ޚަބަރު

ލިއޯންއިން މެންޗެސްޓާ ޔުނައިޓެޑް ހިފަހައްޓައިފި


ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިއޯން ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ލިއޯންގެ ގްރޫޕާމާ ސްޓޭޑިއަމްގައި ފަންސާސް އަށް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 25 ވަނަ މިނިޓުގައި ލިއޯންގެ ތިއާގޯ އަލްމާޑާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން އަލްމާޑާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ލެނީ ޔޯރޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ޖޯޝުއާ ޒިރްކްޒީ އާއި މޭސަން މައުންޓް އަދި ލިނެޑެލޮފް އަށް ވަނީ ކުޅެން ފުރުސަތު ދީފަ އެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ނަގައިދިން ހުރަހަކުން ޖޯޝުއާ ޒިރްކްޒީ ވަނީ ލަނޑެއް ޖަހާ މި މެޗުގައި އެ ޓީމަށް ފުރަތަމަ ފަހަރަށް ކުރި ހޯދަދީފަ އެވެ.

މި މެޗުން މެންޗެސްޓަރ ޔުނައިޓެޑަށް ކުރި ލިބޭނެކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ކުޅުމުގެ ފަސްވަނަ މިނިޓުގައި ޔުނައިޓެޑްގެ ގޯލުކީޕަރ އެންދްރޭ އޮނާނާ ހެދި ގޯހަކުން ލިއޯންގެ ރަޔާން ޗާރކީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

ޗާރކީ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ޖޯޖެސް ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ އޮނާނާގެ އަތުން ދޫވި ވަގުތު އޭނާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ. މި މެޗުގައި ލިއޯން އިން ޖެހި ފުރަތަމަ ލަނޑުގައި އޮނާނާގެ ފަރާތުން ވަނީ ގޯސްތަކެއް ފެނިގެންގޮސްފަ އެވެ.

މި މެޗުގެ ކުރިން ޔުނައިޓެޑް އަކީ ހުރިހާ ގޮތަކުންވެސް ލިއޯންއަށްވުރެ ރަގަޅު ޓީމެއްކަމަށް ބުނެފައިވަނިކޮށް ކުރިން ޔުނައިޓެޑަށް ކުޅުނު ނެމަންޖާ މަޓިޗް ބުނެފައިވަނީ އޮނާނާ އަކީ ވަރަށް ދަށް ގޯލުކީޕަރެއް ކަމަށް ބުނެފަ އެވެ.