މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ޤައުމުގެ އިތުރުން ތައިލެންޑުން ވެސް ބަޔަކު މަރުވެއްޖެއެވެ. ބިންހެލުމާ ގުޅިގެން މިޔަންމާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ޤައުމާ އިންވެގެން އޮތް ތައިލެންޑުގެ ވެެރިރަށް ބެންގކޮކުން ވެސް އިމާރާތްތަކެއް ވެއްޓުނެވެ. ބިންހެލުމާ ގުޅިގެން މިޔަންމާގެ އަސްކަރީ ސަރުކާރުން ވަނީ ކުއްލިހާލަތު އިޢުލާނު ކޮށްފައެވެ.
ބިމުގެ ސަތަހައަށް އަންނަ ލޮޅުންތައް ދިރާސާ ކުރާ ޔޫއެސް ޖިޔޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސު)ން ބުނީ، މިޔަންމާގެ މެދުތެރޭގެ ސަރަޙައްދުތަކަށް އައިސްފައިވާ ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 7.7ގައި ކަމުގައެވެ. ޔޫއެސްޖީއެސުން ބުނީ ބިންހެލުމުގެ ފުރަތަމަ ލޮޅުންތައް އައިސްފައި ވަނީ މިޔަންމާގެ ސައްގާއީ ސަރަޙައްދުގެ 16 ކިލޯމީޓަރު ހުޅަނގުއުތުރަށް ކަމުގައެވެ. އަދި، ބިމުގެ ސަތަހައިގެ 10 ކިލޯމީޓަރު އަޑިއަށް ކަމުގައެވެ.
މިޔަންމާއިން ބުނީ ބިންހެލުމާ ގުޅިގެން މިސްކިތެއް ވެއްޓި، އެ ތަނުގެ ދަށުވެގެން ތިން މީހުން މަރުވި ކަމުގައެވެ. އެ ހާދިސާ ހިނގާފައި ވަނީ ޓައުންގޫ ކިޔާ ރަށެއްގައެވެ. މީގެ އިތުރުން އައުބޭންގައި ހުރި ހޮޓަލެއް ވެއްޓި ދެ މީހަކު މަރުވި ކަމުގައި މަންޒަރު ފެނުނު މީހުން ބުންޏެވެ. އެ ހާދިސާގައި އިތުރު 20 މީހުން ޒަޚަމުވިއެވެ.
މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު ބެންގކޮކަށް ވެސް ކޮށްފައިވާއިރު، ބިނާކުރުމުގެ މަސައްކަތް ކުރަމުން ދިޔަ އިމާރާތެއް ވަނީ ވެއްޓިފައެވެ. ބެންގކޮކުގެ ގަވަރުނަރު ޗަދްޗާ ސިއްތީޕާން ވިދާޅުވީ، ބެންގކޮކްގެ އިމާރާތްތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން ތިން މީހުން މަރުވެ، ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވި ކަމުގައެވެ. އަދި، ކުރިއަށް އޮތް ގަޑިއިރުތަކުގެ ތެރޭގައި އެ ސަރަޙައްދަށް އިތުރު ލޮޅުންތަކުގެ އަސަރު ކުރާނެ ކަަމަށް ބެލެވޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ބިންހެލުމާ ގުޅިގެން މިޔަންމާއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ މަންދަލީ ސަރަޙައްދަށެވެ. ބިންހެލުމުގެ ލޮޅުންތަކާ އެކު އެ ސަރަޙައްދުގެ ބުރިޖުތައް ވެއްޓި، ފަސް ރަށަކުން ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓުނު ކަމުގައި އެ ޤައުމުން އިދާރާތަކުން ހާމަކުރިއެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައި ފަސް ފަންގިފިލައަށް ބިނާ ކޮށްފައިވާ އިމާރާތެއް ވެސް ހިމެނެއެވެ. މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު ޗައިނާގެ ޗުންނާން ޕުރޮވިންސުގެ ބައެއް ރަށްތަކަށް އިހުސާސް ކުރެވުނު ކަމުގައި ޗައިނާގެ ޝިންހުވާއިން ރިޕޯޓު ކޮށްފައިވެއެވެ.