ޚަބަރު

ރާއްޖެއައި ބޯޓަކުން މަސްތުވާތަކެއްޗާއެކު 3ދިވެހިން ހައްޔަރުކޮށްފި


އިންޑިޔާއިން ފުރައިގެން ރާއްޖެއަށް ދަތުރުކުރަމުންއައި ބޯޓެއް ބަލައި ފާސްކުރައްވައި، މަގުމަތީ އަގުން 7.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، 3 މީހަކު ހައްޔަރުކުރައްވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިވަޑައިގެން މިމަހުގެ9 ވަނަ ދުވަހު ހިންގެވި މި އޮޕަރޭޝަންގައި، އިންޑިޔާގެ ޓުޓިކޮރިންއިން ފުރައިގެން ރާއްޖެއަށް ދަތުރުކުރި މި ބޯޓް، ފޭދޫފިނޮޅާ ހިސާބު ކަނޑުމަތިން ހުއްޓުވައި ބަލައި، ފާސްކުރެއްވިއިރު، ބޯޓުގައި ހުރި ޕުޓީ ޓައްޕެއްގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޝައްކުކުރެވޭ 4 ޕެކެޓް ވަނީ ވަނީ ފެނިފައެވެ. މީގެ ބަރުދަނުގައި 1.1 ކިލޯ ގްރާމް ހުރި ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ. އަދި ކެނަބިސް ކަމަށް ޝައްކުކުރެވޭ އެއްޗެއްވެސް ފެނިފައިވާ ކަމަށާއި އޭގެ ބަރުދަނުގައި 8.5 ކިލޯގްރާމް ހުރި ކަމަށް ފުލުހުން ވިދާޅުވެއެވެ. img:http://s3.psmnews.mv/images/660x400/14682441290684.jpg|ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އަތުލި މަސްތުވާތަކެތީގެ ބައެއް - ފޮޓޯ: ޕީއެސްއެމް ނިއުސް

ފުލުހުންނާއި ކަސްޓަމްސް ގުޅިވަޑައިގެން ހިންގެވި މި އޮޕަރޭޝަނާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު ސުޒީ ވިދާޅުވީ، މިމައްސަލައާ ގުޅިގެން މިހާތަނަށް 3 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވާފައިވާ ކަމަށާއި މިއީ 3 ދިވެހިން ކަމަށެވެ. img:http://s3.psmnews.mv/images/660x400/14682442385687.jpg|ފުލުހުންނާއި ކަސްޓަމްސް ގުޅިގެން އަތުލި މަސްތުވާތަކެތީގެ ބައެއް - ފޮޓޯ: ޕީއެސްއެމް ނިއުސް

މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޗީފް ސުޕްރިންޓެންޑެންޓް އިސްމާޢީލް ޙަމްދޫން ވިދާޅުވީ، ފުލުހުންނާއި ކަސްޓަމްސް ގުޅިވަޑައިގެން މި އޮޕަރޭޝަން ހިންގެވީ އިންޑިޔާއިން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބިވަޑައިގަތުމާ ގުޅިގެން ކަމަށެވެ. އިންޑިޔާއިން ރާއްޖެއަށް ދަތުރުކުރި މި ބޯޓާ މަސްތުވާތަކެތި ޙަވާލުކޮށްފައިވަނީ ދިވެހިން ކަމަށްވެސް ޙަމްދޫނު ވިދާޅުވިއެވެ. މި އޮޕަރޭޝަނަކީ 72 ގަޑިއިރުގެ އޮޕަރޭޝަނެއް ކަމަށާއި މިއީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށް ފުލުހުން ސިފަކުރައްވައެވެ.