ޢީދު ބައިބަލާ ޗެލެންޖް 1446 ގެ ބައިވެރިންނަށާއި، ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފް މަރުހަބާ ދަންނަވައިފިއެވެ.
ޓީމުތަކަށް މަރުހަބާ ދަންނަވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ މިފަދަ މުބާރާތްތަކަކީ އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން އާލާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒާ އެއްގޮތަށް ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކޮށް، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުރެވެމުންދާ މަސައްކަތަށް އިތުރުވެގެންދިޔަ ބޮޅެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލައްވަމުންވަނީ މިރޭގެ ކުޅުމަށް ހަމަޖެހިފައިވާ ސެމީފައިނަލާއި ފައިނަލް މެޗުގައި ވާދަކުރާ ޓީމުތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޢީދު ބައިބަލާ ޗެލެންޖުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ޓީއެފްޓީ، ލޮރެންޒޯ ސްޕޯޓްސް ކުލަބު އަދި މިދިޔަ އަހަރުގެ ރަނަރަޕް ކުލަބު ކާސިންޖީގެ އިތުރުން ޒެޕޯއެވެ.
މިރޭ ކުރިއަށްދާ ސެމީ ފައިނަލުގައި ލޮރެންޒޯ ނުކުންނާނީ ޒެޕޯއާ ދެކޮޅަށެވެ. އަދި ސެމީގައި ކާސިންޖީއާ ވާދަކުރާނީ ޓީއެފްޓީއެވެ. މިއީ މީގެ ކުރިން ބައިބަލާގެ ޗެމްޕިއަންކަން ލިބިފައިނުވާ ހަތަރު ޓީމެވެ.
ޢީދު ބައިބަލާ ޗެލެންޖް 1446 ގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް އެވެ. މިރޭގެ ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗުވެސް ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.