ދެރަކޮށް މެޗެއް ކުޅެވިއްޖެނަމަ، ޖެހިގެން އޮންނަ މެޗުގައި ފޯވާޑް ވިނީޝިއުސް ޖޫނިއަރ މާ މޮޅަށް ކުޅޭނެ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
ތަޖުރިބާކާރު އަދި ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ކޯޗު މިހެން ބުނީ މުބާރާތުގައި މިރޭ އިނގިރޭސި ވިލާތުގެ އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އަދި މި ވާހަކަ ދެއްކި އިރު ރެއާލް އެންމެ ފަހުން ކުޅުނު މެޗުގައި ވިނީޝިއުސް ފެނުނީ ވަރަށް ދަށްކޮށް ކުޅުނު ތަނެވެ. ސްޕެނިޝް ލީގުގައި ވެލެންސިއާ އަތުން ރެއާލް ބަލިވިއިރު އޭނާ އަތުން ޕެނަލްޓީ އެއް ވެސް ނާކާމިޔާބުވިއެވެ.
"އޭނާ ދަށްކޮށް ކުޅެފިނަ މެޗެއް ނަމަ ޖެހިގެން އަންނަ މެޗުގައި މޮޅަށް ކުޅޭނެ. އަހަރެން އުއްމީދު ކުރަން އޭނާ މި މެޗުގައި މޮޅަށް ކުޅޭނެ ކަމަށް،" އަންޗެލޮޓީ ބުންޏެވެ.
އޭނާ އަދި ބުނީ އާސެނަލް އަކީ މިވަގުތު ޔޫރަޕުގައި އޮތް އެންމެ މޮޅު އެއް ޓީމު ކަމަށެވެ. ހާއްސަކޮށް ކޯޗު މިކޭލް އާޓެޓާއަށް އަންޗެލޮޓީ ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.
"ފަސް އަހަރު ތެރޭގައި އޭނާ ވަނީ އާސެނަލް ޔޫރަޕުގައި ވާދަކުރެވޭ ވަރުގެ މޮޅު ޓީމަކަށް ހަދާފައި. މިދިޔަ މުއްދަތުގައި އޭނާގެ މަސައްކަތް ވަރަށް ފުރިހަމަ. މިހާރު އާސެނަލް އަކީ އިދިކޮޅު ކޮންމެ ޓީމަކުން ވެސް ޖެހިލުންވާވަރުގެ ޓީމެއް. އަހަރުމެންނަށް ވެސް މި މެޗު ފަސޭހަނުވާނެ،" އަންޗެލޮޓީ ބުންޏެވެ.
މި މެޗަށް ނުކުންނައިރު ދެ ޓީމުގެ ފޯމު ތަފާތެވެ. ދެ ޓީމު ވެސް އޮތީ އަމިއްލަ ލީގުގައި ޓޭބަލުގެ ދެ ވަނާގައެވެ. ރެއާލް މެޑްރިޑް މިވަގުތު އޮތީ ސްޕެނިޝް ލީގުގެ ދެ ވަނާގައި އެއްވަނާގައިވާ ބާސެލޯނާ އަށްވުރެ ހަތަރު ޕޮއިންޓް ފަހަތުންނެވެ. އާސެނަލް އަކީ އިނގިރޭސި ޕްރެމިއާ ލީގުގެ ދެ ވަނަ ޓީމެވެ. އެއީ އެއްވަނާގައިވާ ލިވަޕޫލަށް ވުރެ 11 ޕޮއިންޓް މަދުން ލިބިގެންނެވެ.
ޗެމްޕިއަންސް ލީގުގައި އާސެނަލް އަލުން ކުޅެން ފަށާފައިވަނީ ދިގު ހުސްކަމަކަށްފަހު 2023ގަ އެވެ. އަދި މިއީ ފާއިތުވެދިޔަ 19 އަހަރު ތެރޭގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.