ޚަބަރު

ރަތް ކަނޑަށް ސަބްމެރީންނެއް ފެތި ހަ މީހުން މަރުވެއްޖެ، ސަލާމަތްވީ 39 މީހުން


ރަތް ކަނޑުގައި އޮންނަ މިޞްރުގެ ރަށެއް ކަމަށްވާ ޣުރްދަގާ ކައިރިއަށް ސަބްމެރިނެއް ފެތި ހަ މީހުން މަރުވެއްޖެއެވެ.

ސިންދުބާދު ކިޔާ ސަބްމެރިން ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔައީ 45 މީހުންނާ އެކުގައެވެ. އޭގެ ތެރޭގައި ރަޝިޔާއާއި އިންޑިޔާއާއި ނޯވޭ އާއި ސްވީޑަން ހިމެނޭ ގޮތަށް އެކި ޤައުމުތަކަށް ނިޞްބަތްވާ 40 ފަތުރުވެެރިންނާއި މިޞްރަށް ނިޞްބަތްވާ ފަސް ފަޅުވެރިން ހިމެނެއެވެ. އެ ހާދިޘާގައި މަރުވެފައި ވަނީ ރަޝިޔާއަށް ނިޞްބަތްވާ ހަ މީހުންނެވެ. ޣުރްދަގާގައި ހުންނަ ރަޝިޔާގެ ކޮންސުލޭޓުން ބުނީ ސަބްމެރިންގައި ދަތުރުކުރި މީހުންގެ ތެރެއިން 39 ސަލާމަތްކޮށް ޣުރްދަގާގައި ހުންނަ އެ މީހުންގެ ތިބޭ ހޮޓާތަކަށާއި ފަރުވާދޭ ހަސްފަތާލުތަކަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

ސިންދަބާދު ސަބްމެރިންއަކީ ރަތް ކަނޑުގެ ރީތި މުރަކަތަކާއި މަސްމަހާއިމެހި ފެންނާނެހެން ދޮރުތައް ހަރު ކޮށްފައި ހުންނަ އުޅަނދެކެވެ. އެ އުޅަނދަށް 25 މީޓަރު އަޑިއަށް ދެވެއެވެ.

މިޞްރުގެ ރައްޔިތަކަށް ރަޖިސްޓްރީ ކޮށްފައިވާ އެ އުޅަނދު ދުއްވި ކައްޕިއަކީ ވެސް ލައިސަންސު އޮތް މީހެކެވެ. މިޞްރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ފަޅުވެރިންނާ ސުވާލު ކޮށް ސަބްމެރިން ފެތުނު ސަބަބު ހޯދުމަށް މަސައްކަތް ކުރަމުން ކަމަށް ރެޑް ސީ ޕްރޮވިންސުގެ ގަވަރުނަރު ޢަމްރު ޙަނަފީ ވަނީ ވިދާޅުވެފައެވެ.

ރަތް ކަނޑަކީ މިޞްރުގެ އިޤްތިޞާދުގެ މައި ތަނބެއް ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާޢަތަށް ވަރަށް މުހިންމު ކަނޑެކެވެ. އެ ޤަައުމަށް ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތް ކުރާ މީހުން ރަތް ކަނޑުގެ އަޑި ބަލައިލުމަށް ވަރަށް ޝައުޤުވެރިވެއެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ފަތުރުވެރިން ގޮވައިގެން ރަތް ކަނޑުގައި ދަތުުރުކުރާ އުޅަނދުފަހަރު އަޑިއަށް ދިޔުމުގެ ގިނަ ހާދިޘާތަކެއް ހިންގާފައި ވެއެވެ. އެ ގޮތުން މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް ރާޅު ބޮޑުވުމުގެ ސަބަބުން ބޯޓެއް އަޑިއަށް ގޮސްފައިވެއެވެ. އަދި ނޮވެމްބަރު މަހުގެ ތެރޭގައި ވެސް 31 ފަތުރުވެރިންނާއި 13 ފަޅުވެރިން ގޮވައިގެން ދަތުުރުކުރި ބޯޓެއް ވަނީ ބަނޑުން ޖަހާލައިފައެވެ. ރާޅު ބޮޑުވުމުގެ ސަބަބުން ހިނގި އެ ހާދިޘާގައި ވެސް 11 މީހުން މަރުވެފައިވެއެވެ. އޭގެ އިތުރުން މިދިޔަ މަހުގެ ތެރޭގައި ވެސް ޣުރްދަގާއަށް ދަތުުރުކުރަމުން ދިޔަ ބޯޓެއް ވަނީ ބަނޑުން ޖަހާލައިފައެވެ.