ސްރީލަންކާގެ އަމާޒަކީ މި އަހަރު އެ ގައުމުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުން ކަމަށް ބުނެފި އެވެ.
އަންނަ ޖޫން މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޖުލައި ފަހަކަށް ބާއްވާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ލަންކާ މިހާރު ވަނީ ތައްޔާރުވާން ފަށައިފި އެވެ.
އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް، ޖަސްވަރު އުމަރު ވިދާޅުވީ "ދެކުނު އޭޝިޔާގެ ވޯލްޑްކަޕް" ލަންކާގައި ބޭއްވުމަކީ އެ ގައުމަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ހަމަ މިއާއެކު ބުނަން ޖެހެނީ އަހަރުމެންގެ އަމާޒަކީ މި ފަހަރު މި ތަށި ކާމިޔާބު ކުރުން. ސަބަބަކީ މި ތަށި އަހަރުމެންނަށް ނުލިބޭތާ ވަރަށް ދުވަސް ވެއްޖެ. އަހަރުމެންނަށް 1995ގައި ތަށި ހޯދުނު. އޭގަ ފަހުން ތަށި ލިބިފައިނުވޭ. އެކަމަކު އަހަރުމެންގެ މިހާރު ރަނގަޅު ޓީމެއް އެބައޮތް،" ޖަސްވަރު ވިދާޅުވި އެވެ.
މި ގޮތުން އޭނާ ވިދާޅުވީ ފީފާ ރޭންކިންގައި ލަންކާ އަންނަނީ ކުރިއެރުން ހޯދަމުން ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަސް ދަރަޖައިގެ ކުރިއެރުމެއް ހޯދުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ސާފް ޗެމްޕިއަންޝިޕަށް ލަންކާ ވަރަށް ފުރިހަމައަށް ތައްޔާރުވާނެ ކަމަށާއި މުބާރާތަށް ކުރަންޖެހޭ މަސައްކަތްތައް ލަންކާގެ ސަރުކާރާ މިހާރު ހިއްސާކޮށްފައިވާނެ ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕް ލަންކާގައި ބާއްވާއިރު އެ ގައުމުގައި ހާއްސަކޮށް ފުޓްބޯޅައިގެ ރަނގަޅު ވަސީލަތްތައް ނެތުމަކީ ސަރަހައްދީ ގައުމުތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
މި މުބާރާތުގައި މި ފަހަރު ސާކް ސަރަހައްދުގެ ހުރިހާ ގައުމަކުން ވެސް ބައިވެރިވާނެ ކަމަށް ބެލެވެ އެވެ. އެއީ ލަންކާ އާއި ދިވެހިރާއްޖެ އަދި ބަނގްލަދޭޝް އާއި ނޭޕާލާއި ބޫޓާން އަދި ޕާކިސްތާނުގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން އިންޑިޔާ އެވެ.