ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމު ހުއްޓުވުމަށް މިޞްރުން އައު ހުށަހެޅުމެއް ހުށަހަޅައިފިއެވެ. ޖަނަވަރީ 19ވަނަ ދުވަހު ވެވުނު އެއްބަސްވުމެއްގެ ދަށުން މެދުކަނޑައިލާފައިވާ ޢުދުވާންތައް ޔަހޫދީން އަލުން ފަށާފައި ވަނީ މާރިޗު 18ވަނަ ދުވަހުއެވެ. ޤަތުލުޢާންމު ފުޅާ ކުރުމަށް ފަހު، ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދަނީ މެދުކެނޑުމެއް ނެތި ޣައްޒާގެ އެކި ސަރަޙައްދުތަކަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ.
ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް މާރިޗު 18ވަނަ ދުވަހު ފަށާފައިވާ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 700އަށްވުރެ މައްޗަށް އުފުލިފައެވެ. އޭގެ ތެރޭގައި 400އަށްވުރެ ގިނަ އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން އުމޫރުން ހިމެނެއެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާތަކުގައި 65 މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރެއިން 23 މީހުން ޝަހީދު ކޮށްލާފައި ވަނީ ފަތިހު ދިން ރަޙުމު ކުޑަ ޙަމަލާތަކުގައެވެ. އޭގެ ތެރޭގައި ހަތް ކުޑަކުދިން ހިމެނެއެވެ.
ޔަހޫދީންގެ ލާއިންސަނީ ޖަރީމާ ހުއްޓުވުމަށް ކުރަމުންދާ މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާ ކުރަނީ މިޞްރާއި ޤަޠަރުންނެވެ. ޔަހޫދީ ފައުޖުން މިހާރު ދެމުންދާ ޢުދުވާނީ ޙަމަލާތައް ނިމުމަކަށް ގެނައުމަށް މިޞްރުން މި ވަނީ އައު ހުށަހެޅުމެއް ހުށަހަޅާފައެވެ. މިޞްރުން ހުށަހަޅާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ފަސް މީހަކު، ކޮންމެ ހަފުތާއަކު މިނިވަން ކުރުމަށެވެ.
ޙަމާސާއި، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިން ވަނީ މިޞްރުގެ ހުށަހެޅުމަށް ރުހުން ދީފައިވާ ކަމުގައި މިޞްރުގެ ސަލާމަތީ ދާއިރާގެ މަޞްދަރުތަކުން ބުންޏެވެ. ޙަމާސުން މި ކަން ކަށަވަރު ކޮށްދީފައި ނުވާއިރު، މިޞްރުގެ އައު ހުށަހެޅުމަށް ޔަހޫދީން އެއްބަސްވެފައެއް ނުވެއެވެ. ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ދަށުން މިނިވަން ކުރަން ޖެހޭ 33 އަސީރުން ޙަމާސުން މިނިވަން ކޮށްފައިވާއިރު، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި އިތުރު 59 ވަރަކަށް އަސީރުން ތިބި ކަމަށް ޤަބޫލު ކުރެވެއެވެ.
މިޞްރުގެ ހުށަހެޅުމުގައި ބުނެފައި ވަނީ، އެއްބަސްވުމަށް އަމަލު ކުރަން ފެށުމަށް ފަހު ދެވަނަ ހަފުތާގައި، ކުރިން ވެފައިވާ އެއްބަސްވުމުގެ ދެވަނަ މަރުޙަލާއަށް އަމަލު ކުރަން ފަށަަން ޖެހޭނެ ކަމުގައެވެ. އެ މަރުޙަލާގެ ދަށުން ޣައްޒާގެ މުސްލިމުންގެ ނަސްލުޙޭދު ކުރުމަށް ދެމުންދާ ޙަމަލާތައް ހުއްޓައިލައި، އެ ސަހަރަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ހުރިހާ ސިފައިން އެ ސަހަރުން ފައިބަން ފަށަން ޖެހޭނެއެވެ. އަދި، ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް އޮތް ހުރަސްތައް ނައްތައިލަން ޖެހޭނެއެވެ.
ޣައްޒާގައި މިހާރު ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ އެއްގަމު މަގުން އެ ސަހަރުގެ އެންމެ ދެކުނުން އޮތް ރަފަޙަށް އަރައިގަނެފައެވެ. އެ ރަށުގެ ތަލް އަލް-ސުލްޠާން އަވަށުގެ ރައްޔިތުން ބުނީ، ޔަހޫދީ ފައުޖުން އެ ސަރަޙައްދު ވަށައިލުމާ އެކު، ގިނަ އަދަދެއްގެ ބަޔަކު އެ ސަރަޙައްދުގައި ތާށިވެފައިވާ ކަމުގައެވެ. އަދި، އެ މީހުންގެ އަތުން ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ހުސްވެފައިވާ ކަމުގައެވެ. ފަލަސްޠީނުގެ ކުއްލި ހާލަތްތަކާ ބެހޭ އިދާރާއިން ބުނީ، ރަފަޙްގައި ތާށި ކޮށްލާފައިވާ މީހުންގެ އަދަދު 50,000އަށް އަރާ ކަމަށް ބެލެވޭ ކަމުގައެވެ.
ޔަހޫދީ ފައުޖުން ޣައްޒާއަށް މިހާރު ދެމުންދާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ނޫސްވެރިންނާއި އެކުވެރި ދައުލަތްތައް (އދ)ގެ މުވައްޒަފުން ވެސް ހިމެނެއެވެ. ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރި ކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންދާ އދގެ އިދާރާ (އުންރްވާ)ން ބުުނީ، ޔަހޫދީންގެ ޙަމަލާތަކުގައި އެ ޖަމާޢަތުގެ ފަސް މުވައްޒަފުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. މި ޙަމަލާތަކާ ގުޅިގެން ޣައްޒާގެ ނިކަމެތީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ހުރަސް އެޅިފައިވާ ކަމުގައި ވެސް އުންރްވާން ބުންޏެވެ.