުރުން އައިސްލެންޑާއި ތުރުކީ އަދި އުރުދުންގައި ފާހަގަކޮށްލެވޭ ގުދުރަތީ ރީތި މަންޒަރުތަކަށެވެ.

މި ލެޕްޓޮޕްތައް ދައްކާލި ނަމަވެސް އަދި ބާޒާރަށް ނެރޭ ދުވަހެއް އަސޫސްއިން އިއުލާނެއް ނުކުރެއެވެ. މިއީ ޒެންބުކުގެ ހާއްސަ ސިގްނޭޗާ އެޑިޝަންއަކަށްވާތީ އެ އެޑިޝަންގެ ލެޕްޓޮޕްތައް ވިއްކާނީ އަސޫސް ގަލަމަކާއި، މައުސް އަދި ލެދާ ސްލީވްއަކާއެކުގައެވެ.