ދުނިޔެ

ޖޫބާގައި ތިބި އެމެރިކާގެ ޑިޕްލޮމޭޓުން އެރަށުން ބާލަނީ


ދެކުނު ސޫދާންގެ ވެރިރަށް ޖޫބާގައި ހިނގަމުންދާ ހަނގުރާމަ އާދަޔާ ޚިލާފަށް ވަރުގަދަވެ އެރަށުގައި ދިރިއުޅެން ދަތިވުމާގުޅިގެން އެރަށުގައި ތިއްބެވި އެމެރިކާގެ ޑިޕްލޮމޭޓުން އަނބުރައި ޤައުމަށް ގެނައުމަށް އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ ޖޫބާގައި ހުންނަ އެމެރިކާގެ އެންބަސީގައި މަސައްކަތްކުރާ އެމެރިކާގެ ޑިޕްލޮމޭޓުންނާއި މުވައްޒަފުން އަނބުރާ ޤައުމަށް އައުމަށް އަންގާފައިވާނެ ކަމަށާ އަދި އެކަން ތަންފީޒުކުރުމަށް އެމެރިކާ ސަރުކާރުން އެހީތެރިވަމުން ގެންދާކަމަށެވެ. ދެކުނު ސޫދާންގައި ތިއްބަވާ އެމެރިކާގެ ޑިޕްލޮމޭޓުންނާއި މުވައްޒަފުން އަނބުރައި ގައުމަށް ގެނައުމުގެ މަސައްކަތް އެމެރިކާ ސަރުކާރުން ކުރަމުން ގެންދިޔަނަމަވެސް ޖޫބާގައި ހުންނަ އެމެރިކާގެ އެންބަސީ ބަންދުކުރިކަން އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވިގޮތުގައި މިގޮތަށް ނިންމަންޖެހުނީ ޖޫބާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެމީހުންގެ ޙަޔާތަށް ނުރައްކާވެފައިވުމުގެ އިތުރުން ހަނގުރާމަ ހުއްޓުމަކަށް އަންނާނެ ދުވަހެއް  ނޭންގޭތީ ކަމަށެވެ. އެމެރިކާގެ ސަރުކާރުން މިގޮތަށް ނިންމާފައިވާއިރު ދެކުނު ސޫދާނުގެ ރައީސް ސަލްވާކީރު އާއި އޭނާގެ ނައިބު ރިކްމުޝާރު ވަނީ ހަނގުރާމަ ހުއްޓާލުމަށް އެދެބޭފުޅުންނަށް ތާއީދުކުރާ ފަރާތްތަކަށް ގޮވާލައްވާފައެވެ.

ޖޫބާގައި ހަނގުރާމަ ހިނގަމުންދަނީ ރައީސް ސަލްވާ ކީރަށް ވަފާތެރި ސިފައިންނާއި ރިކްމުޝާރަށް ތާއީދުކުރާ ހަނގުރާމަވެރިންނާ ދެމެދުގައެވެ. މިދިޔަ ހުކުރުދުވަހު ދެފަރާތުން ކުއްލި ގޮތަކަށް ބަދަލުކުރި ޙަމަލާތަކާއެކު ފެށުނު ހަނގުރާމައިގާ ހަތަރުދުވަހުގެ ތެރޭގައި ތިންސަތޭކައެއްހާ މީހުން މަރުވެ އެތަށް ސަތޭކަ ބަޔަކު ޒަޚަމްވެފައިވެއެވެ. އަދި ޖޫބާ ސިޓީގެ އެކި ސަރަހައްދުތައްވަނީ ހަނގުރާމައިގެ މައިދާންތަކަކަށް ބަދަލުވެފައެވެ.

ހަނގުރާމައިގެ ސަބަބުން ޖޫބާގެ އާންމު ރައްޔިތުންގެ ދިރިއުޅުން ހުއްޓުމަކަށް އައިސްފައިވާއިރު ސަލްވާ ކީރު އާއި ރިކްމުޝާރު ވަނީ ހަމަލާތައް ހުއްޓާލުމަށް އެދެލީޑަރުންނަށް ތާއީދުކުރާ ފަރާތްތަކަށް ގޮވާލައްވާފައެވެ. ނަމަވެސް ވާދަވެރި މިދެބޭފުޅުންނަށް ތާއީދުކުރާ ފަރާތްތަކުން ބަދަލުކުރަމުންގެންދާ ޙަމަލާތައް އެއްވެސް ވަރަކަށް ހުއްޓުމަކަށް އައިސްފައެއްނުވެއެވެ.

ދެކުނު ސޫދާނަކީ މީގެ ފަސްއަހަރު ކުރިން ސޫދާނުން ވަކިވެގެން އުފައްދާފައިވާ މުސްތަގިއްލު ދައުލަތެކެވެ. ނަސާރާއިންގެ އަޣްލަބިއްޔަތު އޮންނަ މިޤައުމު ސޫދާނުން ވަކިވެ މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އުފެދިގެންދިޔަތާ އަހަރެއްހާ ދުވަހުގެ ތެރޭގައި އެޤައުމުގައި ވަނީ ވަރުގަދަ ދާޚިލީ ހަނގުރާމައެއްގެ ހުޅުގަނޑު ރޯވެފައެވެ. ދެއަހަރުގެ މުއްދަތަށް ކުރިޔަށްދިޔަ މިހަނގުރާމައިގާ ރައީސް ސަލްވާ ކީރުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރި ބާޣީ ޖަމާއަތުގެ ލީޑަރަކަށް ހުންނެވީ އެޤައުމުގެ މިހާރުގެ ނައިބު ރައީސް ރިކް މުޝާރެވެ. މުޝާރު ދެކުނު ސޫދާނުގެ ނައިބު ރައީސަކަށް އައްޔަން ކުރެވުނީ ދެއަހަރުވީ ދާޚިލީ ހަނގުރާމަ ހުއްޓާލައި ދެކުނު ސޫދާނަށް ސުލްޙަ ގެނައުމުގެ އެއްބަސްވުމުގެ ދަށުންނެވެ. ސުލްޙައިގެ އެއްބަސްވުމަށްފަހުވެސް ރައީސް ސަލްވާ ކީރަށް ތާއިދުކުރާ ބާރުތަކާއި ރިކް މުޝާރަށް ތާއީދުކުރާ ހަނގުރާމަވެރިންނާ ދެމެދު ދޭތެރެއަކުން ހަމަލާތައް ބަދަލުކުރަމުން ގެންގޮސްފައިވެއެވެ.

މިދިޔަ ހުރުދުވަހުން ފެށިގެން ރައީސް ސަލްވާ ކީރަށް ވަފާތެރި ސިފައިންނާއި، ރިކްމުޝާރަށް ތާއީދުކުރާ ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ބޭނުމެއް އަދި ލަނޑުދަނޑިއެއްވެސް އަދި ސާފުވެފައެއްނުވެއެވެ. މިހަނގުރާމަ ހުއްޓާލުމާބެހޭގޮތުން ރައީސް ސަލްވާ ކީރު އާއި ނައިބު ރައީސް ރިކްމުޝާރު މަޝްވަރާކުރައްވައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެ ވަޑައިގެންފައިވީނަމަވެސް ހަނގުރާމަ ނިމުމަކަށް އައިސްފައިނުވާ ކަމަށް މުރާސިލުން ބުނެއެވެ.