ފަލަސްޠީނުގެ ޣައްޒާއަށާއި ލުބުނާނަށާއި ސޫރިޔާއަށް ޔަހޫދީން އަނެއްކާ ވެސް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.
ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ ޙަމަލާތަކުގައި ޖަބާލިޔާއަށް އެ މީހުންގެ ޙަމަލާތަކެއް ވަނީ ޢަމާޒު ކޮށްފައެވެ. އެ ޙަމަލާތަކުގައި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ތަރުޖަމާނެއް ކަމަށްވާ ޢަބްދުލް ލަތީފް އަލް-ޣާނޫއާގެ ފޭލިގެއަށް ހަމަލާދީ އޭނާ ވަނީ ޝަހީދު ކޮށްލައިފައެެވެ. އެ ޙަމަލާތައި ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ ޢަދަދެއްގެ މީހުންނަށް ޒަޚަމްވެފައިވެއެވެ.
ފާއިތުވި ގަޑިއިރުތަކުގައި ޖަބާލިޔާއަށް ދިން ޙަމަލާގެ އިތުރުން ޣައްޒާގެ އައްސަފްތާވީ ސަރަޙައްދުގައި ހުރި ގެއަކަށް ވެސް ޔަހޫދީން ވަނީ ޙަމަލާ ދީފައެވެ. އެ ޙަމަލާގައި އެއް ޢާއިލާއަކަށް ނިޞްބަތްވާ ހަ މީހުން ވަނީ ޝަހީދުވެފައެވެ.
ހަމަ އެ ދުވަހު ޔަހޫދީން ވަނީ ލުބުނާނުގެ ދެކުނުގެ ސަރަޙައްދަކަށް ވެސް ވައިގެ ޙަމަލާތައް ދީފައެވެ. އެ ޙަމަލާތަކުގައި ހަތަރު މީހުން ޝަހީދު ކޮށްލާފައިވެއެވެ. ލުބުނާނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ ޔޮހްމޯރު އަލް-ޝަޤީފުގައި ކާރަކަށް ޢަމާޒު ކޮށް ދިން ޙަމަލާއެއްގައި ތިން މީހުން ޝަހީދު ކޮށްލައިފައެވެ. މާރޫބު ކިޔާ އަވަށެއްގައި ވަނީ ހަމަ އެ ފަދަ އެހެން ޙަމަލާއެއްދީ އެކަކު ޝަހީދު ކޮށްލައިފައެވެ. އަހަރަކަށް ވުރެ ގިނަ ދުވަހު ދެ ޤައުމުގެ ދެމެދުގައި ހަމަނުޖެހުންތައް އޮތުމަށް ފަހު، އަދި ދެ މަސް ދުވަސް ވަންދެން ހަނގުރާމަ ކުރުމަށް ފަހު ދެ ޤައުމުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް މިދިޔަ ނޮވެމްވަރު މަހު ޤާއިމު ކޮށްފައި ވަނިކޮށް، އެ އެއްބަސްވުމާ ޚިލާފަށް ގިނަ ޢަދަދެއްގެ ޙަމަލާތައް ޔަހޫދީން ދަނީ ލުބުނާނަށް ދެމުންނެވެ.
މީގެ އިތުރުން ޔަހޫދީން ވަނީ ސޫރިޔާގެ ލަތާކިޔާ ސަރަޙައްދަށް ވެސް ވައިގެ ޙަމަލާތައް ދީފައެވެ. އެ ޙަމަލާތައް ދީފައި ވަނީ ލަތާކިޔާގައި ހުންނަ އަލް-އަބްޔަދު ބަނދަރަށް ޢަމާޒު ކޮށެވެ. އެ ޙަމަލާތަކުގައި އެއްވެސް މީހަކަށް ޒަޚަމް ވެފައިވޭތޯ ބެލުމަށް ކަމާގުޅޭ އިދާރާތަުކުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ހަފުތާގެ އަންގާރަ ދުވަހު ވެސް ޔަހޫދީން ދިން ޙަމަލާއެއްގައި ސޫރިޔާގެ ހަތް ރަައްޔިތުން ޝަހީދުވެ ގިނަ ޢަަދަދެއްގެ މީހުުންނަށް ވަނީ ޒަޚަމް ވެފައެވެ.