ޚަބަރު

ދަތުރުފަތުރުގެ ދާއިރާގެ ހާދިސާތައް ތަހުޤީޤުކުރަން ޚާއްޞަ އިދާރާއެއް އުފައްދަވައިފި


  • މި އިދާރާ ހިންގާނީ ދަތުރުފަތުރާއި ބެހޭ ވުޒާރާގެ ދަށުން

ދަތުރުފަތުރު ދާއިރާގައި ހިނގާ ހާދިސާތައް ތަހުޤީޤު ކުރުމަށް ހާއްސަ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ. "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު"ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އެ އިދާރާ ހިންގަމުންދާނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ ދަށުންނެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު"ގެ ނަމުގައި އިދާރާއެއް އުފައްދަވައި، އެކަން އިޢުލާން ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށެވެ. މީގެ އިތުރުން ރާއްޖޭގެ އެއްގަމާއި، ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަޙުޤީޤުކުރުމަށް ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީ ކަމުގައި މި ދެންނެވުމުގައިވެއެވެ.

ދައުލަތުގެ އިދާރާތަކުން ލިއުއްވާ ސިޓީތަކުގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 501 ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ވަނީ ކަނޑައަޅުއްވާފައެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ރައްކާތެރިކަން ކަށަވަރުކޮށް، އެ ދާއިރާ އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.