ޚަބަރު

ގަވާއިދުން ބިދޭސީންގެ ފީ ދެއްކުމުގެ ނިސްބަތަށް %33ގެ ކުރިއެރުމެއް


  • 2023 ވަނަ އަހަރު ނިމުނުއިރު ގަވާއިދުން ފީ ދައްކާ މީހުންގެ ނިސްބަތްހުރީ %22ގައި

  • މިހާރު ގަވާއިދުން ފީ ދައްކާ މީހުންގެ ނިސްބަތް %55.4އަށްވަނީ އަރާފައި

  • މިފީތަކުގެތެރެއިން 900 މިލިއަން ދައުލަތަށް އަދިވެސް ނުލިބޭ

ބިދޭސީ މަސައްކަތްތެރިންގެ ފީ ގަވާޢިދުން ދައްކާ ފަރާތްތަކުގެ އަދަދު %50އަށްވުރެ މަތިވެފައިވާކަމަށް
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިއީ މިދާއިރާއިން ސަރުކާރަށް ހާސިލުކުރެވުނު ބޮޑު ކާމިޔާބީއެއްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގައި އޮތް އިޖުތިމާޢީ އަދި އިޤްތިޞާދީ އެތައް މައްސަލައެއް ގުޅެނީ ބިދޭސީންނާއި ގުޅުންހުރި އެކި މައްސަލަތަކާއެވެ. ރާއްޖެއަށް ބިދޭސީން އެތެރެކޮށް އެމީހުން ދޫވެގެންދާ މައްސަލައިގެ ސަބަބުން ނިޒާމުގެ ކަންކަންވަނީ ބޮއްސުންލައިގެން ގޮސްފައެވެ. ބިދޭސީން ރާއްޖޭގައި ތިބޭއިރު ޤާނޫނާއި ގަވާއިދުތަކުގެ ދަށުން އެމީހުން ދައުލަތަށް ދައްކަންޖެހޭ އެކި ފީތައް ނުދެއްކުމުގެ އެތައް މައްސަލައެއްވަނީ ފެންމަތިވެފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހީމް ވިދާޅުވީ، 2023 ވަނަ އަހަރު ނިމިގެންދިޔައިރު ބިދޭސީންނާއި ގުޅުންހުރި ފީތައް ގަވާއިދުން ދައްކަމުންދިޔައީ އެންމެ %22 މީހުން ނުވަތަ ކުންފުނިތަކުންކަމަށެވެ. އެހެންނަމަވެސް މިސަރުކާރުގެ މިވީ މުއްދަތުގެ ތެރޭގައި އެޅުއްވި ފިޔަވަޅުތަކާއި ކުރެވުނު މަސައްކަތުން، މިހާރު ބިދޭސީންގެ ފީތައް ދައްކާމީހުންގެ ނިސްބަތް %50އަށްވުރެ މައްޗަށް ޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި މިއީ ސަރުކާރަށް ހޯދުނު ބޮޑު ކާމިޔާބީއެއްކަމަށް ޢަބްދުލްމަޖީދު ވިދާޅުވިއެވެ.

"2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އަޅުގަނޑުމެންވާނީ ފިޔަވަޅުތައް އަޅަން ފަށާފައި ގަވާއިދުން ބިދޭސީންނާއި ގުޅުންހުރި ފީތައް ނުދައްކާ ފަރާތްތަކަށް. އެއާއެކު މިއަދުގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގައި ބިދޭސީން މަސައްކަތްތެރިންގެ ގޮތުގައި ގެންގުޅޭ %55.4 މީހުން ނުވަތަ ކުންފުނިތަކުން ގަވާއިދުން އެބަ ފީތައް ދައްކަމުންދޭ. މިއީ އަޅުގަނޑުމެން ދެކޭގޮތުގައި ބޮޑު ކުރިއެރުމެއް" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ބިދޭސީންނާއި ގުޅުންހުރި ފީތައް ނުދައްކާނަމަ އެކްސްޕެޓް ޕޯޓަލްގެ ތެރެއިން އެފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް މެދުކަނޑާލައެވެ. އެގޮތުން ފީ ނުދައްކާ ފަރާތްތަކަށް، އިތުރު ސައިޓް ރަޖިސްޓްރީކުރުމާއި، އައު ކޯޓާ ޕޫލް އަދި އައު ވަރކް ޕަރމިޓް ހެދުމުގެ ފުރުސަތު ދިނުން މެދުކަނޑާލައެވެ.

ބިދޭސީންނާ ގުޅިގެން ދައުލަތަށް ދައްކަންޖެހި ނުދައްކާ ގިނަ އަދެއްގެ ފައިސާ ހުރުމުން މިސަރުކާރުންވަނީ މިވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ފައިސާ ދެއްކޭނެ ލުއިގޮތްތަކެއް ހަމަޖައްސާދީފައެވެ. މިއާއެކު ދައުލަތަށް ލިބެންޖެހޭ 1.9 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެންނަމަވެސް އަދިވެސް 900 މިލިއަނެއްހާ ރުފިޔާ ނުލިބިވާކަމަށާއި ކުރިއަށް އޮތް އަހަރުގެ ތެރޭގައި މިމަސައްކަތް އިތުރަށް ވަރުގަދަކުރައްވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ގެންތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމަސައްކަތުގެ ފުރަތަމަ އަހަރުގައި ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ދެވަނަ އަހަރުގެ ތެރޭގައި ނިޒާމު ރަނގަޅަށް ހިންގުމަށް މަސައްކަތް ކުރުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ.