ޚަބަރު

ޚާރިޖީ ވަޒީރު މޯލްޓާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި


  • ވަޒީރުގެ މި ދަތުރުފުޅުގައި މޯލްޓާގެ ބޮޑުވަޒީރުގެ ނައިބާއި ބައްދަލުކުރެއްވި

  • މި ދަތުރުފުޅުގައި ވަޒީރުންނާއި ބައްދަލުކުރައްވާ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވި

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް މޯލްޓާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވާ ރާއްޖެ ވަޑައިގެންފިއެވެ. ޚާރިޖީ ވަޒީރު މޯލްޓާއަށް ކުރެއްވި ދަތުރުފުޅަކީ، މިމަހުގެ 7އިން 9 އަށް އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި، މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ ފޮރ ފޮރިން އެފެއަރސް އެންޑް ޓޫރިޒަމް ޑރ. އިއަން ބޯގްއާއި ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން އެ ޤައުމުގެ ސަރުކާރުގެ އިސް ބައެއް ފަރާތްތަކާއި އެކު ޚާރިޖީ ވަޒީރު ވަނީ ބައްދަލުވުންތައް ބާއްވަވާ، ދެ ޤައުމުގެ ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން ބައްދަލުކުރެއްވި އިތުރު ބައެއް ފަރާތްތަކުގެ ތެރޭގައި، މޯލްޓާގެ ހެލްތު އެންޑް އެކްޓިވް އޭޖިން މިނިސްޓަރ ޑރ. ޖޯ އެޓިއެން އަބެލާއާއި، މިނިސްޓަރ ފޮރ އިކޮނޮމީ އެންޓަރޕްރައިޒް އެންޑް ސްޓްރެޓީޖިކް ޕްރޮޖެކްޓްސް ސިލްވިއޯ ޝެމްބްރީ އަދި މިނިސްޓަރ ފޮރ އެންވައިރޮމެންޓް، އެނާޖީ އެންޑް ޕަބްލިކް ކްލީންލިނެސް މިރިއަމް ޑާލީ ހިމެނިވަޑައިގަންނަވައެވެ. މި ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި ވަޒީރު ވަނީ އެ ދާއިރާތަކުން ރާއްޖެއާއި މޯލްޓާ ގުޅުން ބަދަހިކޮށް އިތުރު ފުރުސަތުތައް ފަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައެވެ. މިމަޝްވަރާތަކުގައި އިޤްތިޞާދީ ގުޅުމާއި ފަތުރުވެރިކަމުގެ ދާއިރާ އަދި މޫސުމީ ބަދަލުތަކަށް ހާއްސަ އިސްކަމެއް ވަނީ ދެއްވާފައެވެ.

އަދި މި ބައްދަލުވުންތަކުގައި ދެ ފަރާތުންވެސް ވަނީ ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، އިޤްތިޞާދީ ވިލުންތެރިކަން އިތުރުކޮށް، މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެކުގައި މަސައްކަތްކުރުމަށް މަޝްވަރާކުރައްވާފައެވެ.

ޚާރިޖީ ވަޒީރު މޯލްޓާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭގެ ވަގުތެއްގައިވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ.