ރާއްޖޭގެ އެއްވެސް ކޯޓަކުން ކޮށްފައިވާ ޙުކުމެއް ބާޠިލްކަމަށް ބުނުމާއި، އެ ޙުކުމަށް ޢަމަލްނުކުރުމަށް އެންގުމުގެ ބާރު ދައުލަތުގެ ބަންޑާރަ ނާއިބަށް ލިބިވަޑައިގެން ނުވާނެކަން ސިވިލްކޯޓުން ބަންޑާރަ ނާއިބަށް އަންގަވައިފިއެވެ.
ދުވަހު ނޫސް "ހަވީރު" ގައި މަސައްކަތްކުރި އެއްވެސް މުވައްޒަފަކު ދެއަހަރު ދުވަސް ވަންދެން އެއްވެސް އެހެން މީޑިޔާއެއްގައި މަސައްކަތް ނުކުރެވޭނެކަމަށް ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމާ ގުޅިގެން ސިވިލް ކޯޓުން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ކުރައްވާފައިވާ އަމުރަކީ ބާޠިލް ޢަމުރެއްކަމަށް ވިދާޅުވެ، ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބަޔާނެއް ނެރުއްވާފައެވެ.
މިކަމާ ގުޅިގެން ސިވިލް ކޯޓުން ދައުލަތުގެ ބަންޑާރަ ނާއިބަށް އަންގަވާފައިވާ އެންގެވުމުގައި، އެކޯޓުން ނެރުއްވާ އަމުރުތަކާއި ނިންމަވާ ނިންމެވުންތަކާމެދު ޢާންމުންގެ ހިތްތަކުގައި ނަފުރަތު އެފެދި ނުކިޔަމަންތެރި ކަމެއް ގެނެސްގަތުމަށް މަގުފަހިވާގޮތަށް ކުރައްވާ މަސައްކަތް ހުއްޓަވާލެއްމަށް އަންގަވާފައިވެއެވެ.
ސިވިލް ކޯޓުގެ އަމުރުގައި 13 ކަމެއް ބަނޑާރަ ނާއިބަށް އަންގަވާފައިވެއެވެ. އޭގެތެރޭގައި، ޢަދުލް އިންސާފް ޤާއިމްކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ޝަރުޢީ ކޯޓްތަކަށްކަމަށް ޤާނޫނު އަސާސީގައި އެނގެން އޮންނަކަމަށާއި، ކޯޓުންކޮށްފައިވާ ޙުކުމެއް ބާޠިލްކަމަށް ބުނުމާއި، ޢަމަލުނުކުރުމަށް އެންގުމާއި ނިޔާ ކަނޑައެޅުމުގެ ބާރު ޝަރުޢީ ކޯޓްފިޔަވައި އެހެން ފަރާތަކަށް ލިބިގެން ނުވާކަމަށް އަންގަވާފައިވެއެވެ. އަދި ކޯޓްތަކުން ކުރާ ޙުކުމްތައް ޞައްޙަނޫންކަމަށް އިސްތިޢުނާފީ މަރުޙަލާގެ ކޯޓަކުން ބުނާ ބުނުމެއް ނޫން ގޮތެއްގައި، އެޙުކުމެއް ޞައްޙަ ނޫންކަމަށް، ނުވަތަ ނަފީކޮށް ކިޔަމަން ނުގަތުމަށް ހިތްވަރުދޭގޮތަށް އެއްވެސް ވާހަކައެއް ދައްކާ ހެދުމުގެ ދުސްތޫރީ ބާރު ބަންޑާރަ ނާއިބަށާއި އެނޫން ފަރާތަކަށްވެސް ލިބިގެން ނުވާކަމަށް އެ އެންގުމުގައިވެއެވެ. އަދި ކޯޓްތަކުން ކުރާ ޙުކުމްތަކަށް ޢަމަލުނުކުރާ ފަރާތްތަކާމެދު ކޯޓުން އަޅާނެ ފިޔަވަޅަކާއި ގޮތްތައް ޤާނޫނާއި، ފަނޑިޔާރުން ގެންގުޅޭ ހަމަތަކުގެ ތެރޭގައި ހުރިކަމަށާއި، ކޯޓުން ކުރާ ޙުކުމެއް ތަންފީޒް ކުރުމުގައި ކޯޓުތަކަށް ގޮތް ހުސްވެނުދާނެކަމަށްވެސް ބަންޑާރަ ނާއިބަށް ސިވިލް ކޯޓުން އަންގާފައިވެއެވެ.
އެހެންކަމުން މި އެންގުންތަކަށް ހުރުމަތް ރައްކާތެރި ކުރުމުގެ ޤަވާއިދުގެ ބާރު ހިންގުމުގައި ބަންޑާރަ ނާއިބާއި، ބަންޑާރަ ނާއިބުގެ އޮފީސް އިސްތިސްނާ ނުވާކަމަށާއި، މައްސަލައަކަށް ނުވަތަ ކޯޓުން ކުރާ ޙުކުމަކަށް ނުފޫޒެއް ނުވަތަ އެފަދަ ބާރެއް ފޯރުވޭނެ ގޮތްތަކަށް ކޯޓު ޙުރުމަތްކެނޑިގެންދާގޮތަށް ތަބާނުވުމަށާއި، އެފަދަ ޢަމަލެއް ކުރާނަމަ ދައުލަތުގެ ބަންޑާރަނަ ނާއިބެއްކަމަކު ކޯޓުގެ ޝަރީޢަތުގެ ތަޅުމަށް ހާޟިރުކޮށް ދައުލަތުގެ އެންމެ މަތީ މަސްލަހަތު ޤާއިމްކުރުމުގެ ގޮތުން އަދުލް އިންސާފަށްޓަކައި ކޯޓުގެ ޙުރުމަތުގައި އަޅާ ފިޔަވަޅު އަޅާނެކަމުގައި ބަންޑާރަނަ ނާއިބަށާއި، ބަންޑާރަނާއިބުގެ އޮފީހަށް ސިވިލް ކޯޓުން އަންގަވާފައިވެއެވެ.