ސިހުރު ހަދާކަމުގެ ތުހުމަތުގައި ހއ. ހޯރަފުށިން މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހއ. ހޯރަފުށީގައި ހިންގި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ވ. ކެޔޮދޫ / ތިބުރޯޒުގެ، އުމުރުން 34 އަހަރުގެ މުޙައްމަދު ޢަބްދުލްކަރީމް ކަމަށް އެ ޚިދުމަތުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ މި އެޕްރީލް މަހުގެ 2 ވަނަ ދުވަހު ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ޢަބްދުލްކަރީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.