އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާގެތެރޭގައި ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނެ ކަމަށް ދަތުުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސަރުކާރުން ފެށުމަށް ނިންމަވާފައިވާ ޓެކްސީ ލައިންގެ ޚިދުމަތާ ގުޅޭ މައުލޫމާތު ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ހިއްސާ ކުރައްވަމުންނެވެ.
ސަރުކާރުގެ ފަރާތުން މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ނިންމަވައި، ޓެކްސީ ލައިން ގާއިމްކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ. އެ ކުންފުނިން އަންނަނީ މިއަހަރުގެ މެދުތެރޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ޓެކްސީ ލައިނަށް ބޭނުންވާ ޓެކްސީ ފޯރުކޮށްދޭނެ ބަޔަކު ހޯދަން އެމްޓީސީސީން އިއުލާންކޮށް، އެޓެކްސީތައް ފޯރުކޮށްދޭނެ ބަޔަކު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ޓެކްސީ ލައިނަށް ބޭނުންވާ އެޕްލިކޭޝަން ހެދުމުގެ މަސައްކަތާއި ޓެކްސީތައް ޗަރޖު ކުރާނެ ޗަރޖިން ސްޓޭޝަންތައް ހެދުމުގެ މަސައްކަތްވެސް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ އިރާދަކުރެއްވިއްޔާ ޖޫން މަސް ނިމި ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި މި ޚިދުމަތް (ޓެކްސީ ލައިން) ތަޢާރަފުވެގެންދާނެ ކަމަށް،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޓެކްސީގެ ޚިދުމަތަކީ ރާއްޖޭގައި ޒަމާންވީ ޚިދުމަތަކަށްވިނަމަވެސް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރައްޔިތުން ބޭނުންވާ ކަމަށެވެ. ޓެކްސީގެ ޚިދުމަތް ދިނުމުގައި އެއްވެސް ކޮންޓްރޯލެއް ނެތުމުން ޚިދުމަތް ދިނުމާއި ޓެކްސީގެ ޚިދުމަތްދޭ އުޅަނދުތަކުގެ ފެންވަރު ދަށްވުން ފަދަ މައްސަލަތައް ދިމާވާ ކަމަށާއި ސަރުކާރުގެ ޓެކްސީ ލައިންގެ ބޭނުމަކީ އެފަދަ މައްސަލަތައް ހައްލުކުރުމަށް ބާރު އެޅުއްވުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ބޭރުގެ ބައެއް ޤައުމުތަކުގައިވެސް ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަޅުއްވާފައިވާ ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.
"މީގެ ބޭނުމަކީ ސްޓޭންޑަޑް ކަނޑައެޅުން. އަސްލުގައި ސްޓޭންޑަޑް ކަނޑައަޅާފައި ޓެކްސީ ލައިންތައް ޑިސިޕްލިންވެ ޕަބްލިކް އެކްސްޕެކްޓޭޝަނާ އެއްވަރަށް މި ޚިދުމަތް ދެވޭ ކަމަށްވަންޏާމުން ހަމަ މާދަމާވެސް ސަރުކާރަށް ޓެކްސީ ލައިން ހުއްޓާލެވޭނެ ނޫންތޯ" ދަތުރުފަތުރާ ބެގޭ ވަޒީރު ވިދާޅުވިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު ވިދާޅުވީ ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން އަމިއްލަ ކާރުގައި ނުވަތަ ކުއްޔަށް ކާރު ނަގައިގެން ޚިދުމަތް ދޭއިރު މެއިންޓަންސްފަދަ ކަންކަމަށް ބޮޑެތި ޚަރަދުކުރަންޖެހޭ ކަމަށާއި ސަރުކާރުގެ ޓެކްސީ ލައިނާ ގުޅުމުން އެފަދަ ޚަރަދެއް ކުރަން ނުޖެހި، ވަޒީފާ އަދާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އަދި އަދާކުރާ ވަޒީފާގެ އިތުރަށް ހުސްވަގުތުތަކުގައި ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަަތުވެސް ލިބިގެންދާނެ ކަމަށާއި، %50 ފުރުޞަތު ޚާއްސަކޮށްފައިވަނީ އެފަދަ ފަރާތްތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފުކުރެވުނު ނަމަވެސް މިހާރު ޓެކްސީގެ ޚިދުމަތްދޭ ޑްރައިވަރުންނަށް އެއްވެސް ދެރަގޮތެއް ނުވާނެ ކަމުގެ ޔަގީންކަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.